ކުޅިވަރު

ޕޮލެންޑް ބަލިކުރަން މާ މޮޅު ރޭވުމެއް ނުރާވާނަން - ސަންތޯސް


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާރ ފައިނަލުގައި ޕޮލެންޑްގެމައްޗަށް ކުރި ހޯދަން މާ މޮޅެތި ރޭވުންތަކެއް ނުރާވާނެކަމަށް ޕޯޗުގަލްގެ ކޯޗް ފެނާންޑޯ ސަންތޯސް ބުނެފިއެވެ. 

ޕޮލަންޑާއި ދެކޮޅަށް ކުޅޭ މެޗާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެމުން ކޯޗް ސަންތޯސް ބުނީ އެންމެ މޮޅުވާނެއޭ ބުނި ކްރޮއޭޝިޔާއާއި ދެކޮޅަށް ކުޅެ ކާމިޔާބު ހޯދީވެސް މާ މޮޅު ކުޅުމެއް ދައްކައިގެންނޫންކަމަށާއި، މުހިންމީ ނަތީޖާކަމަށެވެ. މާދަމާގެ މެޗުންވެސް މޮޅުވެވުމުން އެނިމުނީކަމަށާއި، ޕޮލަންޑް ބަލިކުރަން މާމޮޅު އުކުޅެއް ނުގެންގުޅޭނެކަމަށް ކޯޗް ބުންޏެވެ. 

"މީގަ މުހިންމީ މާ މޮޅު ކުޅުމެއް ދެއްކުމެއް ނޫން، ނަތީޖާ ނެރެވިގެން ސެމީއަށް ދެވޭނީ. ޕޮލަންޑް ބަލިކުރަން މާ މޮޅު ޕްލޭނެއް ނުރާވާނަން" ސަންތޯސް ބުންޏެވެ.

ޔޫރޯގައި ވާދަކުރި 10 ފަހަރުވެސް މުބާރާތުގެ ގަދަ އަށަކުން ޖާގަހޯދާފައިވާ ޕޯޗުގަލްގެ ކޯޗް ބުނީ، ޕޮލަންޑަކީ ކިހާވަރެއްގެ ޓީމެއްކަން އޭނާ ބަލާނީމިރޭގެ މެޗުންކަމަށާއި، ޕޯޗުގަލް ސަޕޯޓަރުން މާޔޫސްވިޔަ ނުދޭނެކަމަށެވެ. 

އެންމެފަހުން ޕޮލަންޑް އަދި ޕޯޗުގަލް މެޗެއްގައި ވާދަކޮށްފައިވަނީ ދެހާސް ބާރަވަނައަހަރުގެ ފެބްރުއަރީ މަހުގައެވެ. އެ މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ.