ޚަބަރު

ޝަކީލް އަވަހާރަވުމަކީ މެރިން ރިސާޗްގެ ދާއިރާއިން ޤައުމަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެއް: ރައީސް


  • ޝަކީލް ނިޔާވީ އުމުރުން 64 އަހަރުގައި

  • އޭނާ ނިޔާވިއިރު އޭނާ އަކީ މެރިން ރިސާޗް ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

  • އޭނާ ނިޔާވުމަކީ އެދާއިރާއަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ރައީސް ވިދާޅުވި

  • މަސްވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ އިނާމު ލިބިވަޑައިގެންނެވި

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ޙަސަން ޝަކީލް އަވަހާރަވުމަކީ، އެ ދާއިރާއިން ޤައުމަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޝަކީލް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޝަކީލްގެ އާއިލާއަށް ތައުޒިއްޔާ ދަންނަވާފައެވެ. އަދި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިކަމާއި، ކަނޑުތަކާ ބެހޭ ދިރާސާތައް ކުރެއްވުމުގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ، ޝަކީލް އަވަހާރަވުމަކީ އެ ދާއިރާއިން ޤައުމަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ޝަކީލަކީ މަސައްކަތް ކުރެއްވުމުގައި ހީވާގި، ހިތްވަރު ގަދަ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.


މެރިން ރިސާރޗް އިންސްޓިޓިއުޓް ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި، ޝަކީލަކީ އެ އިދާރާ އުފެދުނީއްސުރެއް އެތަނުގައި މަސައްކަތް ކުރައްވަމުންގެންދެވި ބޭފުޅެކެވެ.

1983 ވަނަ އަހަރު މެރިން ބަޔޮލޮޖިސްޓް ޓްރެއިނީއެއްގެ ގޮތުގައި މިނިސްޓްރީއާއި ގުޅިވަޑިގަތީންސުރެ ޝަކީލަކީ މިނިސްޓްރީއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

އޭގެ ޖެހިގެން އައި އަހަރު ރާއްޖޭގައި މެރިން ސައިންސު ކުރިއަރުވައި ކަނޑުތަކުގެ ވަސީލަތްތައް މެނޭޖްކުރުމަށް ސައިންސުގެ އަލީގައި ލަފާދޭ އިދާރާއެއްގެ ގޮތުގައި މެރިން ރިސާރޗް ސެކްޝަން މިނިސްޓްރީ ދަށުން އުފެއްދުމުން ޝަކީލް ވަނީ އެތަނުގައި މަސައްކަތް ކުރައްވަން ފައްޓަވާފައެއެވެ.

އޭގެ ފަހުން މިއަދާ ހަމައަށް ޝާކީލު ޚިދުމަތް ކުރައްވާފައިވަނީ މެރިން ރިސާރޗް ދާއިރާގައެވެ. ޝަކީލް ވަނީ 1984 އިން 1990 އަށް ރަޝިޔާގައި މާސްޓަރސް އިން ބަޔޮލޮޖީ (އިކްތިއޮލޮޖީ އެންޑް ފިޝް ބްރީޑިންގ) ހާސިލުކުރެއްވުމަށްފަހު، އޭރުގެ މެރިން ރިސާރޗް ސެކްޝަނުގައި ކަނޑުތަކުގެ ދިރުން އާލާކުރުމުގެ މަސައްކަތް ފެށުނީ ޝަކީލުގެ މޭސްތިރިކަމުގެ ދަށުންނެވެ.

މިގޮތުން، ގާހަކަ، މޫދުވިނަ، އިތާމުތް، މާގަނޑުމަސް އަދި މިފަހުން ފާނަ ވިއްސުން ތަޖުރިބާކޮށް، މިބާވަތްތައް ހެޗަރީގައި ވިއްސުމުގެ މަސައްކަތްތައް ކުރެވިގެން ދިޔައީ ޝަކީލުގެ އިސް ނެންގެވުމުގެ ދަށުންނެވެ.

މީގެ އިތުރުން ފަރުމަސްވެރިކަމުގައި ބާނާ ޚާއްސަ ބައެއް ބާވަތްތަކުގެ އާބާދީގެ ހާލަތު ދެނެގަތުމަށް އަލަށް ކުރެވުނު މަސައްކަތްތަކުގައި ޝާކީލުގެ އިސް ދައުރެއް އަދާކުރެއްވިއެވެ. އަދި ކަނޑުތަކުގެ ވަސީލަތްތައް މެނޭޖްކުރުމަށް އޭރުގެ މެރިން ރިސާރޗް ސެކްޝަނުގައި ހިންގުނު ޕްރޮގްރާމް އެކުލަވާލުމުގައި ޝަކީލުގެ ދައުރު ބޮޑެވެ.

ސީނިއަރ ބަޔޮލޮޖިސްޓުގެ (ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް) މަގާމުގައި ޝަކީލް އަކީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުގެ މެރިކަލްޗަރ ޕްރޮގްރާމްގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅާއެވެ.

ޝަކީލް ޚިދުމަތުގައި ހޭދަކުރައްވާފައިވާ 41 އަހަރުގެ ދިގު މުއްދަތުގައި ޝަކީލަކީ ގިނަ މުވައްޒަފުންތަކެއް މެންޓަރ ކުރައްވާފައިވާ، މުވައްޒަފުން ބަލައިގަނެފައިވާ ފަރާތެކެވެ. ޝަކީލަކީ މެރިން ސައިންސުގެ ދާއިރާ ކުރިއަރުވައި މި ދާއިރާއަށް ދިވެހިންގެ ޝައުގުވެރިކަން އިތުރުކުރުމަށް ވަރަށް ޝައުގުވެރިކަމާއިއެކު ގިނަ މަސައްކަތްތަކެއްވެސް ކޮށްދެއްވާފައިވާ ބޭފުޅެއްގެ ގޮތުގައި ފާހަކުރެވެއެވެ.

މިގޮތުން މިދާއިރާއިން އާންމުންނަށް އަމާޒުކޮށްގެން ގިނަ އަދަދެއްގެ އާޓިކަލްތައް ޝާއިއުކުރެއްވުމުގެ އިތުރުން، އިންސްޓިޓިއުޓުގެ ފަރާތުން ހިންގާ ސްކޫލްކުދިން އަހުލުވެރިކުރުމުގެ ޕްރޮގްރާމުތަކުގެ ޝަކީލް ވަނީ ހަރަކާތްތެރިވެފައެވެ.

އުމުރުން 64 އަހަރުގައި ނިޔާވި މެރިން ރިސާޗް އިންސްޓިޓިއުޓަށް އެންމެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅާކަމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ވިދާޅުވިއެވެ. ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ޝަކީލް ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ފާހަގަކޮށް، ސަރުކާރުން ވަނީ 1999 ވަނަ އަހަރު މަސްވެރިކަމުގެ ރޮނގުން އޭނާއަށް ޢާންމު ޚިދުމަތުގެ އިނާމު ދެއްވާފައެވެ.