ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ނައިބު ރައީސްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ދަ ޑިމޮކްރެޓްސް ޕާޓީގެ ރައީސް އަދި ނައިބު ރައީސްގެ މަޤާމު ހުސްވެފައިވަނީ އެ ދެ މަޤާމުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވާ ޕާޓީ ދޫކުރުމުންނެވެ. މިކަމާއި ގުޅިގެން އެޕާޓީގެ ނޭޝަނަލް އެސެމްބްލީގެ ބައްދަލުވުމެއް ބާއްވާ އެ މަޤާމުތަކަށް މީހުން އިންތިޙާބު ކުރުމަށް އިންތިހާބެއް 40 ދުވަހުތެރޭގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.
ޑިމޮކްރެޓްސް ޕާޓީން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ، އެ ޕާޓީގެ ރައީސް އަދި ނައިބު ރައީސް(ފިރިހެން) މަޤާމަށް މީހުން އިންތިޙާބު ކުރުމަށް ބާއްވާ އެތެރޭގެ އިންތިޙާބު އަންނަ މަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި މި އިންތިޙާބުގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކުން ބުރާސްފަތި ދުވަހުގެ މެނދުރު 12:00 ކުރިން ހުށަހެޅުމަށް އެޕާޓީން ވަނީ ހުޅުވާލާފައެވެ. އެޕާޓީގެ އެތެރޭގެ އިންތިޙާބުގައި ވޯޓުލުމުގެ ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ބުދަ ދުވަހު 12:00 ގައި ހުޅުވާލާނެކަން އެޕާޓީން ވަނީ ހާމަކޮށްފައެވެ. އަދި މި ލިސްޓަށް ޝަކުވާ ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މި ހޮނިހިރު ދުވަސް ކަމަށް ޑިމޮކްރެޓްސްއިން ބުނެއެވެ.
ޑިމޮކްރެޓްސް އެތެރޭގެ އިންތިޙާބު ބާއްވަން ތައްޔާރުވަމުންދާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވާ އުފެއްދެވި މި ޕާޓީގެ ބައެއް މެންބަރުން ޕާޓީއާއި ވަކިވި ނަމަވެސް ޕާޓީގެ ކުރިމަގު އޮތީ އުޖާލާކޮށް ކަމަށް ޕާޓީން ބުނެއެވެ. އަދި ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ދާދި އަވަހަށް އަނެއްކާވެސް ފަށާނެ ކަމަށް އެޕާޓީން ވަނީ ހާމަކޮށްފައެވެ.