ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެވަނަ ރިޔާސީ ބަޔާން، ޤައުމުގެ ކުރިމަގަށް އުއްމީދީ ވާހަކަފުޅުތަކެއް


  • ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ ފެށީ ޤުރުއާން ކިޔެވުމުން

  • ރައީސް ވަނީ ޤައުމުގެ ކުރިމަގަށް ހުރި ކަންކަން ހިއްސާކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމުގެ ކުރިމަގާމެދު އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަންކަން ހިއްސާކުރައްވައި ރިޔާސީ ބަޔާން އިއްވަވައިފިއެވެ.

ރިޔާސީ ބަޔާނަކީ ޤާނޫނުއަސާސީގެ 84ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކަށް ރައްޔިތުންގެ މަޖިލިސް ފަށާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ބަޔާނެކެވެ. މިބަޔާނުގައި ޤައުމުގެ މިހާރުގެ ހާލަތާއި އެހާލަތު ކުރިއެރުވުމަށް ގެންގުޅުއްވާ ތަސައްވަރު ހިއްސާކުރައްވައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ދެކަނބަލުންނަށް މަރުހަބާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲގެ ދެކަނބަލުންނެވެ. ރައީސް ވަނީ މިއަދުގެ ޖަލްސާގައި 2 ގަޑިއިރަށްވުރެ ގިނައިރުގެ ރިޔާސީ ބަޔާނެއް އިއްވަވާފައެވެ.

ރައީސް ރިޔާސީ ބަޔާން އިއްވެވުމުގެ ކުރިން ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށިއެވެ. މިއީ ރިޔާސީ ބަޔާން އިއްވާ ޖަލްސާއެއް ޤުރުއާނުގެ ބަރަކާތުން ފެށި ފުރަތަމަ ޖަލްސާއެވެ.

ރައީސުލްޖުމްޙޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމުން މަޖިލީހުގައި އިދިކޮޅު ތަމްސީލު ކުރައްވާ މެންބަރުން އެ ބަޔާނަށް ހުރަސް އަޅުއްވަން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކުރައްވާފައެވެ.

ރައީސް އިއްވެވި ރިޔާސީ ބަޔާނުގައި ޤައުމުގެ މިހާރުގެ ހާލަތު ހާމަކުރެއްވިއެވެ. އަދި މި ފާއިތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން އެކި ދާއިރާތަކުން ކުރެއްވި މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ހިއްސާ ކުރެއްވިއެވެ. އެގޮތުން، ޤައުމުގެ އިގްތިސާދު ވެއްޓިފައިވާ އަނދަވަޅުން ނަގައި އިގްތިސާދު ހަމަ މަގަށް އެޅުމަށް ކުރައްވާ ކަންކަން ރައީސް ހާމަކުރެއްވިއެވެ.

މީގެ އިތުރުން ޤައުމުގެ މިހާރުގެ ހާލަތާއި، މިއަހަރު ކުރިއަށްގެންދަވާނެ މަޝްރޫއުތަކާއި މިހާރު ފަށާފައިވާ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލުވެސް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި ހިއްސާކުރެއްވިއެވެ. އަދި ރައީސް ވިދާޅުވީ ޚާރިޖީ ގުޅުން ގާއިމުކުރެއްވުމުގައި އަބަދުވެސް ބައްލަވާނީ ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ކަމަށާއި ދިވެހިންނާއި ރާއްޖެއަށް ފައިދާ ކުރަނިވި ކަންކަމުގައި ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށާއި އަވަށްޓެރި ޤައުމުތަކާ ގުޅުން ބަދަހިކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން މިއަހަރަށް ގިނަ ބިލުތައް ހުރުމުން އެ ބިލުތައް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.