ޚަބަރު

ކޮމިޝަނަރގެ އިލްތިމާސް ފުލުހުންނަށް: ޑިއުޓީ ވަގުތު ޑިއުޓީގެ ބޭނުމަށް ނޫނީ ފޯނު ބޭނުންނުކުރޭ


  • ޑިއުޓީގައި ފޯނާ ކުޅޭ ކަމުގެ ޝަކުވާތައް ރައްޔިތުން ކުރޭ

  • ރައްޔިތުންނާ މުއާމަލާތްކުރަންވާނީ އަބަދުވެސް ރިވެތިކޮށް ކަމަށް ވިދާޅުވި

ޑިއުޓީ ވަގުތު ޑިއުޓީގެ ކަންކަމުގައި މެނުވީ ފޯނު ބޭނުން ނުކުރުމަށް ދިވެހި ފުލުހުންނަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު އިލްތިމާސްކުރައްވައިފިއެވެ.

ސީޕީ މިގޮތަށް އިލްތިމާސްކުރެއްވީ ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ސީޕީވަނީ ފުލުހުންނާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ފާހަގަކުރައްވައި، އެކަންކަން ހައްލު ކުރުމަށް ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ އޮފިސަރުންނަށް އިލްތިމާސްކުރައްވާފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ވިދާޅުވީ ފުލުހުންނާ ގުޅިގެން ރައްޔިތުން ކުރާ އެއް ޝަކުވާއަކީ ފުލުހުން މަގުމަތިން ފެނުނު ނަމަވެސް މަގުމަތީގައި ހިނގާ ކަންކަމަށް ނުބަލައި ފޯނާ ކުޅެން ތިބޭ ކަމުގެ ޝަކުވާ ކަމަށެވެ. އެހެންވެ، ޑިއުޓީ ވަގުތުތަކުގައި ޑިއުޓީގެ ކަމެއްގައި ނޫނީ ފޯނު ބޭނުންނުކުރުމަށް ސީޕީ އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުންް ރައްޔިތުންނާ ފުލުހުން މުއާމަލާތް ކުރަންޖެހޭނީ އަބަދުވެސް ރިވެތި ބަހުން ކަމަށާއި ފުލުހުންނަށް ލިބޭ ޤާނޫނީ ބާރުތައް ޒިންމާދާރުކަމާއެކު ބޭނުންކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"ފުލުހުންނަށް ޤާނޫނީގޮތުން ލިބިދޭ ބާރަކީ ހިތުހުރި ގޮތަކަށް ބޭނުންކުރަންޖެހޭ ބާރެއް ނޫން. އަބަދުވެސް ބަލަންވާނީ ބާރުގެ ބޭނުން ނުކޮށް، ދިމާވާ ކަންކަން ހައްލުކުރުމަށް މަގުދައްކައިދޭ ބަޔަކަށް ވުމަށް. އިސްލާހުވުމަށް ފުރުސަތުދޭ ބަޔަކަށް ވުމަށް. އަޅުގަނޑު އުއްމީދުކުރަން ތިޔަ އޮފިސަރުންގެ މަސައްކަތުން ދިވެހި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ލިބިގެންދާނެ ޚިދުމަތަކަށް ވާނެ ކަމަށް،" ކޮމިޝަނަރ އޮފް ޕޮލިސް، އަލީ ޝުޖާޢު ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށެވެ. އެގޮތުން، ފުލުހުންނަށް ބޭނުންވާ ތަމްރީނުތައް ރާއްޖެއާއި ރާއްޖޭން ބޭރުން ފޯރުކޮށްދިނުމާއި ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތަކީ ފުލުހުންގެ ޚިދުމަތް ރަނގަޅުކޮށް ފުޅާކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

ފުލުހުން ގުޅިގެން ކުރައްވާ މަސައްކަތްތަކުން ރައްޔިތުން ބަލައިގަންނަ ޚިދުމަތަކަށް އެ ޚިދުމަތް ހެދުމަކީ އަމާޒު ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ވިދާޅުވިއެވެ.