ތަރައްްޤީ

އިންޑަސްޓްރިއަލް ވިލެޖުގައި މަލްޓި-ސްޓޯރީ ބިލްޑިންގތަކެއް ހަދަނީ


އިންޑަސްޓްރިއަލް ވިލެޖުން އެކި ކަހަލަ ސިނާޢީ ބޭނުންތަކަށް ޖާގަ ދޫކުރައްވާނީ، އެތަނުގައި އަމިއްލަ ފަރާތްތަކުން ގުދަނާއި، ވޯކްޝޮޕް ފަދަ ތަންތަން އިމާރާތްކުރުމުގެ ބަދަލުގައި ސަރުކާރުގެ ފަރާތުންމަލްޓި ސްޓޯރީ ބިލްޑިންގތަކެއް އެޅުއްވުމަށްފަހުގައި ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މާލޭގެ އިރުދެކުނު ފަރާތުގައި ތަރައްޤީކުރައްވާ އިންޑަސްޓްރިއަލް ވިލެޖްގެ ބިންހެއްކުވުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، އެތަނުގެ ފަސްގަނޑު ޙިމާޔަތްކުރުމަށް ބޭނުންވާ ރިވެޓްމަންޓް ޖެހުމާއި، ބޭރުތޮށި މަރާމާތުކުރުމާއި، ރަނގަޅު ފެންވަރަކަށް މަގުތައް ހެދުމުގެ މަސައްކަތް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

img:http://s3.psmnews.mv/images/660x400/14675577912466.jpg|އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު - ފޮޓޯ: ހައުސިންގ މިނިސްޓްރީ

ޖުލައި 26 ނިޔަލަށް މި މަސައްކަތްތައް ނިންމެވުމަށް ސަރުކާރުން އަމާޒުހިއްޕަވާއިފާއިރު، އެހާތަނަށް އިންޑަސްޓްރިއަލް ވިލެޖުން ޖާގަ ދޫކުރެއްވުމުގެ ކަންކަން ރަސްމީގޮތުން ފެއްޓެވުމަށް އަދި ހަމަޖެހިފައި ނުވާކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައެވެ. ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖުން ޖާގަ ދޫކުރައްވާނީ، އަމިއްލަ ފަރާތްތަކުން އެތަނުގައި ގުދަނާއި، ވޯކްޝޮޕް ފަދަ ތަންތަން ޢިމާރާތްކުރުމުގެ ބަދަލުގައި، ސަރުކާރުން އެފަދަ ތަންތަން ޢިމާރާތްކުރައްވައި، ކުއްޔަށް ދޫކުރައްވާ އުޞޫލުންކަމަށެވެ. އެގޮތުން އިންޑަސްޓްރިއަލް ވިލެޖުގައި މަލްޓި-ސްޓޯރީ ބިލްޑިންގތަކެއް އަޅައިދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ކުރައްވަމުންދާ ކަމަށެވެ. މިގޮތަށް ނިންމެވީ، ބިމުގެ ބޭނުން އެންމެ އެދެވޭގޮތުގައި ކުރެވި، ވީހާވެސް ގިނަ ފަރާތްތަކަށް ފުރުޞަތުދީ، ދައުލަށް އެކަމުގެ ސަބަބުން ލިބޭ އާމްދަނީ އިތުރުކުރެއްވުމުގެ ބޭނުމުގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޖާގަ ދޫކުރައްވާނެ އުޞޫލްތަކާއި، ޝަރުތުތައް ކަނޑައަޅުއްވައި، ވަރަށް އަވަހަށް ޢާއްމުކުރައްވާނެ ކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14675578561237.jpg|އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު - ފޮޓޯ: ހައުސިންގ މިނިސްޓްރީ

މިނިސްޓަރ މުޢިއްޒު ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖުން ޖާގަދެއްވުމުގައި މާލޭގައި މިވަގުތު ޢާއްމު ޞިއްޙަތަށް ގެއްލުންވާފަދަ ކެމިކަލްތަކާއި ސްޕްރޭ ފަދަ ތަކެތި ބޭނުންކުރާ ވޯކްޝޮޕްތައް ހިންގާ ފަރާތްތަކަށް އިސްކަމެއް ދެއްވާނެކަމަށެވެ.

މީގެ އިތުރުން، ސަރުކާރުގެ އެކި ކުންފުނިތަކަށާއި، މުއައްސަސާތަކަށް މާލެތެރެއިން ބިން ހުސްކުރާގޮތަށް ޝަރުތުކޮށް، އިންޑަސްޓްރިއަލް ވިލެޖުން ބައެއް ބިން ދޫކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވެއެވެ. އެގޮތުން މާލެތެރޭގައި ހުރި އެސް.ޓީ.އޯގެ ބައެއް ގުދަންތައް ހުސްކޮށް، އެތަންތަން އިންޑަސްޓްރިއަލް ވިލެޖުން ކަނޑައެޅިފައިވާ ސަރަޙައްދުތަކަށް ބަދަލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެމް.އާރ.ޑީ.ސީން ސައިޓުގެ ގޮތުގައި ބޭނުންކުރަމުންދާ ބިންވެސް ހުސްކުރުމަށްފަހު، އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރެވިގެންދާނެއެވެ.

img:http://s3.psmnews.mv/images/660x400/14675578078099.jpg|އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު - ފޮޓޯ: ހައުސިންގ މިނިސްޓްރީ

ހަމައެހެންމެ އިންޑަސްޓްރިއަލް ވިލެޖްގެ ބޮޑުބައެއް މާލޭ ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ޙަވާލުކުރައްވާފައިވާ ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން، ވެމްކޯގެ ބޭނުމަށް ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. ހައުސިންގ މިނިސްޓަރ ޑރ. މުޢިއްޒު ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖްގެ ހުޅަނގު ފަރާތުން ބޮޑުބައެއް ކުނި އުކާ ބާޖުތަކަށާއި، ދޯނިފަހަރަށް ކައިރިކުރެވޭނޭހެން ތައްޔާރުކޮށްދެއްވާފައިވާކަމަށެވެ.

އިންޑަސްޓްރިއަލް ވިލެޖްގެ މަޝްރޫޢަކީ ގާތްގަނޑަކަށް 160 މިލިއަން ރުފިޔާއަށް އެމް.ޓީ.ސީ.ސީއަށް ޙަވާލުކުރައްވައިގެން ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން މާލޭގެ ކުނި މެނޭޖްކުރުމުގެ މަސައްކަތާއި، މާލެތެރޭގައި ހުރިއެކި ކަހަލަ ކެމިކަލް ގުދަންތަކާއި، ވޯކްޝޮޕް، ގަރާޖްފަދަ ތަންތަން ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އިންޑަސްޓްރިއަލް ވިލެޖްގައި ހެއްދެވުމަށް ހަމަޖެހިފައިވާ މަލްޓި-ސްޓޯރީ ބިލްޑިންގތަކުގެ މަސައްކަތް ނިމި 2017 ވަނަ އަހަރު ފެށެންވާއިރަށް އެތަންތަން ސިނާޢީ އެކި ބޭނުންތަކަށް ދޫކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައެވެ.