ޚަބަރު

ރޯދައަށް މާލޭ ހުކުރު މިސްކިތާއި މުންނާރާއި މެދުޒިޔާރަތުގެ އާބާތުރަ ފިލުވަން ފަށައިފި


  • ރޯދަ މަހަށް މިތަންތަން ޒީނަތްތެރިކޮށް ނިންމާނެ

  • އެންމެ އިސްކަމެއްދޭނީ މުންނާރުގެ އުވަކަހާ އުވަލުމާއި ކުލަލުމަށް

މާލެ ހުކުރު މިސްކިތާއި މިސްކިތު ގޯތިތެރެ އަދި މުންނާރާއި މެދުޒިޔާރަތުގައި ކުރަން ހުރި އާބާތުރަފިލުވުމާއި މަރާމާތުކުރުމުގެ މަސައްކަތް، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ސްޓެލްކޯ ގުޅިގެން ފަށައިފިއެވެ.

މާލެ ހުކުރު މިސްކިތާއި މިސްކިތު ގޯތިތެރެ އަދި މުންނާރާއި މެދުޒިޔާރަތުގައި ކުރަން ހުރި އާބާތުރަފިލުވުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުންނެވެ. ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހުގެ ކުރިން ހުކުރު މިސްކިތާއި އެމިސްކިތުގެ ގޯތިތެރޭގައި ހުރި ތަންތަނާއި މުންނާރުގެ އާބާތުރަފިލުވުމުގެ މަސައްކަތް ނިންމައި، ރޯދަ މަހަށް އެސަރަޙައްދު ޒީނަތްތެރިކޮށް ނިންމާނެކަމަށެވެ.

ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުމަކީ ސްޓެލްކޯގެ އިޖްތިމާޢީ ޒިންމާގެ ދަށުން އެކުންފުނިން ކުރަމުން އަންނަ މަސައްކަތެކެވެ. މިއަހަރުގެ މަސައްކަތުގެ ތެރޭގައި މުންނާރުގެ އިތުރުން ހުކުރު މިސްކިތުގެ ގޯތިތެރެ ސާފުކުރުމާއި މެދު ޒިޔާރަތުގައި ހުރި އާބާތުރަ ފިލުމުގެ އިތުރުން، އެތަނުގައި ހުރި ބައެއް އެހެނިހެން އާސާރުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ.

އެހެންނަމަވެސް މި މަސައްކަތުގެ ތެރެއިން އެންމެ އިސްކަމެއްދޭނީ މުންނާރުގެ އުވަކަހާ އުވަލުމާއި ކުލައާއި ދަވާލުލާންޖެހޭ ތަންތަނުގައި ކުލައާއި ދަވާދުލުންކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވެ. އެގޮތުން މިހާރު ކުރިއަށް ދަނީ އެ އެމަސައްކަތްކަމަށް ވިދާޅުވިއެވެ. އަދި މެދުޒިޔާރަތުގައި ކުލަލުމާއި އެ ޒިޔާރަތުގެ މާރާމާތުތައް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ދާނެއެވެ.

މުންނާރުގެ މަރާމާތާއި އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ސްޓެލްކޯއާ ދެމެދު 4 ފެބްރުއަރީ 2024ގައި ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން 2025 ޖަނަވަރީ 26 އިން 2025 ފެބަރުއަރީ 24 ނިޔަލަށް މުންނާރު އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ.