ހޯކްސް ކުންފުނީގެ ބޯޓެއްގައި ރާއްޖެއަށް ސިއްރުން ސިނގިރޭޓި އެތެރެކުރި މައްސަލާގައި މަނީ ލޯންޑްރިންއާއި ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގެ މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައިގައި ތުހުމަތު ކުރެވެނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ބޭރަށް ދަތުރުކުރާ އުޅަނދެއް ކަމަށްވާ ދަ ހޯކްސް ޖަވާހިރު ބޯޓުން ސިއްރުން ސިންގިރޭޓް އެތެރެކޮށްފައިވާ ކަމަށެވެ. އެ ބޯޓުން ދިވެހިރާއްޖެއަށް 200 މާސްޓަރ ކާޓަން މެންޗެސްޓަރ ސިނގިރޭޓް އެތެރެކޮށްފައިވާކަމަށް ފުލުހުން ނެރެފައިވާ ބަޔާނުގައި ވިދާޅުވިއެވެ.
ފުލުހުންގެ ތަހުޤީޤުގަށް މިހާތަނަށް ބެލި ބެލުމުން މިދިޔަ އަހަރު އޮކްޓޯބަރ މަހު 24 ވަނަ ދުވަހު ރާއްޖެއަށް އައި ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ބޯޓުގެ މެނިފެސްޓުގައި ނުހިމަނައި ރާއްޖެއަށް ގެނެސްފައިވާކަން އެނގިފައިވާކަމަށް ފުލުހުން ވިދަޅުވިއެވެ. އަދި އޭގެ ޖެހިގެން އައި ދުވަހު ރޭގަނޑުގެ ވަގުތެއްގައި ކ. ތިލަފުށީގައި ހުންނަ ހޯކްސް ބޯޓު ޔާޑުގެ ޖެޓީއަށް މި ސިނގިރޭޓްތައް ބާލައިގެން ސިއްރުން ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގެ ތަހުގީގު ބިނާވެފައިވަނީ މައިގަނޑު ދެ ކުށެއްގެ މައްޗަށް ކަމަށް އެއިދާރާއިން ވަނީ ހާމަކުރައްވާފައެވެ. އެއީ ކަސްޓަމްސްގެ ގާނޫނު ގެ 97 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުމުގެ ކުށާއި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިންގ ކުށެވެ.
މި މައްސަލަ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ތަހުޤީޤު ކުރަމުންދާއިރު މީގެ ކުރިން ކަސްޓަމްސް އިން ވަނީ މިމައްސަލަ ބަލަމުންދާކަމަށް ވިދާޅުވެފައެވެ. އަދި ކަސްޓަމްސް ޤާނޫނު މިފަދަ މައްސަލަތަކުގައި ތަންފީޒުކުރުމަށް ފަސްނުޖެހޭނެ ކަމުގެ ޔަޤީންކަން އެއިދާރާއިން މީގެ ކުރިން ވަނީ ދީފައެވެ.