ހުޅުމާލޭ ފޭސް 2ގެ ކަރަންޓަށް ދިމާވަމުންދާ މައްސަލަ ޙައްލުކުރުމަށް ކަމާއި ގުޅުންހުރި އިދާރާތަކާއެކު މަސައްކަތް ކުރަމުންދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގެ ކަރަންޓަށް ދިމާވެފައިވަނީ ކަރަންޓު ދިނުމަށް ބޭނުންކުރަމުންދާ ފީޑަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ޚިދުމަތް ދިނުމަށް ބޭނުންވާ ޓްރާންސްފޯމަރުތަކާއި ނެޓްވޮކްގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ. އަދި މި މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާބާދުވާނެކަމަށް ބެލެވޭ އާބާދީއަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ޓްރާންސްފޯމަރުތައް ޤާއިމުކޮށް ބޭނުންވާ ނިސްބަތުން ޓްރާންސްފޯމަރުތައްދަނީ އޮޕަރޭޝަނަށް ނެރެމުންނެވެ.
އެހެންނަމަވެސް ވަށާޖެހޭ ގޮތަށް ކަރަންޓު ޚިދުމަތްދިނުމަށް ހުރިހާ ޓްރާންސްފޯމަރުތައް ޚިދުމަތަށް ގެނެވި ޕަވަރ ނެޓްވޯކް ރިންގ ފުރިހަމަވާންޖެހެއެވެ. އަދި މިމަސައްކަތް ރަސްމީކޮށް ކުރުމަށް ސަރުކާރުގެ ހަކަތަ ކުންފުންޏަކާއި ހަވާލުވެސް ކުރަންޖެހެއެވެ. މިމަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން ކުރިއަށްދާކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
މިވަގުތު ހުޅުމާލޭގެ ކަރަންޓު ދިނުމަށް ރަސްމީކޮށް ވަކި ކުންފުންޏަކުން މަސައްކަތް ނުކުރިނަމަވެސް، ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތެއް މެދުކެނޑިއްޖެ ޙާލަތެއްގައި ސަރުކާރުގެ އެކަމަކާއި ގުޅުންހުރި މުއައްސަސާއަކުންދަނީ އެކަމެއްގެ މަސައްކަތް ބަލަހައްޓައިދެމުންނެވެ. މިގޮތުން ހުޅުމާލޭ ކަރަންޓު ކެނޑުމުގެ މައްސަލަ ހޮނިހިރު ދުވަހުގެ ރޭ ކުރިމަތިވެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ކަރަންޓު ދިނުމަށް އަޅާފައިވާ މައި ކޭބަލަކަށް ގެއްލުން ވެގެންނެވެ. ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ހަކަތައިގެ މައި ކުންފުނިކަމަށްވާ ސްޓެލްކޯއިންވަނީ މަސައްކަތްކުރައްވާފައެވެ.
ޕަވަރ ނެޓްވޯކް ރިންގްގެ މަސައްކަތް ނިމި އެއްކޮށް އޮޕަރޭޝަނަށް އަދި ގެނެވިފައި ނުވާތީ ވަކި ޓްރާންސްފޯމަރެއް ނުވަތަ ފީޑަރަށް ދިމާވާ މައްސަލައަކާއި ގުޅިގެން ކަރަންޓު ކެނޑޭ ޙާލަތެއްގައި އެހެން ފީޑަރެއް މެދުވެރިކޮށް އެހެން ޓްރާންސްފޯމަރަކުން ކަރަންޓު ދެވޭނެ އިންތިޒާމު އަދި ނެތެވެ. އެހެންކަމުން މައްސަލަ ދިމާވީ ކޮން ކަމެއް މެދުވެރިވެގެންތޯ ދެނެގަނެ އެކަމެއް ހައްލުކުރުމަށް ވަކިވަކި ޓްރާންސްފޯމަރުތައް ބަލަންޖެހެއެވެ. އެއީ ވަގުތު ނަގާކަމެއްކަން ސްޓެލްކޯއިން ފާހަގަކުރައްވައެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހުރިހާ ޓްރާންސްފޯމަރުތައް އޮޕަރޭޝަނަށް ގެނެވުމާއެކު މިމައްސަލައަށް ދެމެހެއްޓެނިވި ހައްލެއް އަންނާނެކަމަށް ކަމާގުޅޭ އިދާރާތަކުން ފާހަގަކުރައްވައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީން ފެން ކެނޑުމުގެ ކަންބޮޑުވުންތަކެއްވެސް ޢާއްމުންގެ އެބަހުއްޓެވެ. ސަރުކާރުގެ ފެން ކުންފުނިންގ ވިދާޅުވީ، ހުޅުމާލޭ ފެނުގެ ނެޓްވޯކް ޤާއިމުކޮށް އެޚިދުމަތް ދިނުމަށް ބޭނުންވާ ފަންނީ އެހީތެރިކަން އެމްޑަބްލިއުއެސްއީން ފޯރުކޮށްދެމުންދާކަމަށެވެ.
މިވަގުތު ހުޅުމާލޭ ދެވަނަ ފިޔަވަހިން ފެން ކެނޑުމުގެ މައްސަލަ ދިމާވާ ސަބަބަކީ ކަރަންޓަށް ދިމާވަމުންދާ މައްސަލަކަން އެކުންފުނިން ފާހަގަކުރައްވައެވެ. އަދި ހިޔާ ޓަވަރުތަކަށް ފެން ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ބޫސްޓަރ ޕަމްޕްތަކަށް ކަރަންޓު ފޯރުކޮށްދޭ ބެކަޕް ޖަނެރޭޓަރުތައް އެންމެ އެދެވޭގޮތުގައި ބޭނުންކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސަންޖެހޭކަން ކުންފުނިތަކުންވަނީ ފާހަގަކޮށްފައެވެ.
ހުޅުމާލޭގެ ކަރަންޓާއި ފެނުގެ ޚިދުމަތް މެދުނުކެނޑި ދިނުމަށް ޤާއިމުކުރަންޖެހޭ ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުންދާކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި އިތުރުވަމުންދާ ހުޅުމާލޭގެ އާބާދީއާއި އެއްވަރަށް އަސާސީ ޚިދުމަތް މެދުނުކެނޑިދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް މަސައްކަތްކުރާކަން އެކުންފުނިން ފާހަގަކުރައްވައެވެ.