ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތް ގާތްވަމުން އަންނައިރު، އެންމެ ބޮޑު ބަހުސަކަށްވެފައިވަނީ އިންޑިއާ އާއި ޕާކިސްތާނުގެ މައްސަލައެވެ. މިއީ ކްރިކެޓްގެ ގަދަ ދެ ބާރެވެ. ދުނިޔޭގެ ކުރީގެ ދެ ޗެމްޕިއަނުންނެވެ.
އަށް ގައުމު ވާދަކުރާ ޗެމްޕިއަންސް ޓްރޮފީގެ މި ފަހަރުގެ މުބާރާތް ބާއްވަނީ ޕާކިސްތާނުގައެވެ. އެކަމަކު އިންޑިއާއިން މެޗުތައް ކުޅެން ޕާކިސްތާނަކަށް ނުދާނެ އެވެ. އިންޑިޔާގެ ހުރިހާ މެޗެއް ވެސް ކުޅޭނީ ޑުބާއީގަ އެވެ. ހުދު ޕާކިސްތާން ވެސް ޖެހޭނީ އިންޑިޔާ މެޗު ކުޅެން އަމިއްލަ ފަސްގަނޑު ދޫކޮށްފައިދާށެވެ.
މިއާއެކު މިހާރު އުފެދިފައިވާ މައްސަލަ އަކީ އިންޑިޔާގެ ކުޅުންތެރިންގެ މޭމަތީގައި މުބާރާތް ކުޅޭ ގައުމުގެ ނަން ޖެހުމުގެ މައްސަލަ އެވެ. ހަގީގަތުގައި ވެސް މިކަން ކުރަން އިންޑިޔާ ބޭނުމެއްނުވެ އެވެ. އެމީހުން ބޭނުންވަނީ މުބާރާތުގެ ނަން ނުވަތަ ލޯގޯ އާއި ގުޅުވައިގެން ޖަހާ މުބާރާތް ކުޅޭ ގައުމުގެ ނަމުގެ ގޮތުގައި ޑުބާއީ ޖެހުމަށެވެ.
މިއީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ވެސް ދެކޮޅު ހަދާ ކަމެކެވެ. ކްރިކެޓްގެ މައި ޖަމާއަތުން ބުނީ ޒަމާނުއްސުރެ އެ ޖަމާއަތުގެ މުބާރާތްތަކާއި އެނޫން މުބާރާތްތަކުގައި ކަންކަން ކުރަމުން އަންނަ ގޮތާއި މުބާރާތުގެ ގަވާއިދާ އެއްވެސް ބަޔަކަށް ހިލާފު ނުވެވޭނެ ކަމަށެވެ.
ކްރިކެޓާއި އެހެނިހެން ކުޅިވަރު މުބާރާތްތަކުގައި ވެސް މުބާރާތް ކުޅޭ ގައުމުގެ ނަމަކީ މުބާރާތުގެ ލޯގޯގެ ބައެއް ކަމުގައި ބަލަ އެވެ. ޕާކިސްތާނުގެ ނަމަކީ އެ ގައުމުގައި އަންނަ މަހު ފަށާ ޗެމްޕިއަންސް ޓްރޮފީ މުބާރާތުގެ ލޯގޯގެ ބައެކެވެ.
"އެއީ ހުރިހާ ޓީމަކުން އަދާކުރަން ޖެހޭ ޒިންމާއެއް. މުބާރާތުގެ ލޯގޯ ޓީމުތަކުގެ ޖާޒީގައި ޖަހަންޖެހޭނެ. ހުރިހާ ޓީމަކުން ވެސް މިކަމަށް ގަވާއިދަށް އަމަލުކުރަންޖެހޭނެ،" އައިސީސީން ނެރުނު ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އެ ޖަމާއަތުން ބުނެފައިވަނީ މުބާރާތުގެ ލޯގޯ ނުޖަހައި އެއްވެސް ޓީމަކުން ގަވާއިދާ ހިލާފުވެއްޖެނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
އިންޑިޔާ އެ ގައުމުގެ ކުޅުންތެރިންގެ މޭމަތީގައި ޕާކިސްތާނުގެ ނަން ޖަހަން ދެކޮޅު ހަދާކަން ޕާކިސްތާނުން ދޮގުކުރެ އެވެ. ކޮންމެވެސް ސަބަބަކާހުރެ އިސްލާމް އާބާދުން ބުނީ އެއީ އެއްވެސް ހަގީގަތެއްނެތް ވާހަކައެއް ކަމަށެވެ.