ޚަބަރު

އަހަރެންގެ މަގާމު އޮތީ ނުރައްކަލުގެ ތެރޭގައި: ޓޮޓްނަމް ކޯޗު


ލެސްޓާ ސިޓީ އަތުން ބަލިވުމުން އޭނާގެ މަގާމު މިހާރު އޮތީ ނުރައްކަލުގެ ތެރޭގައި ކަމަށް ޓޮޓްނަމްގެ ކޯޗު އެންޖޭ ޕޮސްޓެޗޮގްލޫ ބުނެފި އެވެ.

މި މެޗަކީ މި ސީޒަނުގައި އޭނާގެ ޓީމު ބަލިވި 13 ވަނަ މެޗެވެ. ޓޮޓެންހަމަށް ލީޑު ލިބުނު ނަމަވެސް ޖިމީ ވާޑީ އާއި ބިލާލް އަލް ހާނޫސް ޖެހި ގޯލުތަކުން ލެސްޓާ މޮޅުވުމުން އެ ޓީމު ވަނީ ރެލިގޭޝަން ޒޯނުން އަރައިގެންފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވަޑް ރުޑް ވޭން ނިސްޓެލްރުއި ކޯޗުކޮށްދޭ ލެސްޓާގެ މި މޮޅަކީ ވިދިވިދިގެން ހަތް މެޗުން ބަލިވުމަށްފަހު އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ. އަދި މިއީ ޓޮޓްނަމް ލީގުގައި ވިދިވިދިގެން މޮޅުނުވެދިޔަ ހަތްވަނަ މެޗެވެ. މިއާއެކު އޭނާގެ ވަޒީފާއާ ބެހޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ޕޮސްޓެޗޮގްލޫ ބުނީ ކުރިމަގު އޮތްގޮތް އެނގޭނެ މީހަކު ނެތް ކަމަށެވެ.

"ކާކަށް ތިކަން އެނގޭނީ. ތެދަށް ބުނަންޏާ އަހަރެން ބުނާނީ (ވަޒީފާ)ގެ ރައްކާތެރިކަމެއް ނެތޭ. ފުޓްބޯޅަ ޓީމެއްގެ ކޯޗަކަށްވުމާއެކު އަބަދުވެސް އިހުސާސްވާނީ އެކަނިވެރިކަމާއި އޭގެ ނާޒުކުކަން. އަހަރެންނަށް އެކަން އިހުސާސެއްނުވޭ. ސަބަބަކީ ކުޅުންތެރިން ވަނީ އެމީހުންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދެމުން ޓީމު މޮޅުކުރަން،" ކޯޗު ބުންޏެވެ.

ކުރިން ސްކޮޓްލޭންޑްގެ ސެލްޓިކަށް ވެސް ކޯޗުކޮށްދިން އޮސްޓްރޭލިޔާގެ ކޯޗު ބުނީ ލެސްޓާ އަތުން ބަލިވުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށެވެ.

"އެކަމަކު ކުޅުންތެރިން އެދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން. އެމީހުން ގާތުގައި މިއަށްވުރެ ބޮޑަށް މިވެނި ކަމެއް ކުރާށޭ އަހަރެން ބުނާނެ ޖާގައެއްނެތް. ނަސީބު ވެސް ނެތިގެން ގިނަ ފަހަރު ބަލި މިވަނީ. ދެން އަހަރެންގެ ވަޒީފާއާ މެދު މި މަގާމުގައި ބަހައްޓާތޯ އަހަރެން ނުޖެހޭ އެއްވެސް މީހަކަށް ކަމެއް ސާބިތުކޮށްދޭކަށް. މީހުން އަބަދުވެސް ބަލާނީ އެވަގުތެއްގެ ނަތީޖާ އަށް. އެކަމަކު އަހަރެން ބަލާނީ ލީގު ނިމޭއިރު އޮންނަ މަގާމަށް،" ކޯޗު ބުންޏެވެ.

އޭނާ ބުނީ އަނިޔާގެ މައްސަލަ ޓީމުގައި ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މުހިންމު ބައެއް ކުޅުންތެރިން ފިޓްވެ ޓީމާ ގުޅުމުން މިހާރަށްވުރެ ނަތީޖާތައް ރަނގަޅުވާނެ ކަމަށެވެ.

ޓޮޓްނަމްގެ ސަޕޯޓަރުން ވެސް ވަނީ މި މެޗުގައި ޓީމުގެ ނަތީޖާތަކާމެދު ނުރުހުން ފާޅުކޮށްފަ އެވެ. މި ގޮތުން ފާއިތުވެދިޔަ 24 އަހަރު ދުވަހުގެ ތެރޭގައި އެ ޓީމަށް 16 ކޯޗުން ގެނެސްފި ކަމަށާއި ތައްޓެއް ނުލިބުނުތަނުގައި ނަތީޖާ ވެސް ރަނގަޅު ނުކުރެވުނު ކަމަށް ސަޕޯޓަރުން ވަނީ ބެނާތަކުގައި ލިޔެ ނުރުހުން ފާޅުކޮށްފަ އެވެ.