ޚަބަރު

ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީން ޕްރޮގްރާމް 210 ފުލުހުންނާއެކު ފަށައިފި


  • މި ކޯސް ކުރިއަށްދާނީ 17 ހަފުތާއަށް

  • ކޯސް ކުރިއަށްދަނީ އައްޑޫ ކެމްޕަހުގައި

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 39 ވަނަ ބުރު ފަށައިފިއެވެ.

މި ތަމްރީނުތައް ކުރިއަށްގެންދަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، 17 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި އަސާސީ ތަމްރީނު ކޯހުގައި 210 ފުލުހުން ބައިވެރިވެފައިވާކަމަށެވެ. މީގެތެރޭގައި ހިމެނެނީ 48 އަންހެން ފުލުހުންނާއި 162 ފިރިހެން ފުލުހުންނެވެ.

ފުލުހުންގެ ތަމްރީން ޕްރޮގްރާމުގެ 38 ވަނަ ބުރުގައި ބައިވެރިވީ 140 ފުލުހުންނެވެ.

ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ، ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ހުނަރާއި ތަޖުރިބާ ދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ފިޒިކަލް ޓްރެއިނިންގ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް އަދި ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ބައިތައް ކިޔަވައިދޭނެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 147 ރަށެއްގައި ޤާއިމުވެ ޚިދުމަތްދެމުންނެވެ. އެހެން ރަށްތަކުގައިވެސް ޕޮލިސް ޕޯސްޓުތައް ހުޅުވައި 2026 ވަނަ އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޚިދުމަތް ފެށުމަށް އެ ޚިދުމަތުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.