ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައިނޮކޮލޮޖިކަލް ސާޖިކަލް ވޯކްޝޮޕެއް ފަށައިފި


  • އަންހެނުންގެ ބަލިތަކަށް ހާއްސަ ދިވެހި ސާޖަނުންނަށް މުހިންމު ތަޖުރިބާތަކެއް

  • މި ވޯކްޝޮޕަށް ޗައިނާގެ ތަޖުރިބާކާރެއް ވަނީ ގެނެސްފައި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ސޮސައިޓީ އޮފް އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖިސްޓްސް އޮފް މޯލްޑިވްސް (އެސް.އޯ.ޖީ.އެމް) ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައިނޮކޮލޮޖިކަލް ސާޖިކަލް ވޯކްޝޮޕެއް ފަށައިފިއެވެ.

މި ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ޗައިނާގެ ބެއިޖިންގައި މަސައްކަތްކުރާ ތަޖުރިބާކާރު ޕްރޮފެސަރެއްކަމަށްވާ ޑރ. ޝިއައުމިންގް ގޮންގް ވަނީ ރާއްޖެ ވަޑައިގެންފައެވެ. ޕްރޮފެސަރ ޑރ. ޝިއައުމިން ގޮންގްއަކީ މިނިމަލް އިންވޭސިވް ގައިނަކޮލޮޖިކް ސަރޖަރީ (އެމް.އައި.ޖީ.އެސް) ގެ ރޮނގުގައި ފާހަގަކޮށްލެވޭ ދުނިޔޭގެ ފެންވަރުގެ މާހިރެކެވެ.

ޕްރޮފެސަރ ގޮންގްއަކީ ރަހިމުގެ ފައިބްރޮއިޑް އެބްލޭޝަން ތެރަޕީގެ އައު މަގެއް ހުޅުވާލި ފަރާތެކެވެ. އަހަރަކު 500 އަށްވުރެ ގިނަ ސަރޖަރީ ހަދާއިރު، އޭގެ ތެރެއިން %95 އަކީ މިނިމަލީ އިންވޭސިވް އުކުޅުތައް ބޭނުންކޮށްގެން ހަދާ ސަރޖަރީތަކެވެ. އޭނާއަކީ ސިންގަލް-ޕޯޓް ލެޕޮރޮސްކޯޕިކް ސާޖަރީ، ވީ-ނޯޓްސް ސަރޖަރީ އަދި ލިންސް ހިސްޓަރޮސްކޮޕިކް ރިސެކްޝަން ޓެކްނިކް ފަދަ ޕްރޮސީޖަރތައް ޗައިނާއަށް ތަޢާރަފުކުރި ފަރާތެވެ.

މި ވޯކްޝޮޕް އިފްތިތާހު ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ސިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވަނީ ރާއްޖޭގައި ގައިނެކޮލޮޖީގެ ފަރުވާ ކުރިއެރުވުމަށް މި ހަރަކާތުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.

މި ވޯކްޝޮޕްގައި ގައިނެކޮލޮޖިސްޓުންނާއި އޮޕަރޭޓިންގ ރޫމް ނަރުހުންނަށް ޢަމަލީ ތަމްރީނު ދެވިގެންދާނެކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއެވެ. މި ވޯކްޝޮޕްގައި ހުޅުމާލެ ހޮސްޕިޓަލާ، ޓްރީޓޮޕް ހޮސްޕިޓަލާއި، އޭޑީކޭ ހޮސްޕިޓަލް އަދި މެޑިކާ ހޮސްޕިޓަލްގެ 7 ގައިނެކޮލޮޖިސްޓުން ވަނީ ބައިވެރިވެފައެވެ.

މި ވޯކްޝޮޕްގެ ސަބަބުން ރާއްޖޭގައި މިހާރުވެސް އަންހެނުންގެ ޙާއްސަ ބަލިތަކުގެ ފަރުވާއަށް ލިބެންހުރި ޚިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެކަމަށާއި، މި ފުރުސަތަކީ އަންހެނުންގެ ބަލިތަކަށް ހާއްސަ ދިވެހި ސާޖަނުންނަށް މުހިންމު ތަޖުރިބާތަކެއް ލިބިގެންދާނެ ފަހި ފުރުސަތެއްކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއެވެ.