އަންނަމަހު ޖަޕާނުގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ތައްޔާރުވަމުން އަންނަ ޤައުމީ ޝޫޓިން ޓީމާމެދު ކުރެވޭ އުންމީދު ބޮޑުކަމަށާ ޓީމުގެ ބައެއް އެތްލީޓުން އޮލިމްޕިކްގެ ފައިނަލުން ފެނުނު ސްކޯތައް ހަދަމުން އަންނަކަމަށް ޝޫޓިން ޓީމުގެ ކޯޗް އިބްރާހީމް ސިމާދް ބުނެފިއެވެ.
މުބާރާތުގައި ރާއްޖެއިން 12 ޝޫޓަރުން ވާދަކުރާއިރު، ޤައުމީ ޓީމުން ޕިސްޓަލް އާއި ރައިފަލް ކެޓަގަރީގެ އިންޑިވިޖުއަލް، މިކްސްޑް އަދި ޓީމް އިވެންޓްތަކުގައި ވާދަކުރާނެއެވެ.
މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޝޫޓިން ޓީމުން ފަރިތަކުރުންތައް ފޯރީގައި ބާއްވަމުން އަންނައިރު، ޤައުމީ ސްކޮޑުގައި ހިމެނޭ ޝޫޓަރުންނަކީ ވަރަށް ހުނަރުވެރި އުންމީދީ އެތްލީޓުންތަކެއްކަމަށް ކޯޗްވަނީ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބުނުފައެވެ. އެގޮތުން ޓީމުގެ ބައެއް ޝޫޓަރުން މިހާރުވެސް އޮލިމްޕިކްގެ ފައިނަލުން ފެނުނު ސްކޯތައް ހަދަމުން އަންނަކަމަށާ އެހެންކަމުން ޓީމާމެދު ކުރެވޭ އުންމީދު ބޮޑުކަމަށް ކޯޗްވަނީ ފާހަގަކޮށްފައެވެ.
"އަޅުގަނޑުމެންގެ ޓީމުގެ ކުޅުންތެރިންނަކީ މިހާރުވެސް ހުނަރުވެރި ކުދިންތަކެއް. އަޅުގަނޑު ފާހަގަކޮށްލަން ބޭނުން އަންހެން ކުދިންގެ ތެރެއިން އެއާ ރައިފަލްގަ އީޝާ، މިހާރުވެސް ސްކޯކުރަމުން އެބަދޭ އޮލިމްޕިކްގެ ފައިނަލުގަ އެންމެފަހުން ވާދަކުރި ޓީމުތަކުން ފައިނަލް ދިޔަ ސްކޯ. އެއީ 629. އަދި އަޅުގަނޑުމެންގެ ޕިސްޓަން ޝޫޓަރ ޒިޔާން. ވަރަށް އެކްސްޕީރިއަންސް ޝޫޓަރެއް، އޮލިމްޕިކްގައި ފައިނަލަށް ދަތުރުކުރާވަރުގެ ސްކޯ އެބަ ހަދާ" ކޯޗް ބުންޏެވެ.
ޝޫޓިން ޓީމުން މިހާރު ކުރަމުން އަންނަކަމަކީ ސްކޯތައް މަތިކުރުމުގެ މަސައްކަތްކަމަށާ އުންމީދަކީ މިހާރުވެސް އެތްލީޓުން ހަދަމުން އަންނަ ސްކޯ މެއިންޓެއިންކޮށް މުބާރާތުގައި ރަނގަޅު ވާދައެއްކުރުންކަމަށް ކޯޗް ބުނެފަވެއެވެ. އަދި ޝޫޓިން ޓީމުގެ އަމާޒަކީ މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދުންކަމަށާ އަމާޒަށް ވާސިލްވުމަށް ކޮންމެ ޝޫޓަރަކުވެސް ޖޯޝާއެކު މަސައްކަތްކުރަމުން އަންނަކަމަށް ކޯޗް ބުނެފަވެއެވެ.
"ޓާގެޓަކީ މި ސްކޯތައް މެއިންޓެއިންކޮށް އޭޝިއަން ގޭމްސްއަށް ގޮސް ރަނގަޅު ވާދައެއް ކުރުން. ހަމަ ރަނގަޅު ފައިޓެއް ދީފަ ރަނގަޅު ސްކޯއެއް ހޯދުން" ސިމާދް ބުންޏެވެ.
20 ވަނަ އޭޝިއަން ގޭމްސް 2026 ނުވަތަ އައިޗީ – ނަގޯޔާ 2026 ގައި ރާއްޖެއިން ވާދަކުރާ ކުޅިވަރުތަކަކީ ޝޫޓިންގެ އިތުރުން ސާފިން، ސްވިމިން، ޓޭބަލް ޓެނިސް، އެތުލެޓިކްސް، ބެޑްމިންޓަން އަދި ޓޭބަލްޓެނިހެވެ. މިމުބާރާތުގައި ޖުމްލަ 45 ޤައުމަކުން ގިނަ އަދަދެއްގެ އެތުލީޓުން ވާދަކުރާނެއެވެ.