ބާސެލޯނާއަށް ކުޅެމުން އައި އިނގިރޭސި އަންހެން މިޑްފީލްޑަރު ކެއިރާ ވޮލްޝް ޗެލްސީއަށް ބަދަލުވެއްޖެއެވެ.
ހުސްވި ތިން ސީޒަނުގައި ވެސް ބާސެލޯނާ ހޯދި ކާމިޔާބީތަކުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާ ކުލަބު ބަދަލުކުރީ އޭނާގެ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާންދާތީ އެވެ.
ޗެލްސީން އޭނާ ގަތީ ބާސެލޯނާ އަށް ފަސް ލައްކަ ފަންސާސް ހާސް ޔޫރޯ ދީފަ އެވެ. މިއީ މީގެ ފަސް އަހަރު ކުރިން މެންޗެސްޓާ ސިޓީގައި ހުއްޓައި ބާސެލޯނާ އިން އޭނާ ގަތް އަގަށްވުރެ އެއްލައްކަ ޔޫރޯ އިތުރު އަދަދެކެވެ.
އޭނާ ޗެލްސީ އަށް ބަދަލުވީ ބާސެލޯނާއިން ކޮންޓްރެކްޓް އާކުރުމަށް ވާހަކަ ދައްކަމުން ދަނިކޮށެވެ. ނަމަވެސް ބާސެލޯނާގެ ޓީމުގެ މެދުތެރޭގައި މޮޅު ކުޅުންތެރިން ގިނަވުމުން އޭނާ އަށް މި ސީޒަނުގައި ބަރާބަރަށް ފުރަތަމަ 11އިން ޖާގަ ނުލިބޭތީވެ ވޮލްޝް ނިންމީ ޗެލްސީ އަށް ބަދަލުވުމަށެވެ.
ބާސެލޯނާގެ މެދުތެރޭގެ ވާދަވެރިކަން ބޮޑުވީ އަނިޔާއިން ރަނގަޅުވެގެން ކެޕްޓަން އެލެގްޒިއާ ޕުޓެޔާސް ފޯމުގައި ކުޅެން ފެށުމުންނެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދާފައިވާ ކެޕްޓަން މިދިޔަ ސީޒަނަށް ފަހު ކޮންޓްރެކްޓް އާކުރީ އޭނާ އަށް ފުރަތަމަ 11އިން ޖާގަ ދޭން ޝަރުތުކޮށްފަ އެވެ.
މެދުތެރޭގައި ދެންހުރި އެންމެ މޮޅު ކުޅުންތެރިޔާ އަކީ ޕުޓެޔާސް އަށް ފަހު މިދިޔަ ދެ އަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އައިޓާނާ ބޮންމާޓީ އެވެ.
ވޮލްޝް ޗެލްސީ އަށް ސޮއިކުރީ އޭނާ ގަތުމަށް އާސެނަލްއިން ވެސް މަސައްކަތް ކުރަނިކޮށެވެ. މި ގޮތުން މިދިޔަ ސެޕްޓެމްބަރު މަހު އާސެނަލްއިން އޭނާ ގަތުމަށް ބިޑް ވެސް ކުރި އެވެ.
އިނގިރޭސި މީޑިއާތަކުން ބުނަނީ ވޮލްޝް ޗެލްސީ އަށް ބަދަލުވުމުން މި ސީޒަނަށް ފަހު އިނގިރޭސި މަޝްހޫރި ބައެއް ކުޅުންތެރިން ޗެލްސީ އަށް ސޮއިކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. މީގެ ތެރޭގައި މެންޗެސްޓާ ސިޓީގެ ފޯވަޑް ޗޯލް ކެލީ ހިމެނެ އެވެ.