ޚަބަރު

ޢީދު ހަދިޔާ ދިނުމުގެ ސަޤާފަތް - އަލުން ދިރުވަންޖެހިފައި


ދިވެހިރާއްޖެއަކީ އިސްލާމް ދީނުގެ ހިދާޔަތް ލިބިފައިވާތާ އެތައް ސަތޭކަ އަހަރެއްވެފައިވާ ޤައުމެކެވެ.

ދިވެހި ރައްޔިތުންވެސް އެކި ދުވަސްވަރު އެކިގޮތްގޮތަށް ޢީދު ފާހަގަކުރަމުން ގެންދެއެވެ. ޢީދު ދުވަސް އައުމުގެ ކުރިން އެކިބާވަތުގެ ފޮނިކާތަކެތި ތައްޔާރުކޮށް، ޢީދު ދުވަހު ގޭގެއަށް ޒިޔާރަތްކުރާ މީހުންނަށް އެތަކެތި ކާންދިނުމާއި ގާތްތިމާގެ މީހުންނަށާއި އެހެން ރަށްރަށުގައި އުޅޭ ރައްޓެހި ރަޙުމަތްތެރިންނަށް ފޮނުވުމަކީ، ކުރަމުން އައި އަދި މިހާރުވެސް ކޮންމެވެސް ވަރަކަށް ކުރަމުން އަންނަ ކަންތައްތަކެވެ. ނަމަވެސް މިކަންކަން މަޑުމަޑުން އަޅުގަނޑުމެންގެ ތެރެއިން ނެތެމުންދާކަމަކީވެސް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. 

ކަން މިހެން އޮތް އިރު މީގެ ކުރިން އަޅުގަނޑުމެންގެ ކާބަފައިން ޢީދު ފާހަގަކުރުމަށް ކުރަމުން އައި ބައެއް ކަހަލަ ކަންކަން އަޅުގަނޑުމެންގެ ބައެއް ރަށްރަށުން ނުފެންނަކަން އެ ރަށްރަށުގެ އިސްރަށްވެހިން ފާހަގަކުރެއެވެ. މިސާލަކަށް ބުނާނަމަ 1980 ގެ އަހަރުތަކުގައިވެސް ފެންކުޅި ފަދަ ކަންކަމަކީ ޢީދުގެ ތެރޭގައި ނުހަނު ފޯރިއާއެކު ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި ކުޅެމުން އައި ކުޅިވަރެކެވެ. ނަމަވެސް ޒަމާނަށް އަންނަމުންދާ ބަދަލުތަކާއި ވިސްނުމާއި އެކު މިހާރު ފެންކުޅި ފަދަ ކުޅިވަރުތައް ރާއްޖޭގެ ބައެއް ސަރަހައްދުތަކުން އެއްގޮތަކަށްވެސް ފެނިގެން ނުދެއެވެ.

img:http://s3.psmnews.mv/images/660x400/7163.jpg|ރާއްޖޭގެ ރަށެއްގައި ކުރިއަށްދިޔަ އީދު ކުޅިވަރުގެ ހަރަކާތްތަކެއްގެ ތެރެއިން- ފައިލް ފޮޓޯ: ޕީއެސްއެމް

ހަމަ މިއާއެކު ޢީދަށް ތައްޔާރުވުމުގެ ގޮތުން ރަށްރަށުން މީގެ ކުރިން ފެންނަ އެއްބައިވަންތަކަމަށްވެސް މިވަނީ ހީނަރުކަމެއް އައިސްފައެވެ. އަޅުގަނޑުމެންގެ ތެރޭގައި އޮތް އެއްބައިވަންތަކަމުގެ ގުޅުން މަޑުމަޑުން ނެތެމުންދާއިރު މިކަމަކީ މިހާރުން މިހާރަށްވެސް ވިސްނާލުން ރަނގަޅުކަމެކެވެ. ދިވެހިންގެ އެއްބައިވަންތަކަމަށް ހުރަސް އެޅޭ ކަންކަން ދުރުކޮށް އަޅުގަނޑުމެންގެ ޢާއިލީވަންތަ ގުޅުން ބަދަހި ކުރަންޖެހޭ މިފަދަ ދުވަސްތަކުގައި އަޅުގަނޑުމެންގެ ކާބަފައިން ދެއްކި ރީތި ނަމޫނާގައި މިއަދު މިވަނީ އަލުން ކުލަޖައްސަން ޖެހިފައެވެ.

އަޅުގަނޑުމެންގެ ކާބަފައިން ޢީދު ފާހަގަކުރަމުން އައިގޮތަށް ޢިޔާދަވެ އެއްބައިވަންތަ ރައްޔިތެއްގެ ގޮތުގައި މިކަން ކުރުމަށް އަޅުގަނޑުމެންނަށް އަނެއްކާވެސް މިލިބެނީ ފުރުސަތެކެވެ. މި ފުރުސަތުގެ ބޭނުން ހިފައި އަޅުގަނޑުމެންގެ ކޮންމެ ފަރުދަކީވެސް މި އަންނަ އީދުދުވަހު މުޖުތަމައުގެ އެއްބައިވަންތަކަން އާލާކޮށް އެންމެހައި މުސްލިމުންނަކީ އެއްބައެއްކަން އަންގައިދިނުމަށް މަސައްކަތްކުރުމަށް އަޒުމް ކަނޑައަޅަން އެބަޖެހެއެވެ. މިކަން މިގޮތަށް ކުރުމަށް މި ކުރިމަތިލާ ޢީދުގައި ކޮންމެ ފަރުދަކުވެސް އަނެއް ފަރުދަކަށް ޢީދު ހަދިޔާއެއް ދިނުމަކީވެސް ކުރެވިދާނެކަމެކެވެ. މިފަދަ ކަންކަމަކީ މުސްލިމް މުޖުތަމަޢުތަކުގައި މިހާރުވެސް އަޅުގަނޑުމެންނަށް ފެންނަމުންދާ ރިވެތި އާދައެކެވެ.