ކެންސަރު ބައްޔަކީ މަރު ބައްޔެއްކަމަށް ޤަބޫލުކުރެވިފައި އޮތްނަމަވެސް މިބައްޔަކީ މަރުބައްޔެއް ނޫންކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. ބަލީގެ ކުރީކޮޅު ދެނެގަނެވި، ރަނގަޅު ފަރުވާއެއް ހޯދިއްޖެނަމަ، ބަލިން އަރައިގަނެ ދިރިއުޅުން ކުރިއަށްގެންދިޔުމުގެ ފުރުސަތު އޮތް ބައްޔެކެވެ. އެހެންނަމަވެސް މިއީ ވޭން ހުރި ބައްޔެކެވެ.
އެހެންކަމުން ބައްޔާއި މެދު އާންމު ހޭލުންތެރިކުރުވާ މިކަމުގައި ހުރި ހިރާސްތަކާއި ދެކޮޅަށް މަސައްކަތްކުރުމަށް ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ ގޮތުގައެވެ.
ކެންސަރުގެ ވޭނަކީ އެކަން ތަޙައްމަލުކުރާ ބަލި މީހާގެ އިތުރުން އެމީހާގެ ޢާއިލާއިންވެސް އުފުލާ ވޭން ހުރި ބައްޔެކެވެ. ކެންސަރުގެ އެކި ވައްތަރުތައް ރާއްޖޭގައި އާއްމުންވަމުންދާއިރު މިކަމާއި ގުޅުންހުރި އެތައް ކަންބޮޑުވުމެއް އެބަހުއްޓެވެ. ރާއްޖޭގައި ކެންސަރުގެ ދަފްތަރެއް ޤާއިމުކޮށް ދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.
މާލެ ސަރަޙައްދުން މިހާތަނަށް މި ދަފްތަރުގައި 1600 އަށްވުރެ ގިނަ މީހުން ދަފްތަރު ކުރެވިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވިދާޅުވެއެވެ. ރަށްރަށުގައި ތިބި ކެންސަރު ބަލި މީހުންގެ މަޢުލޫމާތު މިދަފްތަރުގައި ހިމެނުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވާކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގައި ކެންސަރުގެ އެންމެ އާއްމު ވައްތަރުތަކުގެ ތެރޭގައި އަނގައިގެ ކެންސަރާއި، އުރަމަތީގެ ކެންސަރާއި، ރަޙިމުގެ ދޮރަށްޖެހޭ ކެންސަރާއި، ތައިރޮއިޑް ކެންސަރާއި އޮވަރީގެ ކެންސަރު ހިމެނެއެވެ. އަދި ކުޑަކުދިންގެ މެދުގައި ލޭގެ ކެންސަރު ފެންނަ މިންވަރުދަނީ އިތުރުވަމުންނެވެ.
ކެންސަރު ބައްޔަށް ހުށައެޅުމުގެ މައިގަނޑު ސަބަބުތަކުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލުކުރުން ހިމެނޭއިރު، ދުންފަތާއި ދުރަށް ދިޔުމަށް މަސައްކަތްކުރާ އާބާދީ މަދުވުމާއި، ދުންފަތަށް ހުށައެޅެމުންދާ އާބާދީ އިތުރުވުމަކީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރަންޖެހޭކަމެއްކަން ހާމަވާކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރައްވައެވެ.
ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކެންސަރަށް ޚާއްސަ ހޮސްޕިޓަލެއް ތަރައްޤީކުރެއްވުމަށް ނިންމަވާފައިވާއިރު މިދާއިރާއިން އިންސާނީ ވަޞީލަތް ތަރައްޤީކުރަން މިއަދުވަނީ ޚާއްސަ އިސްކަމެއް ދޭންޖެހިފައެވެ. ރާއްޖޭގައި އެންމެ އާއްމުންވަމުންދާ މިބަލިމަޑުކަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް މިވަގުތު ތިބީ ދިވެހި 2 ޑޮކްޓަރުންނެވެ.
ކެންސަރުގެ ފަރުވާއަށް ބޭނުންވާ ކީމޯ ތެރަޕީގެ ޚިދުމަތް ރާއްޖޭގައި ދެވުނުނަމަވެސް ބަލި މީހުންގެ ނިސްބަތުން އަދިވެސް އެންމެ އެދެވޭ މިންވަރަށް މި ޚިދުމަތް ފޯރުކޮށްދެމުންދާ ހޮސްޕިޓަލުތަކުގައި މި ޚިދުމަތް ނެތްކަން އެ ހޮސްޕިޓަލުތަކުން ފާހަގަކުރައްވައެވެ.
މިގޮތުން ހުޅުމާލޭ ހޮސްޕިޓަލުގައި 2012 ވަނަ އަހަރު ޚިދުމަތް ފެށިއިރު 5 އެނދު ހުރ އިރު މިއަދުވެސް އެ ހޮސްޕިޓަލުގެ ކީމޯ ޑިޕާޓުމަންޓުގައި ހުރީ 5 އެނދެވެ.
ކެންސަރުގެ ފަރުވާގައި ބޭނުންވާ ބޭހާއި އިންޖެކްޝަންތައް ލިބެން ނެތުމުގެ ކަންބޮޑުވުން މިޚި ދުމަތްދެއްވާ ޑޮކްޓަރުންނާއި ނަރުހުންގެ އެބައޮތެވެ. މިއީ މައްސަލައެކެވެ. އެހެންކަމުން ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ބަލި މީހުންގެ ފަރުވާއަށް ބޭނުންވާ ބޭހާއި އިންޖެކްޝަން ލިބޭނެ އިންތިޒާމު ހަމަޖައްސަން އެބަޖެހެއެވެ.
ކެންސަރު ބައްޔަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން އެބައްޔެއްގައި އެންމެ ގިނަ ބަޔަކު ރާއްޖެއިން ބޭރުން ބޭސްފަރުވާއަށް ދިޔުމަށް އާސަންދައިގެ އެހީ ހޯދާ ބައްޔެވެ. މީގެ މާލީ ބުރަ ޢާއިލާތަކުގެ އިތުރުން ދިވެހި ދައުލަތުންވެސް އުފުލަންޖެހެއެވެ. އެހެންކަމުން ކެންސަރު ބަލިން އަރައިގަތުމަށް ޢާއިލާތަކާއި ޤައުމެއްގެ ޙައިސިއްޔަތުން ކޮންމެ ދިވެއްސަކުވެސް މަސައްކަތް ކުރަންޖެހެއެވެ.
ކެންސަރު ބައްޔަށް އެންމެ ބޮޑަށް މަގުފަހިވާ ކަމަކީ ދިރިއުޅުމުގެ ދުޅަހެޔޮ އާދަކާދަތަކާއި ދުރަށްދިއުމެވެ. ދުންފަތުގެ އިސްތިއުމާލުކުރުމާއި، ކެއިންބުއިމުގެ ނުރަނގަޅު އާދަކާދައާއި ހެލިފެލިވެ ނޫޅުމަކީ ބަލިތަކަށް މަގުފަހިކުރުވާ އާދަތަކެވެ. އަދި އެފަދަ އަލާމަތްތައް ފެނި، ބައްޔަށް ސްކްރީން ކުރުން ލަސްކުރުން ހިމެނެއެވެ.
ކެންސަރު ބަލީގެ ދުވަސް އެންމެ ދުވަހަކުން ފާހަގަކޮށް ނިންމާލާ ދުވަހެއްގެ ބަދަލުގައި މިދުވަހުގެ ކަނޑައަޅަންވީ ބަދަލު ގެނައުމުގެ ޢަޒުމެވެ. ކެންސަރާއި ދެކޮޅަށް ކޮންމެ ފަރުދަކުވެސް ތެދުވަން އެބަޖެހެއެވެ.