އަންނަ ނޮވެމްބަރު މަހު ކުރިއަށްދާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެއިން ވަރުގަދަ ގްރޫޕެއްގައި ލައްވާލައިފިއެވެ.
17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކުރިއަށްދާނީ އަންނަ އަހަރު އުޒްބެކިސްތާނުގައެވެ. އެ މުބާރާތުގެ ކޮލިފިކޭޝަން އަންނަ ނޮވެމްބަރު މަހުގެ 08 އިން 20 އަށް ކުރިއަށްދާނީ ތައިލަންޑުގައެވެ.
މި މުބާރާތުގެ ކޮލިފިކޭޝަންގެ ގުރުއަތު ބުރާސްފަތި ދުވަހު ކުރިއަށްދިޔައިރު، ރާއްޖެ ހިމެނުނީ ތައިލެންޑް، އިރާގު، ހޮންގް ކޮންގް އަދި ޗައިނީސް ޓައިޕޭއާ އެކު ގްރޫޕް ބީގައެވެ.
މިއަހަރު ސައުދި އަރަބިއްޔާގައި ކުރިއަށްދިޔަ އޭޝިއަން ކަޕުގެ ކޮލިފިކޭޝަންގައި ވެސް ރާއްޖެ ވާދަކުރިއެވެ. އެ ފަހަރުގެ ކޮލިފިކޭޝަން މެޗުތައް ވެސް ކުރިއަށްދިޔައީ ތައިލަންޑްގައެވެ. އެ ފަހަރުގެ ކޮލިފިކޭޝަންގައި ރާއްޖެ ވާދަކުރީ ތައިލެންޑުގެ އިތުރުން، ތުރުކުމެނިސްތާން، ކުވެއިތު އަދި މޮންގޯލިއާއެވެ. އެ ފަހަރުގެ ކޮލިފިކޭޝަންގައި ރާއްޖެއިން ކުޅުނު ތިން މެޗުން ވެސް ވަނީ ބަަލިވެފައެވެ.
މި ފަހަރުގެ ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ރާއްޖެއިން ނުކުންނާނީ ޗައިނީސް ޓައިޕޭއާއެވެ. ދެވަނަ މެޗުގައި ހޮންގް ކޮންގްއާ ދެކޮޅަށް ނުކުންނައިރު، ތިންވަނަ މެޗުގައި ރާއްޖެއިން ނުކުންނާނީ ތައިލަންޑްއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ރާއްޖެއިން ނުކުންނާނީ އިރާގާ ދެކޮޅަށެވެ.
ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖުގެ އެއްވަނަ ޓީމަށް އަންނަ އަހަރުގެ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުން ޖާގަ ލިބޭނެއެވެ.