ޚަބަރު

ފިއްލަދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފި


  • ރައީސް ވަނީ ކައުންސިލާއި ޑަބްލިއުޑީސީގެ މެންބަރުންނާ ބައްދަލުކުރައްވާފައި

  • ރަށުގެ މުއައްސަސާތަކުގެ އިސްވެރިންވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފިއްލަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ފިއްލަދޫ ޞިއްޙީ މަރުކަޒުގައެވެ.

މި ބައްދަލުކުރެއްވުމުގައި ފިއްލަދޫ ކައުންސިލުން ވަނީ އެ ރަށު ސްކޫލަށް ބޭނުންވާ 8 ކްލާސްރޫމާއި އިތުރަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމަށް ބޭނުންވާ ކަމަށާއި ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި ލެބޯޓްރީއަށް ބޭނުންވާ ރިއޭޖެންޓްސް ލިބުމަށް ދިމާވެފައިވާ ދަތިކަން ހިއްސާކުރައްވާފައެވެ.

މީގެއިތުރުން އަލަށް އާބާދުވާ ސަރަޙައްދުގައި ކަރަންޓާއި ޔޫޓިލިޓީ ޚިދުމަތްތައް ޤާއިމުވެފައިނެތުމާއި ރަށުގައި ކުނިކޮށްޓެއް އެޅުމުގެ މުހިންމުކަންވެސް ކައުންސިލުން މި ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރަށުގައި ފެންބޮޑުވުމުގެ މައްސަލައިގެ އިތުރުން މަގުތަކުގައި ހިނގާބިނގާވެ އުޅުމަށް ހުރި ދަތިކަން ހިއްސާކުރައްވަމުން އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ބޭނުންވާކަން ކައުންސިލް މެންބަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ މަގުތައް ހެދުމަށް ސްކޯޕް ކަނޑައެޅިގެންދިއުމުން މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެއްވުމުގެ މަޝްރޫޢު ގެންދެވޭނެ ގޮތެއް ނިންމަވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެ މަނިކުފާނު ވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ޙިއްޞާކުރައްވާފައެވެ.

އެގޮތުން ޞިއްޙީ މަރުކަޒުގައި ސޯޅަ ގަޑިއިރު ޚިދުމަތް ދެމުންދާއިރު އެތަނަށް ބޭނުންވާ މިންވަރަށް މުވައްޒަފުން ނުލިބޭ މައްސަލަ ހައްލު ކުރުމަށް ފިނޭންސް މިނިސްޓްރީއަށް ރިކުއެސްޓް ކޮށްގެން މަސައްކަތް ކުރައްވަމުންދާ ކަމަށާއި ހަމަ އެފަދައިން ރިއޭޖެންޓްސް ލިބުމަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް އެސް.ޓީ.އޯ އާއި ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރައްވަމުންދާކަން ވަޒީރުން ފާހަގަކުރެއްވިއެވެ.