ޚަބަރު

މިއަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖޭގެ މަސްވެރިކަން އިޝްތިހާރުކުރަނީ


  • ފުރަތަމަ ކުއާޓަރގެ ތެރޭގައި ބްރޭންޑް ލޯންޗްކުރާނެ

  • މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ

"މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން" ކުންފުނިން އެންމެ އިސްކަމެއް ދީގެން މިއަހަރު ކުރިއަށްގެންދާނެ މަސައްކަތަކީ ރާއްޖޭގެ މަސްވެރިކަން ދުނިޔޭގެ ބާޒާރުގައި އިޝްތިހާރުކުރުމުގެ މަސައްކަތްކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޒަރީރް ވިދާޅުވެއްޖެއެވެ. ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކުރަން ޚާއްސަކޮށްގެން ސަރުކާރުން މި ކުންފުނި އުފެއްދެވީ 4 ފެބްރުއަރީ 2024 ގައެވެ.

"މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން" ގެ އެންމެ މުހިންމު ބޭނުމަކީ މަސްވެރިކަމުގެ އައު ބާވަތްތައް ތައާރަފްކުރުމާއި މަސްވެރި އުފެއްދުންތައް އިތުރުކޮށް އެ އުފެއްދުންތައް ވިއްކޭނެ ބޭރުގެ ބާޒާރުތައް ގިނަކުރުމާއި މަހުގެ ބާވަތްތައް ޕްރޮމޯޓްކުރުމެވެ.

މި ކުންފުނީގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޒަރީރް ވިދާޅުވީ، ކުންފުނި އުފައްދައިގެން މިހާތަނަށް ކުރެވުނު މަސައްކަތަކީ ކޯޕަރޭޓް ގަވަނަންސް އުސޫލާއި އެއްގޮތައް ކުންފުނި ހިންގަން ބޭނުންވާ ހުރިހާ ޕޮލިސީތައް ހެދުމާއި ޕޮލިސީތައް އެޕްރޫވްކުރުމުގެ މަސައްކަތްކަމަށެވެ.

އޭގެތެރޭގައި ކުރިއަށްއޮތް 5 އަހަރު ކުންފުނި ދާން ބޭނުންވާ މިސްރާބެއް ކަނޑައަޅައި އެކަންތައްތައް ހާސިލްކުރަން ބޭނުންވާނެ ކަންތައްތައް ދެނެގަތުމަށް ބިޒްނަސް ޕްލޭނެއް ހަދާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދާއި އެއްގޮތަށް ރާއްޖޭގައި މަސްވެރިކަން އިޝްތިހާރުކުރާނެ ބްރޭންޑެއް ޑިވެލޮޕްކުރުމުގެ މަސައްކަތްކަމަށް ޒަރީރް ފާހަގަކުރެއްވިއެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި ބްރޭންޑް ލޯންޗްކުރެވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. މިއާއެކު މިއަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖޭގެ މަސްވެރިކަން އިޝްތިހާރުކުރެވިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިއަހަރު ބްރޭންޑް ލޯންޗްކުރުމަށްފަހު އެ ބްރޭންޑްގެ ދަށުން އަޅުގަނޑުމެން މަސްވެރިކަން ދުނިޔޭގެ ބާޒާރުތަކުގައި އިޝްތިހާރުކުރުމުގެ މަސައްކަތް މައިގަނޑު ގޮތެއްގައި އެންމެ ބޮޑު ކަމަކަށް ކުރިއަށްދާނީ. މިހާރުވެސް މި ބާއްވާ ދުނިޔޭގެ ބޮޑެތި ސީފުޑް ފެއަރތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިއަހަރު ކުރާނަން. އޭގެއިތުރަށް އަޅުގަނޑުމެން ދެން ރާއްޖޭގައި މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ ކުދި މެދުފަންތީގެ ވިޔަފާރިތަކަކީ ކޮބައިތޯ ބަލައި ހޯދައި އެބޭފުޅުންނަށް ދިމާވާ ދަތިތަކުގައި އެބޭފުޅުން އުފައްދާ ޕްރޮޑަކްޓްސް މާކެޓަށް ނެރުމުގައި ހުރި ގޮންޖެހުންތައް އައިޑެންޓިފައިވެ އެކަންތައްތަކަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދޭނަން". އަޙްމަދު ޒަރީރް ވިދާޅުވިއެވެ.

ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކުރުމަށް އުފެއްދި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޒަރީރު ވިދާޅުވީ ކުރިއަށްއޮތް ހަފްތާއެއްހައި ދުވަސްތެރޭގައި ކައުންސިލްތައް މެދުވެރިކޮށް އެ ކައުންސިލްތައް ނިސްބަތްވާ ރަށްރަށުގައި މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކަކީ ކޮބައިތޯ ދެނެގަތުމުގެ މަސައްކަތް ކުރާނެކަމަށެވެ. އަދި އެކަމުގައި އެ ފަރާތްތަކަށް ދިމާވާ ދަތިތައް ދެނެގަނެ އެހީތެރިކަން ދެވޭނެގޮތްތައް ބަލާނެކަމަށް އޭނާ ވިދާޅުވިއެވެ.