ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ "ހާލު ކިހިނެތް" ޕްރޮގްރާމްގައި ފާހަގަކުރެވުނު ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ފައްޓަވައިފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން، ކުޅުދުއްފުށީގައި "ހަލު ކިހިނެތް" ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 18 އިން 25ގެ ނިޔަލަށެވެ. މިޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ ކުޅުދުއްފުށީ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ ގުޅިގެންނެވެ. އެވުޒާރާއިން ވިދާޅުވީ މިޕްރޮގްރާމްގެ ތެރެއިން ކުޅުދުއްފުށި ސިޓީން 1300އަށްވުރެ ގިނަ ގޭބިސީއަކަށް ޒިޔާރަތްކޮށް ހާލު ބަލާފައިވާކަމަށެވެ.
ޕްރޮގްރާމްގެ ޒިޔާރަތުގެ ތެރެއިން ނާޒުކު ހާލުގައި ތިބި ބައެއް ފަރާތްތައް ފާހަގަކުރެވިފައިވާކަމަށާއި، މިހާރު އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އެވުޒާރާއިން ވިދާޅުވީ 2 ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މިޕްރޮގްރާމްގައި ކުޅުދުއްފުށި ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އެހީތެރިކަން ލިބިގެންދިޔަކަމަށެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ޖަނަވަރީ މަހުގެ 18 އިން 25 އަށް ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިޔަ ‘ހާލު ކިހިނެއް؟’ ޕްރޮގްރާމުގެ އުސްއަލިތައް. pic.twitter.com/T5CRxJ1LFl
— Ministry of Social and Family Development (@MSFDmv) January 27, 2025
"ހާލު ކިހިނެއް؟" ޕްރޮގްރާމަކީ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެދަށުން ރައްޔިތުންގެ ޙާލަތު ދެނެގަނެ، ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ފެށި ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގެ ތެރެއިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގެތަކަށް ޒިޔާރަތްކޮށް ހާލު ބަލައި ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.
މިގޮތުން މިހާތަނަށް މާލޭ ސިޓީގެ އިތުރުން، ހއ، ހދ، ނ، ރ، ބ، ޅ، ފ، ދ، ތ، ލ، ގއ، ގދ އަތޮޅުގެ ރަށްތަކުގެ އިތުރުން ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގެ ގެތަކަށް ޒިޔާރަތްކޮށްވަނީ ހާލު ބަލާ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމުގެ މަސައްކަތް ކުރައްވާފައެވެ.
މުޖުތަމަޢުގައި ތިބި ނާޒުކު ހާލުގައި ތިބި ފަރާތްތަކަށް މުވައްސަސާތަކުގެ ތެރެއިން ލިބެން ޖެހޭ އެހީތެރިކަން ލިބުމުގައި ހުރި ހުރަސްތައް ދެނެގަނެވި، އެފަރާތްތަކަށް ބޭނުންވާ ވަޞީލަތްތަކާއި، މާލީ އެހީތެރިކަމާއި ކުރިމަތިވަމުންދާ ދަތި ހާލަތު ގެނެގަނެވި މުވައްސަސާތަކުގެ އެހީތެރިކަމާއެކު އެކަންކަން ހަމަޖައްސައިދިނުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ. މިއީ ރަނގަޅު ޕްރޮގްރާމެއްގެ ގޮތުގައި ކަމާބެހޭ ފަރާތްތަކާއި އަދި ޢާއްމުންވެސް ފާހަގަކުރެއެވެ.