ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރެއްވި 50 ޓަނުގެ ކަދުރުގެ ތެރެއިން މާލޭ ސަރަޙައްދުގައި ބެހުމަށް ކަނޑައެޅި އަދަދަށް ބަހާ ހުސްވެއްޖެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
1446 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢުދީ ސަރުކާރުން ހަދިޔާކުރެއްވި 50 ޓަނުގެ ކަދުރު ރާއްޖެ ގެނެސްފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައެވެ. މި ކަދުރު ބެހުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވަނީ މިދިޔަމަހުގެ 20 ވަނަ ދުވަހުއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ސަޢުދީ ސަރުކާރުން ހަދިޔާކުރެއްވި 50 ޓަނުގެ ކަދުރުގެ ތެރެއިން މާލޭ ސަރަހައްދަށް ބެހުމަށް ކަނޑައެޅި އަދަދަށް މިހާރު ބަހާ ނިމިފައިވާކަމަށެވެ. އަދި މިއީ ފަހުގެ ތާރީޚެއްގައި ރަމަޟާންމަސް ފެށުމުގެ ކުރިން ކަދަރު ބެހުމުގެ ކަންކަން ކުރިއަށްގެންދެވުނު ފުރަތަމަ ފަހަރުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރުގެ ތެރޭގައި 25،000 ޕެކެޓު ހިމެނޭކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ސަޢުދީން މިއަހަރު ލިބުނު ކަދުރުން ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 25 ޕެކެޓް ކަދުރުކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޟިރުވާ ތަރުތީބުން ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރުކަމަށެވެ.
މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބެހުމުގެ ކަންކަން ކުރިއަށްގެންގޮސްފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ މެދުވެރިކޮށް އިސްލާމީ މަރުކަޒުގައެވެ. ރަށްރަށުގައި ނުވަތަ އަތޮޅުތަކަށް ކަދުރު ބެހުމުގެ ކަންކަން ކުރިއަށްދާނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ.
އާންމުންގެ އިތުރުން ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ތެރެއިން ރަމަޟާންމަހުގެ އިފްތާރު ޕްރޮގްރާމަށް ނުވަތަ ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖައްސައިދޭ ފަރާތްތަކަށްވެސް މިފަހަރު ކަދުރު ދޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި އެކަމަށް ޝައުގުވެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން ނަން ނޯޓުކުރެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މީގެ ކުރިން ވަނީ ދަންނަވާފައެވެ.