ފަލަސްޠީނުގެ ބިންތައް ހިފުމާއި އެ ބިމުން އެ ޤައުމުގެ ރައްޔިތުން ނެރުމަށްކުރާ އެންމެހާ މަސައްކަތްތައް ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ.
ރާއްޖެއިން މިކަން ކުށްވެރިކޮށްފައި މިވަނީ ފަލަސްޠީނުގެ ބިމުން އެ ޤައުމުގެ އަހުލުވެރީން ނެރެ، އެތަން ތަރައްޤީކުރަން ބޭނުންވާފަދަ މޭރުމަކުން ދުނިޔޭގެ ބާރެއްކަމަށްވާ އެމެރިކާއިން ވާހަކަދައްކާފައިވާ ދަނޑިވަޅެއްގައެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ ބައިނަލްއަޤްވާމީ ޤާނޫނާ އދ.ގެ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެމަތިން 1967ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށްކަމުގައި ކަނޑައެޅުމަށް ގޮވާލައްވާފައެވެ. އަދި މި ބަޔާނުގައި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން އެ ޤައުމަށް ދިނުމަށް ރާއްޖެއިންކުރާ ތާއީދު ތަކުރާރުކުރައްވާފައިވެއެވެ.
ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ ފަލަސްޠީނުގެ ބިންތަކުގައި ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް އާބާދީތައް ޤާއިމުކުރުމާއި ފަލަސްޠީނުގެ ބިންތައް ހިފުމާއި ޣައްޒާއިން ފަލަސްޠީނުގެ ރައްޔިތުން ނެރުމަށްކުރާ އެންމެހާ މަސައްކަތްތައް ކުށްވެރިކޮށްފައެެވެ.
މި ބަޔާނުގައި ބައިނަލްއަޤްވާމީ ޤާނޫނުތައް ނެގެހެއްޓުމަށާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަށް ކަށަވަރުކޮށްދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައިފައިވެއެވެ. އަދި މި މައްސަލައަށް ދާއިމީ ނިމުމެއް އަންނާނީ ޞުލްޙައިގެ މަޝްވަރާގެ ތެރެއިން މިނިވަން ދެ ދައުލަތް ޤާއިމުކުރެވިގެންކަމަށްވެސް ބަޔާނުގައިވެއެވެ.
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ފަލަސްޠީނުގެ މުސްލިމުންގެ ޙާލަތުގެ މައްޗަށް އަލިއަޅުވާލައި ވާހަކަފުޅުދެއްކެވިއެވެ. އެގޮތުން ޣައްޒާގެ ބިމަކީ ފަލަސްޠީނުގެ ރައްޔިތުންގެ މިލްކެއްކަމަށާއި އެ ބިމުން ފަލަސްޠީނުގެ ރައްޔިތުން ބޭލުމަށްކުރާ އެއްވެސް މަސައްކަތަކަށް ރާއްޖެއިން ދުވަހަކުވެސް ތާޢީދުނުކުރާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން އަބަދުވެސް ވަކާލާތު ކުރާނީ 1967ގެ ކުރީގެ ބޯޑަރު ތަކަށް ތަބާވެ، އިރުމަތީ ޖެރޫސަލަމްއަކީ ފަލަސްތީންގެ ވެރިރަށްކަމުގައި ޤަބޫލްކޮށް، ފަލަސްތީންގެ ވަކި ދައުލަތެއް އުފެއްދުމަށް. އަދި ވަކި ދައުލަތެއް ޤާއިމްކުރުމަށް ފަލަސްތީން ރައްޔިތުން ދެކެމުން އަންނަ ހުވަފެން ޙަޤީގަތަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދާއި އެހީތެރިކަން ފަލަސްތީންގެ ރައްޔިތުންނަށް މި ސަރުކާރުން އަބަދުވެސް ދޭނަން." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެހެން ޤައުމުތަކުގެ ބިންތައް ހިފައިގަތުމާ، ފުރާނަޔަށް ގެއްލުންދިނުމާއި އިންސާނީ ކަރާމާތަށް އަރައިގަތުންފަދަ ޖަރީމާތައް ދިވެހިރާއްޖެ އެއްގޮތަކަށްވެސް ބަލައެއް ނުގަންނާނެ ކަމަށެވެ.