ޚަބަރު

ކުންފުނި ހިންގަން ސަރުކާރަށް ބަރޯސާވުމުގެ ވިސްނުން ގޯސް؛ އަމިއްލައަށް ހިންގޭނެ: ފެނަކަ


  • ކުންފުނީގެ ޕްރޮކިއުމެންޓް ނިޒާމު ހަރުދަނާކޮށްގެން %40 ޚަރަދު ކުޑަކުރެވޭނެ

  • ތެލުން ކުރެވޭ ވައްކަންތައް ހުއްޓުވުމަށް ދަނީ މަސައްކަތް ކުރަމުން

  • ފެނަކައިން ސަރުކާރުގެ އެހީ ބޭނުންވަނީ ދަރަނިތައް ޚަލާސްކުރަން އެކަނި

ސަރުކާރުން އިތުރަށް ފައިސާ ދޭން ނުޖެހި ޚަރަދުކުޑަކޮށްގެން ފެނަކަ ހިންގޭނެ ކަމަށާއި، އެކަމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ އައު މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހު ވިދާޅުވެއްޖެއެވެ. ނަޖާހު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ފެނަކަ ކުންފުންޏަކީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހިފައިވާ އެއްކުންފުންޏެވެ. އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހު ވިދާޅުވީ މިދަރަނި ދެއްކުމުގައި ސަރުކާރުގެ އެއްބާރުލުން ލިބެމުންދާކަމަށެވެ. އެހެންނަމަވެސް ދާއިމަށް ސަރުކާރުން ފައިސާ ދީގެން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ނުހިންގޭނެ ކަމަށް ޤަބޫލްކުރައްވާކަމަށް ނަޖާހް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިވަގުތު ކުންފުނީގެ ދަރަނިތައް ދެއްކުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވި ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގަން އަމިއްލައަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ފެނަކައިގެ ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުންދާ ފާހަގަކުރައްވަމުން ނަޖާހް ވިދާޅުވީ ކުންފުނީގެ ޕްރޮކިއުމެންޓް ނިޒާމުގެ ތެރެއިން ކުންފުނިން ކުރަމުުންދާ ޚަރަދުތައް ބަލައި އޭގެ ތެރެއިން ބޮޑުއެއްޗެއް ސަލާމަތް ކުރެވޭނެ ކަމަށެވެ.

"މިހާރުވެސް ޚާއްސަ ޕްރޮޖެކްޓެއްގެ ތެރެއިން އަޅުގަނޑުމެންގެ ޕްރޮކިއުމެންޓް ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ފަށައިފިން. އަޅުގަނޑުމެން މިބަލަނީ ޕްރޮކިއުމެންޓް ނިޒާމުގެ ތެރެއިން އެކަނިވެސް ކުންފުނީގެ ޚަރަދު %40 ކުޑަކުރެވޭނެ ކަމަށް. އަޅުގަނޑުމެން އަންދާޒާ ކުރާނީ." ނަޖާހު ވިދާޅުވިއެވެ.

މީގެ އިތުރުން ފެނަކަ ކުންފުނީގެ މުވައްޒަފުންނަށާއި ސްޓްރަކްޗަރ ހަރުދަނާ ކުރެވޭ ގޮތްތައް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިމަސައްކަތަކީ މުސާރައަށް ބަދަލު ގެނައުމަށް ނުވަތަ މުވައްޒަފުން މަދުކުރުމަށް ކުރެވޭ މަސައްކަތެއް ނޫންކަމަށާއި، އޭގެ ބަދަލުގައި ހިންގުން ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. އަދި މިކަމުގައި ލަފާ ހޯދަން ޖެހޭ ފަރާތްތަކުގެ ލަފާވެސް ހޯއްދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ ތެލަށް ކުރާ ޚަރަދު ކުޑަކުރުމަށްވެސް ޚާއްސަ ޕްރޮޖެކްޓެއް ފަށައިގެން ކުރިއަށްދާ ކަމަށާއި ތެޔޮ އެޅުމަށްވެސް ހަރުދަނާ ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑަށް އެނގިފައި އޮތްގޮތުން ތެލުގެ ތެރެއިން މީގެ ކުރިން ވައްކަންތަކެއް ކުރެވިފައިވޭ. އެހެންވެއްޖެއްޔާ އެކަން ހުއްޓުވުމަށްޓަކައި ތެޔޮ އަޅާތަނުގައި ތިބޭ މީހުންނާއި، ތެޔޮ އަޅާއިރު ޗެކް ކުރެވޭނެ ނިޒާމާއި، އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތެޔޮއެޅޭ މިންވަރު ބަލައިގެން ތެލުންވެސް ވައްކަން ކުރެވޭ މިންވަރު ދައްކޮށްގެން ނުވަތަ ނައްތާލުމަކީ މިހާރު ފަށާފައި އޮތް ޕްރޮޖެކްޓެއް. ވޭތުވެ ދިޔަ މަހު ތެލުން 8 މިލިޔަން ރުފިޔާ ކުޑަކުރިން، މިމަހުވެސް ކުޑަކުރެވޭނެ." ނަޖާހު ވިދާޅުވިއެވެ.

ނަޖާހް ވިދާޅުވީ ފެނަކައިގެ އަމާޒަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް ދަރަނިތައް ދައްކާ، ޚިދުމަތްތައް ފުޅާކުރުން ކަމަށެވެ. މިއާއެކު ފެނަކަ އަމިއްލަ ފައިމައްޗަށް ތެދުވެ މާލީ ދަތިތަކާ ގުޅިގެން ހުއްޓިފައިވާ މަޝްރޫޢުތައް އިސްކަން ދޭ ތަރުތީބަކުން ނިންމޭނެ ކަމަށް ވިދާޅުވިއެވެ.

ފެނަކަ ކުންފުނިން ޚަރަދު ކުޑަކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރަމުންދާއިރު، އެކުންފުންޏަށް ލިބޭ އާމްދަނީގެ ބޮޑުބައެއް މިހާރު ހޭދަކުރަނީ ދަރަނި ދެކުމަށް ކަމަށް ފެނަކައިން ވިދާޅުވެއެވެ.