މިއަހަރުގެ ރަމަޟާންމަހަކީ ދުނިޔޭގެ ބޮޑުބަޔަކަށް ހޫނު ގަދަ ދުވަސްވަރެކެވެ. ރާއްޖޭގައި 13 ގަޑިއިރާއި ވަގުތު ކޮޅަކު ރޯދައަށް ތިބެން ޖެހޭއިރު ދުނިޔޭގެ އެހެން ހިސާބުތަކާ އަޅާބަލާއިރު ޔޫރަޕްގައި ގިނައިރުތަކެއް ވަންދެން ރޯދަ އަށް ތިބެންޖެހޭކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެންމެ ގިނަ ވަގުތު ރޯދައަށް ތިބެންޖެހޭ ޤައުމަކީ ޑެންމާކެވެ. އެޤައުމުގެ މުސްލިމުން 24 ގަޑިއިރުގެ ތެރެއިން 21 ގަޑިއިރު ތިބެންޖެހެނީ ރޯދައަށެވެ. އެޤައުމާއި ކައިރި ބައެއް ޤައުމުތައްކަށް 20 ގަޑިއިރު ރޯދަ ހިފަންޖެހެއެވެ. އެގޮތުން ނޯވޭ އަދި ސްވިޑެން ފަދަ ޤައުމުތަކުގައި 20 ގަޑިއިރު ރޯދައަށް ތިބެންޖެހެއެވެ.
img:http://s1.psmnews.mv/images/660x400/14675269637147.jpg|ޔޫރަޕްގެ ޤައުމެއްގައި ރޯދަ ވީއްލުމެއް ކުރިއަށްދަނީ / ޔޫރަޕްގެ ޤައުމުތަކަށް ރޯދައަށް ހުންނަންޖެހޭ ވަގުތު އެހެން ޤައުމުތަކަށް އިތުރު
ސައުތު އެފްރިކާގައި 19 ގަޑިއިރު ރޯދައަށް ތިބެން ޖެހޭއިރު އިނގިރޭސި ވިލާތުގައި ރޯދައަށް ތިބޭ މުސްލިމުންގެ ރޯދައިގެ ވަގުތު 16 ގަޑިއިރާއި 19 ގަޑިއިރުގެ ވަގުތަކަށް ދިގު ދެމިގެންދެއެވެ. ކެނެޑާގައި 19 ގަޑިއިރު ރޯދައަށް ތިބެންޖެހޭއިރު، އެމެރިކާގައި ގާތްގަނޑަކަށް 18 ގަޑިއިރު ހޭދަކުރަންޖެހެއެވެ. އަދި ޖަރުމަނާއި، ފްރާންސްގައި 18 ގަޑިއިރު ރޯދައަށް ތިބެން ޖެހެއެވެ. ސްޕެއިންގައި ރޯދައަށް ތިބެން ޖެހޭވަގުތަކީ 17 ގަޑިއިރެވެ. މި ރަމަޟާންމަހު އެންމެ ކުޑަ ވަގުތުކޮޅެއްގައި ރޯދައަށް ތިބެންޖެހެނީ އާޖެންޓީނާގެ މުސްލިމުންނަށެވެ. އެމީހުން ރޯދައަށް ތިބޭނީ 9 ގަޑިއިރާއި 30 މިނެޓަށެވެ.
img:http://s2.psmnews.mv/images/660x400/14675271709951.jpg|ޔޫރަޕްގެ ޤައުމެއްގައި ރޯދަވީއްލުން ކުރިއަށްދަނީ
އިސްލާމީ ބޮޑެތި ޤައުމުތަކުގެ ތެރެއިން ސައޫދީ އަރަބިއްޔާގައި ރޯދައަށް ތިބެންޖެހޭ ވަގުތަކީ 15 ގަޑިއިރެވެ. ރާއްޖެއާއި ކައިރި މިސަރަޙައްދުގެ ޤައުމުތަކަށް ބަލާއިރު، އިންޑިއާގައި ރޯދަ އަށް ތިބެން ޖެހޭ ވަގުތަކީ 14 ގަޑިއިރާއި 30 މިނެޓްކަމަށްވާއިރު، ޕާކިސްތާނުގައި 15 ނުވަތަ 16 ގަޑިއިރުގެ ވަގުތެއްގައި ރޯދައަށް ތިބެންޖެހެއެވެ.