ރާއްޖޭގެ ތާރީޚުގައި ހިމެނިފައިވާ ޤައުމިއްޔަތާއި ގުޅުންހުރި ބިނާތަކާއި އާސާރުތައް ޒަމާނާ އެއްގޮތަށް ދިރުވާ އާލާކުރުމުގެ ޤައުމީ މަޝްރޫޢުގެ މުހިންމު މަސައްކަތްތަކެއް މިއަހަރު ތެރޭގައި ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ޤައުމިއްޔަތު އިއާދަކޮށް ދިވެހީންގެ އަމިއްލަވަންތަކަން ދިރުވުމަށް އެމަނިކުފާނު ފައްޓަވާފައިވާ މަސައްކަތްތަކުގެ ތެރޭން މިހިނގާ 2025ވަނަ އަހަރު ތަފާތު އައުކަންތައްތަކެއް ފެށޭނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޤައުމިއްޔަތަކީ ޤައުމެއްގެ އެންމެ އަސާސީ މަޞްލަޙަތުކަމަށެވެ. އެހެންކަމުން އެދާއިރާއަށް ޚާއްސަ އިސްކަމެއްދެއްވާނެކަން ފާހަގަކުރައްވާ ވިދާޅުވީ، މިއަހަރުތެރޭގައި އުސްގެކޮޅާއި ކަޅުއޮށްފުންމިއާއި އެތަނުގެ ޕާކު ހިމެނޭ ގޮތަށް "އިންޓަރެކްޓިވް އިމަރސިވް އެކްސްޕީރިއަންސް"ގެ ޒަމާނީ ދާރުލްއާސާރެއް ވުޖޫދަށް ގެނައުމުގެ މަސައްކަތް ފެށޭނެކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަރިކަ ދިރާސާކުރާ މަރުކަޒުން މިއަހަރުތެރޭ ދިވެހި ސަގާފަތާއި ތަރިކަ ވަކިކޮށް ދެނެގަނެވޭނެ ޔުނިފޯމް ފްރޭމްވޯކްތައް އުފައްދަން ފަށާނެކަމަށެވެ.
އެމަނިކުފާނުވަނީ ތަރިކައިގެ ދާއިރާ ޑިޖިޓަލައިޒުކުރުމުގެ ސިޔާސަތާއި މިސަރުކާރުން އަލަށް ތަޢާރަފުކޮށްފައިވާ ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.
"ޤައުމެއް ދެމި އޮތުމުގެ ވިސްނުން ނުވަތަ ޤައުމިއްޔަތަކީ ކޮންމެ ޤައުމެއްގެ ވެސް އެންމެ އަސާސީ ޤައުމީ މަޞްލަޙަތު. މިގޮތުން ދިވެހީން ދެމިތިބުމަށްޓަކާ، ދިވެހި ޤައުމިއްޔަތާއި ދިވެހީންގެ އަމިއްލަވަންތަކަން ދިރުވައި އިއާދަކުރުމަށްޓަކާ ނުހަނު ގިނަ ކަންކަން މިދިޔަ އަހަރު ވަނީ ކުރެވިފައި. ދިވެހި ޤައުމިއްޔަތުގެ އިސްވަރު އުފައްދައި، އެ އިސްވަރުގެ ފުރަތަމަ އަހަރީ މަހާސިންތާވަނީ ބޭއްވިފައި. ދިވެހި ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު އުފައްދައި، ވިލަރެސްވެރީންނަގައި، ދިރާސާތައްވަނީ ފެށިފައި." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާވަނީ ޣާޒީ ބަންޑާރައިންގެ އަސަރުތައް ރައްކާތެރިކުރުމަށްޓަކައި ހއ. އަތޮޅުގައި ޤައުމިއްޔަތާ ބެހޭ އައު މަޝްރޫޢެއް ކުރިޔަށް ގެންދަވާނެކަމަށްވެސް ވިދާޅުވެފައެވެ. މިމަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ، ބާރަށުގައިވާ މާއްދީ ތަރިކައިގެ ތަންތަން ޒަމާނީ ވަސީލަތްތަކާއެކު އާމްދަނީ ލިބޭނެހެން އާރާސްތުކުރެވޭނެކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖެ ދިވެހީންގެ މިލްކެއްގެ ގޮތުގައި ދެމި އޮންނާނީ މި ފަދަ ޒިކުރާތަކުން ފިލާވަޅު ލިބިގަނެ ޖީލުން ޖީލަށް މިކަންކަން ރައްދުކޮށްދީގެންކަމަށެވެ.