ހއ. އުތީމުގެ ކައުންސިލު އިދާރާގެ އައު އޮފީސް އިމާރާތާއި ރަށުގައި ފުލުުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ބިންގާ އަޅައިފިއެވެ.
މި 2 ތަނުގެ ބިންގާ އަޅާފަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އުތީމަށް ކުރައްވަމުންދާ ދަތުރުފުޅުގައެވެ.
ވަކިވަކިން ބޭއްވި ރަސްމިއްޔާތުގައި ހއ. އުތީމުގެ އައު ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް ޢުމަރުއެވެ. އުތީމުގައި މިހާރު ބޭނުންކުރާ ކައުންސިލް އިދާރާއަކީ ކަތީބުންގެ ޒަމާނުގައި އިމާރާތްކޮށް، ބޭނުންކުރަމުން އަންނަ، ޖާގައިގެ ގޮތުން ވަރަށް ކުޑަ އިމާރާތެކެވެ.
އެގޮތުން ކައުންސިލަރުންގެ މަސައްކަތްތަކާއި އިދާރީ ހިންގުމާ ގުޅޭ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވާކަން ރަށު ކައުންސިލުން ފާހަގަކުރެއެވެ.
ކައުންސިލް އައު އިމާރާތާއެކު ކޮންމެ ކައުންސިލަރަކަށް ވަކި ކޮޓަރިއާއި، ޖާގަ ތަނަވަސް މީޓިން ރޫމް އަދި ކައުންސިލްގެ އިދާރީ މަސައްކަތްތައް ކުރާ އެކި ޔުނިޓްތަކަށްވެސް ފަސޭހައިން ޚިދުމަތް ދެވޭގޮތަށް އިމާރާތުގައި ޖާގަ ކަނޑައަޅާނެއެވެ. މިވަގުތު އުތީމުގައި ފުލުހުންގެ ޚިދުމަތްވެސް ދެމުން އަންނަނީ ކައުންސިލް އިދާރާގައި ޕޮލިސް ޑެސްކް ބަހައްޓައިގެންނެވެ.
މި ދަތުރުފުޅުގެ ތެރެއިން ވަނީ އުތީމުގައި ފުލުހުންގެ ޚިދުމަތްދޭ މަރުކަޒު އިމާރާތްކުރުމުގެ ބިންގާވެސް އަޅުއްވާފައެވެ. ފުލުހުންގެ އިދާރާގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާނާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢެވެ. މިހާތަނަށް އެރަށުގައި ފުލުހުންގެ ޑެސްކް ހިންގަމުން އަންނަނީ އުތީމު ކައުންސިލްގެ އިދާރާގައެވެ.
އައު މަރުކަޒާއެކު ފުލުންގެ ޚިދުމަތަށް ދިނުމަށް މުވައްޒަފުން އިތުރުކޮށް، ރަށްރަށުގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރަށު ފެންވަރުގަ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކުރާނެއެވެ.