ބޭންކް އޮފް މޯލްޑިވްސް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ތައާރަފްކޮށްފައިވާ "ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ" ގެ ފުރަތަމަ ފިޔަވަހި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވީ މީގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 3،000އަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް މާލީ އެހީތެރކަން ފޯރުވައިދީފައިވާކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ތައާރަފްކޮށްފައިވާ "ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ" ފެސިލިޓީއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އަލަށް ފަށަން ނުވަތަ ކުރިއަރުވަން ބޭނުންވާ ދިވެހި ޒުވާނުންނަށް މާލީ އެހީތެރިކަން ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ތައާރަފްކޮށްފައިވާ ފެސިލިޓީއެކެވެ. އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލެވި މި ފެސިލިޓީގެ ދަށުން، އެއްވެސް ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ދޫކޮށްފައިވެއެވެ.
ބީއެމްއެލްއިން ވިދާޅުވީ މިފެސިލިޓީ ނިންމާލިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 3،000 އަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެއްގެ މާލީ އެހީތެރިކަން ފޯރުވައިދީފައިވާކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ މިފެސިލިޓީއަށް މިފެސިލިޓީއަށް ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުމުން އުފާކުރައްވާކަމަށެވެ. އަދި އަމިއްލަ މަސައްކަތްތެރިކަމުގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ޒުވާނުން އެމީހުންގެ އުފެއްދުންތެރި ޚިޔާލުތައް ފައިދާހުރި ވިޔަފާރިތަކަކަށް ބަދަލުކުރުމުގައާއި، ދެމެހެއްޓެނިވި ވިޔަފާރިތައް ބިނާކޮށް ދިގުމުއްދަތުގެ ކާމިޔާބީ ހާސިލުކުރުމަށް ބޭނުންވާ ހުނަރާއި ގާބިލުކަން ތަރައްގީކުރުމުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބޭ ފަޚްރެއް ކަމަށް ސީއިއޯ ވިދާޅުވިއެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގެ ފުރަތަމަ ފިޔަވަހީގެ ދަށުން 3،000 އަށް ވުރެ ގިނަ ދިވެހި ޒުވާނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެވުމަކީ ޒުވާން ވިޔަފާރިވެރިން ބިނާކުރުމަށް އަޅައިދެވުނު މުހިއްމު ބިންގަލެއް ކަމަށެވެ. އަދި އުއްމީދަކީ މި ފިޔަވަހީގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް، ދެން އޮތް ފިޔަވަހީގެ ތެރެއިން އިތުރު ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ބަދުރުއްދީން ހަސަން ވިދާޅުވިއެވެ.
މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، މި އިސްނެގުމުގެ އަމާޒަކީ މާލީ އެހީ ލިބޭ ފަރާތްތަކުގެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން، އެސްއެމްއީ ޑިޖިޓަލް އިން ވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާ ގުޅިގެން، ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ ލިބުނު ފަރާތްތަކަށް މެންޓަރޝިޕާއި، ވިޔަފާރީގެ ތަމްރީނު އަދި ވިޔަފާރި ފޯމަލައިޒްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ އެއްބަސްވެފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވެއެވެ.