ޚަބަރު

ޓޫރިޒަމް ބިންތައް ތަރައްޤީކުރުމަށް އިންޓްރެސްޓް ކުޑަ ލޯން ދޫކުރަން ނިންމައިފި


  • ހއ. އަދި ހދ.ގައި ޓޫރިޒަމް ފުޅާކުރާނެ

  • ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެ

ފަތުރުވެރިކަމަށް ކައުންސިލްތަކުން ދޫކޮށްފައިވާ ބިންތައް ތަރައްޤީކުރުމަށް، އިންޓްރެސްޓް ކުޑަ ލޯން ދޫކުރަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރައްވައިފިއެވެ. އެމަނިކުފާނު މިކަން އިއުލާންކުރެއްވީ ހއ. ފިއްލަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ހއ. ފިއްލަދޫއާއި ކެލައާއި، ވަށަފަރަކީ، ޓޫރިޒަމް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ސަރަހައްދުތަކެކެވެ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއެކު ހއ. އަދި ހދ.އަށް ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުމާއި ގުޅޭގޮތުން ހއ. ފިއްލަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފިއްލަދޫއަކީ ޖާގައިގެ ގޮތުން ބިން އޮތް، އަދި ރަށް އޮތް ސަރަހައްދުގެ ގޮތުން ތަރައްޤީގެ ފުރުޞަތު ބޮޑު ރަށެއްކަމަށެވެ.

ސަރުކާރުގެ ދުރު ރާސްތާގެ ތަރައްޤީގެ ފުރުޞަތުގެ ދަށުން ގިނަ ފައިދާތަކެއްކުރާނެ ރަށެއްކަމަށާއި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ފީޒިބަލް ކުރުމަށް ހއ. އަދި ހދ.ގައި ޓޫރިޒަމް ފުޅާކުރުމާއި އެހެން އިޤްތިޞާދީ މަސައްކަތް އެސަރަހައްދުގައި ފުޅާކުރުން މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ.

ހއ. އަދި ހދ.އަށް އިޤްތިޞާދީ ގޮތުން ޓޫރިޒަމާއި މަސްވެރިކަން ފުޅާކުރުމުގައި ފިއްލަދޫ މުހިންމު ދައުރެއް އަދާކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ޓޫރިޒަމަށް ކައުންސިލްތަކުން ދޫކޮށްފައިވާ ބިންތައް ތަރައްޤީކުރުމަށް މިހާރު ލޯނު ދޫކުރާ އިންޓްރެސްޓް ރޭޓަށްވުރެ %3 ކުޑަ އިންޓްރެސްޓް ރޭޓުގައި ލޯން ދޫކުރުމަށް ނިންމަވާފައިވާކަމަށާއި، އެކަމުގެ މަސައްކަތް މާލީ ވުޒާރާއާއި ބެންކް އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

"އިޤްތިޞާދީ ތަރައްޤީއަށް ވިސްނާއިރު ޓޫރިޒަމް ފުޅާކުރުން މުހިންމު. ހަނިމާދޫ އެއަރޕޯޓް އަދި މިސަރަހައްދުގެ އިކޮނޮމިކް ވައިބިލިޓީއަށްބަލައި އިޤްތިޞާދީ ފުރުޞަތު ފުޅާކުރަން ބޭނުން. އެހެންކަމުން މި ހުރި ބިންތައް ހެދޭނެ ގޮތް ފަހިކުރަން ސަރުކާރުން ބޭނުން. ބޭންކިން ތެރެއިން މިހާރު އޮތްގޮތުން ލަސްވާނެ އެތަންތަން ތަރައްޤީވާން. އެހެންވެ ސަރުކާރުން އިސްނަގައިގެން ބީއެމްއެލްއާއެކު ނިންމާފައިވަނީ މިރަށުގައި މިހުރި، ކައުންސިލުން ނަގާފައިވާ ބިންތަކަށް ފަހިވާނެ، އާންމުކޮށް ކޮމާޝަލް ބޭނުންތަކަށް މިހާރު ދޫކުރާ ލޯންތަކަށްވުރެ %3 އިންޓްރެސްޓް ދަށްކޮށް ލޯން ދޫކުރުމަށް. އޭރުން ބިންތައް ހެދި ޓޫރިޒަމް ތަރައްޤީގެ ފެނާއި ނަރުދަމާ އެސަރަހައްދަށް ގުޅޭނެ". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފެނާއި ނަރުދަމާވެސް ފިއްލަދޫގައި ފުރިހަމަކުރައްވާނެކަމަށެވެ. ހދ އަތޮޅުގައިވެސް ޓޫރިޒަމް ފުޅާކުރައްވާނެކަން ތަކުރާރުކުރައްވާ ރައީސް ވިދާޅުވީ އެމްޓީޑީސީގެ ދަށުގައި އޮތް ހދ. ނާގޯށި ތަރައްޤީކޮށްދެއްވާނެކަމށެވެ. 2006 ގައި ދޫކޮށްފައިވާ އެރަށް ސަރުކާރުގެ އެހީގައި ޓޫރިޒަމަށް ގެނެސް އިތުރު ރަށްތައްވެސް ހދ.ގައި ޓޫރިޒަމަށް ގެންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހއ. ކެލާގެ ފަޅުގައި 2 ރިސޯޓް ތަރައްޤީކުރައްވާނެކަމަށާއި ވަށަފަރުގައިވެސް ޓޫރިޒަމް ތަރައްޤީކުރައްވާނެކަމަށެވެ.

ރައީސް ވިދާޅުވީ ސަރަހައްދީ ތަރައްޤީގައި އުތުރުގެ 4 އަތޮޅަކީ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއްކަމަށާއި، ޓޫރިޒަމްގެ އިތުރުން މަސްވެރިކަން ސިންދަފާތުކުރުމަށްވެސް ކަނޑައަޅުއްވާފައިވާކަމަށެވެ.

ރައީސް ވަނީ ފިއްލަދޫގެ ތަރައްޤީއާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރާއިރު ދަތުރުފަތުރާއި މަގުތައް ޒަމާނީ ވާންޖެހޭކަމަށާއި، އެގޮތުން ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައޤީކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ފިއްލަދޫއަކީ ފެން ތިލަ ރަށެއްކަމުން ވާރޭ ވެހުމުން ފެން ބޮޑުވެ ރަށުގެ މަގުތައް އެންމެ ރަނގަޅަށް ބޭނުންނުކުރެވެއެވެ.

ރައީސް ވިދާޅުވީ ފިއްލަދޫގެ ތަރައްޤީގައި އެންމެ އިސްކަންްދެއްވައިގެން ހިންގަވާނެ މަޝްރޫޢަކީ މަގު ހެދުންކަމަށާއި، އާރުޑީސީ މޮބިލައިޒް ވެފައިވާތީ ބަނދަރުން ފެށިގެން ރަށުގެ އެތެރެއާއި ހަމައަށް މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވާނެކަމަށެވެ.

މިކަންކަން ވަރަށް ބާރަށް އަމަލީގޮތުން ކުރިއަށްގޮސް ރައްޔިތުންނަށް ފަހިކަން ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއްވެސް ފުއްދަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ސިއްޙީ އަދި ތަޢުލީމީ ދާއިރާއިން ކުރަން ހުރި ކަންކަންވެސް ގިނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ދާއިރާތައް ތަރުތީބުކޮށްގެން މިއަހަރާއި އަންނަ އަހަރު ފުރިހަމަކުރައްވާނެކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ކުނި މެނޭޖުކުރުމުގެ ނިޒާމް ޤާއިމްކުރައްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.