ޒަމާނީ ޓެކްނޮލޮޖީއާއެކު އަންހެނުންނަށް ޚާއްސަ ބަލިތަކަށް ފަރުވާދިނުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ އަންހެނުންނަށް ޚާއްސަ ބަލިތަތަކަށް އަމާޒުކޮށްގެން ކުރާ ސަރޖަރީތަކާ ގުޅޭގޮތުން ކުރިއަށްގެންދިޔަ "ހިޔަލަ ސަރޖިކަލް ވަރކްޝޮޕް 2025"ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވީ އަންހެނުން ބާރުވެރިކުރުވުމަށްޓަކައި އަންހެނުންނަށް ޚާއްސަ ބަލިތަކަށް ދެވޭ ފަރުވާ ކުރިއަރުވަންޖެހޭ ކަމަށެވެ. އެގޮތުން ޒަމާނީ ވަޞީލަތްތަކާއި އައު ޓެކްނޮލޮޖީއާއެކު އަންހެންނަށް ޚާއްސަ ބަލިތަކަށް ދެވޭ ފަރުވާ ކުރިއަރުވަންޖެހޭކަމަށާއި އެއީ ވަރަށް މުހިންމުކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
ރައީސްގެ އަނބިކަނބަލުން ވިދާޅުވީ އައިޖީއެމްއެޗްގައި ކުރިއަށްގެންދިޔަ މި ވަރކްޝޮޕުން ވީހާވެސް ތަދު ކުޑަވާނެ ގޮތަށް، އަވަހަށް ބަލި ފަސޭހަވާނެ ސަރޖަރީތަކެއް އެނގިގެންދާނެ ކަމަށެވެ.
"އަންހެނުން ބާރުވެރިކުރުވުމަކީ ހަމައެކަނި އެމީހުންނަށްޖެހޭ ބަލިތަކަށް ފަރުވާކުރުމެއް ނޫން. އެކަމަކު އެމީހުންގެ އިޙުސާސްތައް ދެނަގެނެ، ދިމާވާ ދަތިތަކަށް އެމީހުންނަށް އެހީވެދޭންޖެހޭ." ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ އަންހެނުންނަށް ޚާއްސަ ބަލިތައް ތަޙައްމަލުކުރާ މީހުން، ރަނގަޅު ފަރުވާއެއް ނުދެވޭތީ ބޮޑެތި ދަތިތަކާއި އުނދަގޫތައް އެ މީހުންނަށް ދިމާވާ ކަމަށެވެ. އަދި އައު އުކުޅުތަކާއި ޓެކްނޮލޮޖީތަކާއެކު މިފަދަ ބަލިތައް ތަޙައްމަލުކުރާ މީހުން އިޙުސާސްކުރަންޖެހޭ ތަދު ވަރަށް ބޮޑަށް ކުޑަކޮށް، ބަލިން އަވަހަށް ފަސޭހަވުމަށް މަގުފަހިކޮށްދެވިދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ޢަބްދުއްރައްޒާޤު ޙަލީމް ވަނީ އައު ޓެކްނޮލޮޖީގެ އެހީގައި ވަރކްޝޮޕްގައި ކުރެވުނު ސަރޖަރީތައް ކުރުން ވަރަށް އަވަހަށް ފެށޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
"ރާއްޖޭގައި މުޅިން އަލަށް 22 ސަރޖަރީއެއް ވަރކްޝޮޕްގައި މި ކުރެވުނީ. ވަރަށް އަވަހަށް ހޮސްޕިޓަލުތަކުގައި މި ސަރޖަރީތައް ކުރެވެން ފެށޭނެ. ބައެއް ވަޞީލަތްތައް ހޯދައި، މީހުން ތަމްރީންކުރަންޖެހޭ. އަޅުގަނޑުމެންގެ އަމާޒަކީ މިކަން ވަރަށް އަވަހަށް ފެށުން." ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.
ހިޔަލަ ސަރޖިކަލް ވަރކްޝޮޕް 2025 ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މިމަހުގެ 5 ވަނަ ދުވަހާ ހަމައަށެވެ. މި ވަރކްޝޮޕުގައި ރާއްޖޭގައި މުޅިން އަލަށް 22 ސަރޖަރީއެއްކޮށްފައިވެއެވެ. މި ވަރކްޝޮޕުގައި އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންވެސް ވަނީ ބައިވެރިވެފައިވެފައެވެ.
މި ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ޗައިނާގެ ބެއިޖިންގައި މަސައްކަތްކުރާ ތަޖުރިބާކާރު ޕްރޮފެސަރެއްކަމަށްވާ ޑރ. ޝިއައުމިންގް ގޮންގް ވަނީ ރާއްޖެ ވަޑައިގެންފައެވެ. ޕްރޮފެސަރ ޑރ. ޝިއައުމިން ގޮންގްއަކީ މިނިމަލް އިންވޭސިވް ގައިނަކޮލޮޖިކް ސަރޖަރީ (އެމް.އައި.ޖީ.އެސް) ގެ ރޮނގުގައި ފާހަގަކޮށްލެވޭ ދުނިޔޭގެ ފެންވަރުގެ މާހިރެކެވެ.