ޗައިނާ މާކެޓުން ރާއްޖެއަށް ޑިމާންޑު އެބައޮތްކަމަށާއި ޤައުމީ އެއަރލައިނުން ޗައިނާއަށް ފެށި ދަތުރުތައް ކާމިޔާބު ދަތުރުތަކަކަށް ވެގެންދާނެކަމަށް ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޟީލް ނަޖީބު ވިދާޅުވެއްޖެއެވެ. ސަފީރު މިހެން ވިދާޅުވީ، ޗައިނާގެ ބެއިޖިންގއަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
މޯލްޑިވިއަންގެ ސީދާ ދަތުރުތައް ޗައިނާގެ ބެއިޖިންއަށް ފަށާފައިވަނީ މިމަހުގެ 24ވަނަ ދުވަހުއެވެ. ކޮންމެ ހަފްތާއަކު ބެއިޖިންގއަށް ދަތުރެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ބެއިޖިންގެ އިތުރުން ޤައުމީ އެއަރލައިނުން ވަނީ ޗެންޑޫއަށްވެސް ޝެޑިއުލް ދަތުރުތައް ވަނީ ފަށާފައެވެ. އަދި މިމަހުގެ 27ވަނަ ދުވަހު ޝަންގހާއީއަށްވެސް ދަތުރު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޟީލް ނަޖީބު ވިދާޅުވީ، މޯލްޑިވިއަންގެ ދަތުރުތަކަށް އޮތް ޑިމާންޑުން ފެންނަނީ ވަރަށް އުންމީދީ މަންޒަރެއްކަމަށެވެ. ޗައިނާ މާކެޓްއަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ލިބޭނެ މާކެޓެއްކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް އަދި އިޤްތިޞާދަށް ވަރަށް ކާމިޔާބު ދަތުރުތަކަކަށް ވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ލަސްވެފައި ނަމަވެސް ފެށުނުކަމަކީ ވަރަށް ރަނގަޅު ކަމެކޭ އަޅުގަނޑު ދަންނަވާނީ. މިކަން ހިފެހެއްޓުން މީގަ އެންމެ މުހިންމު ކަމަކީ. ޗައިނާ މާކެޓްއަކީ މީހުން ނުލިބޭނެ މާކެޓެއް ނޫން. މިއީ ވަރަށް ބޮޑު މާކެޓެއް. ދުނިޔޭގައި އޮތް މިޑްލް ކްލާސް އެންމެ ބޮޑު މާކެޓް މިއީ އިނގޭތޯ. އެހެންވީމަ މިތަނުން އަޅުގަނޑުމެން މަސައްކަތް ކޮށްފިކަމަށްވަންޏާ އަޅުގަނޑުމެން މި ޚިދުމަތް ދަމަހައްޓައިފިކަމަށްވަންޏާ މިއީ ވަރަށް ސަސްކަސްފުލް ސެކްޓަރ އަކަށްވާނެ މޯލްޑިވިއަންއަށް". ސަފީރު ވިދާޅުވިއެވެ.
ސަފީރު ވިދާޅުވީ ޗައިނާގެ ޓީވީތަކާއި ނޫސްތަކުން ރާއްޖެއަށް ވަރަށް ބޮޑު ސަމާލުކަމެއްދޭކަމަށެވެ. މިއީ މުޅި ދިވެހިރާއްޖެއަށް ލިބޭ ކުރިއެރުމަކަށްވާނެތީ މޯލްޑިވިއަންގެ އެ މަސައްކަތައް ދިވެހި އެންމެހައި ރައްޔިތުން އެއްބާރުލުން ދިނުމަށް ވަޒީރު ވަނީ އެދިވަޑައިގަންނަވާފައެވެ.
މޯލްޑިވިއަންއިން ޗައިނާއަށް މި ފެށި ސީދާ ދަތުރުތަކާއިއެކު އެޤައުމުގެ ފަތުރުވެރިން ބުނެފައިވަނީ މިއީ އެމީހުންނަށްވެސް ވަރަށް އުފާވެރި ދުވަހެއްކަމަށެވެ. ސީދާ ދަތުރުތަކާއިއެކު ދަތުރުގެ ދިގުމިން ވަރަށް ބޮޑަށް ކުޑަވެފައިވާކަމަށް އެމީހުން ވަނީ ފާހަގަކޮށްފައެވެ.
މޯލްޑިވިއަނުން ޗައިނާގެ ބެއިޖިންއަށް ފެށި ދަތުރުތަކުގައި ބެއިޖިންގއިން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ އައިސްފައެވެ.