ސިޔާސީ

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް އެދެފި


ތިންދުވަހުގެ ތެރޭގައި ކައުންސިލް ބައްދަލުވުމެއް ބާއްވައިދިނުމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރުންތަކެއް އެޕާޓީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އަރިހުގައި އެދިވަޑައިގެންފިއެވެ.

ކައުންސިލު ބައެއް މެމްބަރުން މިގޮތަށް އެދިވަޑައިގެންފައިވަނީ އިއްޔެ ރައީސް މައުމޫނަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއެއްގައެވެ.

ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ނަވާރައަށްވުރެ ގިނަ މެމްބަރުން ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައިވަނީ، 3 ދުވަހުގެ ތެރޭގައި ބައްދަލުވުމެއް ބާއްވަން އެދިވަޑައިގަތީ ކުރިޔަށް އޮތީ ޢީދު ބަންދަށް ވުމުންކަމަށެވެ.

ޕީޕީއެމްގެ ކައުންސިލްގައި 33 މެމްބަރުން ހިމެނޭއިރު ނަވާރައަށްވުރެ ގިނަ މެމްބަރުން ސޮއިކުރައްވާ ފޮނުއްވި ސިޓީ ރައީސް މައުމޫނަށް ލިބިވަޑައިގެންފައިވާކަން ޕީއެސްއެމްއަށް އެގިފައިވެއެވެ. އެހެންނަމަވެސް އެކަމުގައި ރައީސް މައުމޫން އަދި ގޮތެއް ނިންމަވާފައެއް ނުވެއެވެ.

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބާއްވައިދިނުމަށް ބައެއް މެމްބަރުން އެދިވަޑައިގެންފައި މިވަނީ ޕާޓީގެ ހުރިހާ ބާރުތަކެއް ރައީސް މައުމޫންގެ އަތްޕުޅަށް ނަންގަވާފައިވަނިކޮށެވެ.