ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި އެޅުމަށް ވެވަޑައިގެންފައިވާ އެއަރޕޯޓްގެ މަސައްކަތް މިއަހަރު ކުރިއަށްދާނެކަމަށާއި، ދިއްދޫގެ ތަރައްޤީގައި މިސަރުކާރުން ނަތީޖާ ނެރެދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ދިއްދޫގެ ތަރައްޤީއަށް ވަޢުދުތަކެއް ވެވަޑައިގެންފައިވާކަމަށާއި، ރައްޔިތުންނަށް ކޮށްދޭނެކަމަށް ބަޔާންކުރެއްވި ކޮންމެ ކަމަކީ ރައްޔިތުންނަށް ކޮށްދެވޭނެކަމުގެ ޔަޤީންކަން އޮތުމުން ވެވަޑައިގެންފައިވާ ވަޢުދުތަކެއްކަމަށެވެ. ރައީސް ވިދާޅުވީ އެންމެ ޚާއްޞަކަމަކަށް އެއަރޕޯޓްގެ މަސައްކަތަކީ ދިއްދޫގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުއެއްކަމަށާއި، އެއީ ދިއްދޫއާއި، މުޅި އަތޮޅުގެ މެދު އަދި ދުރު ރާސްތާގެ ތަރައްޤީގެ ޕްލޭނަށް މުހިންމު މަޝްރޫޢުއެއްކަމަށެވެ.
ރައީސް ވިދާޅުވީ، އެންމެ އުތުރުގެ 4 އަތޮޅު އެކުއެކީ އިންޓެގްރޭޑެޓް ތަރައްޤީ ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާފައިވާއިރު، އެ 4 އަތޮޅުގައި ބޮޑެތި ޢުމްރާނީ އެތައް މަޝްރޫޢުއެއް ހިންގާނެކަމަށެވެ. ދެކުނުގެ 4 އަތޮޅުވެސް އެގޮތަށް ތަރައްޤީކުރުމަށް ނިންމަވާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި މަފްހޫމް ހަގީގަތަކަށް ހެދުމަށް ދިއްދޫގައި އެއަރޕޯޓް ތަރައްޤީކުރައްވާނެކަމަށެވެ. އެކަމަށް ބޭނުންވާބައެއް މަސައްކަތްތައް ފަށާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ދޭ ޔަޤީންކަމަކީ އިރާދަކުރެއްވިއްޔާ މިއަހަރު ބިން ހިއްކުމާއެކު އެއަރޕޯޓްގެ އަމަލީ މަސައްކަތްފަށާއި، ދެން ކުރަންޖެހޭ ޝޯ ޕްރޮޓެކްޝަނާއި ރަންވޭ އަދި ޢިމާރާތާއެކު ފެށޭ ހިސާބުން ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިމައިދޭނަމޭ. ދެން މިރަށަކަށް އަންނާނީ އެ އެއަރޕޯޓްގައި ޖައްސާ ފްލައިޓުގައި. އެންމެ ފުރަތަމަ ޓިކެޓު ނަގައިގެން އަންނަ ބޭފުޅުންގެ ތެރޭގައި ސިޔާސީ ގޮތުން ޚިޔާލު ތަފާތު ބޭފުޅުން ހިމެނޭނެކަން ޔަޤީން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވިޔަސް ކޮންމެ ރައްޔިތެއް އެމަނިކުފާނަށް ހަމަހަމަކަމަށާއި، ރަށަށް ގެންނަ ތަރައްޤީއަކީ ސިޔާސީ މަސައްކަތެއް ނޫންކަމަށެވެ. އެއީ ހުރިހާ ރައްޔިތުން އެއްބާރުލުމާއެކު ކުރަންޖެހޭކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މުޅި ޤައުމު ތަރައްޤީކުރުމުގައި އެމަނިކުފާނު ކުރައްވާނީ ސީރިއަސް މަސައްކަތްތަކެއްކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށް ނަތީޖާ ނެރޭނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. އެގޮތުން ދިއްދޫއަށްވެފައިވާ ކޮންމެ ވަޢުދެއްވެސް ފުއްދާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.
ދިއްދޫއަށް ވެފައިވާ ވަޢުދުތައް މަތިން ހަނދާން އައުކުރައްވަމުން ރައީސް ވިދާޅުވީ ފަތާ ޓްރެކެއް ތަރައްޤީކޮށް، އޮޑިދޯނިފަހަރު އެހެލާ ސަރަހައްދާ އެނޫންވެސް ވަށާޖެހޭ ތަރައްޤީއަށް ބޭނުންވާ މަޝްރޫއުތައް ހިންގާނެކަމަށެވެ.
ރައީސް ވިދާޅުވީ މިހާރު ކުރިއަށްދާ ދިއްދޫގެ ބަނދަރުގެ މަޝްރޫޢު ނިމިގެންދާއިރު ބަނދަރުގައި ހުރި މައްސަލަތަކަށް ހައްލު ގެންނަވާނެކަމަށެވެ. އަދި އެރަށުގައި ކުޅިވަރު ކުޅެން ބައިނަލްއަޤްވާމީ ފުޓުބޯޅަ ދަނޑެއް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ޢަމަލީގޮތުން ފަށްޓަވާނެކަމަށެވެ.
މީގެ އިތުރުން ސިއްޙީ ޚިދުމަތަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި އައު ޚިދުމަތްތައް ޤާއިމްކޮށްދެއްވާނެކަމަށެވެ. ސަރަހައްދީ ތަރައްޤީގައި ފުޅާކުރުމަށް އައު ހޮސްޕިޓަލެއް ދިއްދޫއަށް މުހިންމުކަމަށާއި، ވަރަށް އަވަހަށް ސިޓީ ސްކޭންގެ ޚިދުމަތް ހޮސްޕިޓަލުގައި ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް އެ ހޮސްޕިޓަލުގައި ސްޕީޗުތެރަޕީގެ ޚިދުމަތްވެސް ފަށްޓަވަން މަސައްކަތްކުރައްވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
މިއަހަރަށް އެންމެ އިސްކަންދޭ އެއްކަމަކީ ބޯހިޔާވަހިކަން ކަމަށާއި، ބަޖެޓުގައި އަލަށް ފަށާ މަޝްރޫޢުގައި އެކަމަށް 1.5 ބިލިޔަން ރުފިޔާ ހިމަނާފައިވާކަން ތަކުރާރުކުރައްވާ ރައީސް ވިދާޅުވީ އެއީ ވަޢުދު ފުއްދުމަށް ހިމަނާފައިވާ ފައިސާކަމަށެވެ.
"މި ޖެނުއަރީ ނިމުމުގެކުރިން ޓެންޑަރ ކުރާނެކަމަށް އަޅުގަނޑު ވާނީ އިއުލާންކޮށްފައި. ވައުދުވީ ހުރިޙާ ރަށެއްގެ ހައުސިން އެއްކޮށްލާއިރު 12 ހާސް ހަމަވޭ. އެކިރަށްރަށް އެކި އަދަދުން ވާނީ ވައުދުވެފައި. މި ރަށުގައި އިރާދަކުރެއްވިއްޔާ ބާކީ މިއޮތީ ދެދުވަސް.. ކޮންޓެކްޓަރުން ހޯދުމަށް އިއުލާންކުރާއިރު އިތުރު 200 ހައުސިން އެޅުމަށް އިއުލާންމިކުރަނީ. އިރާދަކުރެއްވިއްޔާ މިރަށަށް އަދި އޮތީ ގިނަގުނަ ހައުސިން އެޅުމުގެ ދުވަސްތައް. ބައްލަވާ މިއީ ފެށުމެއްކަމަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ތަޢުލީމާއި ކުޅިވަރުގެ ދާއިރާ ހިމެނޭހެން ހުރިހާ ދައިރާއަކުން ތަރުތީބުން ތަރައްޤީ ފެންނާނެކަމަށް ވަނީ ވިދާޅުވެފައެވެ އަދި ކުނި މެނޭޖުކުރުމަކީވެސް މުހިންމުކަމެއް ކަމަށާއި، ވެމްކޯގެ ޚިދުމަތް ދިއްދޫގައިވެސް ފެށުމަށް ތައްޔާރުވެފައިވާކަމަށާއި، ރަމަޟާން މަހުގެ ކުރިން ވެމްކޯގެ ޚިދުމަތް ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއީ އަސާސީ ޚިދުމަތެއްކަމަށާއި، މިއަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތް ފަށްޓަވާނެކަމަށެވެ. މީގެ އިތުރުން ކަރަންޓު މައްސަލަ ހައްލުކުރުމާއި، މަސްވެރިކަމުގެ ދާއިރާއިން އައިސްޕްލާންޓް ޤާއިމުކުރުންފަދަ ކަންކަންވެސް ވަރަށް އަވަހަށް ފަށްޓަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ވައުދުވެފައިވާ އެންމެ ކަމެއްވެސް ދޫކޮށް ނުލާނެކަމަށެވެ. ތަރައްޤީގެ ކަންކަމުގައި ހުރިހާ އެންމެންވެސް އެކުވެރިކަމާއެކު ކުރިއަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.