މިއަހަރުގެ ޅެންވެރީންގެ ދުވަސް ޚާއްސަކޮށްފައިވަނީ އެބޭފުޅެއްގެ ޚިދުމަތްތަކާމެދު މުޅި ޤައުމު ފަޚުރުވެރިވާ، ދިވެހިބަހުގެ އުސްތާޛު ނިޝާން ޢިއްޒުންދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޞާދިގު، އެންމެން ދަންނަ ސޯދުބެއަށެވެ.
ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ޙަފްލާގައި، ސޯދުބެއަށްޓަކާ އަޅުގަނޑުމެން އެންމެންގެ ހިތްތަކުގައި އުފެދިފައިވާ ޚާއްސަ އިޙުތިރާމާއި ގަދަރު ވަނީ ފެނިގެންގޮސްފައެވެ. ޙަފްލާގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުންގެ ދުލުގައިހެންވެސް އޮތީ ސޯދުބެއަށްޓަކާ އޮތް ލޯތްބެވެ.
37 ވަނަ ޅެންވެރީންގެ ދުވަހުގެ ޝިޢާރަކީ "އަހަންނަކީ ދިވެއްސަކީން، ދިވެހި އުޅުމުގެ ވެއްސަކީން''މިއެވެ. މި ޝިޢާރަކީ ސޯދުބެ ހައްދަވައިފައިވާ "ދިވެއްސަކީން" ޅެމާ ގުޅުވައިގެން ކަނޑައަޅާފައިވާ ޝިޢާރެކެވެ.
ޅެންވެރީންގެ ދުވަހުގެ ޙަފްލާގައި ވާހަކަދައްކަމުން ސޯދުބެގެ ހަގު ދަރިކަލުން ރަޢުފަތު ޞާދިގު ވިދާޅުވީ އޭނާގެ މަންމަ އަބަދުވެސް ބުނަމުން އަންނަ އެއްޗަކީ ކޮންމެ މީހަކީވެސް ފޮތެއްކަމަށެވެ. އެގޮތުން އޭނާގެ ބައްޕަގެ 90 ބާބު ހިމެނިފައިވާ ފޮތުގައި ޅެންވެރިކަމުގެ ކުލަ ނުޖެހޭ ސަފްހާއެއް ނެތްކަން ރަޢުފަތު ފާހަގަކުރެއްވިއެވެ.
ރަޢުފަތު ވަނީ އޭނާ ބައްޕަގެ މިޒާޖު ވަރަށް ފުރިހަމައަށް ބަޔާންކޮށްދީފައެވެ. އެގޮތުން ލޯތްބާއި، ކުލުނާއި، އޯގާތެރިކަމާއި، މަޖަލާއި، އުނގަންނައިދިނުމުގެ ރީތި ސިފަތަކެއް ސޯދުބެގެ ކިބައިގައިވާތީ އެކަމާއި މެދު ފަހުރުވެރިވާކަމަށް ރައުފަތު ވިފާޅުވިއެވެ.
ރަޢުފަތު ވިދާޅުވީ ގޭތެރޭގައި އިންދި ގަހެއް އޭގައި ކުރިފަޅާ އޭގެ މޭވާ މުޅި ޤައުމުގައި ފެތުރެމުންދާތީ ވަރަށް އުފާވާކަމަށެވެ. އެއީ ބައްޕަގެ "ވަރަށް ލޯބިވޭ" މި މޭވާކަން ފާހަގަކުރައްވާ، ރަޢުފަތު ވިދާޅުވީ މިއަދު މި ބަސް ޤައުމީ ފެންވަރުގައި ބޭނުން ކުރާތީ ބައްޕަދެކެ ވާ ލޯބި އަދި މާ ބޮޑަށް އިތުރު ވެއްޖެކަމަށެވެ.
"މިގަސް ފެތުރިގެން ގޮސް ފަރުދީ ލެވެލްއަކުން ފެށިގެންގޮސް މިހާރު ޤައުމީ ފެންވަރުގައި އެ ލަފްޒުތައް ބޭނުން ކުރާތީ އަޅުގަނޑު ވަރަށް އުފާވެއްޖެ. އަދި އަޅުގަނޑު، އަޅުގަނޑުގެ ބައްޕައާމެދު އިިތުރަށް ފަޚުރުވެރިވެއްޖެ" ރަޢުފަތު ވިދާޅުވިއެވެ.
މި ޙަފްލާގައި ރަޢުފަތު ވަނީ ބައްޕަ ދެއްވި ޚާއްސަ ވީޑިއޯ މެސެޖެއްވެސް ހިއްސާކުރައްވާފައެވެ. އެ މެސެޖުގައި ސޯދުބެ ވިދާޅުވީ، "އަހަރެންވެސް ހުރިހާ ކުދިން ދެކެ ހިތުގެ އަޑިން ވަރަށް ބޮޑަށް ލޯބިވޭ." މިފަދައިންނެވެ.
މި ޙަފްލާގައި ވާހަކަދައްކަވަމުން ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތްތެރިޔާ ބަދުރުއްނަޞީރު ވަނީ ސޯދުބެއާއި ދިވެހިރާއްޖޭގެ އަޑާއި އޮތްގުޅުން ފާހަގަކުރައްވާފައެވެ.
އެގޮތުން ޑްރާމާ ލިޔުމާއި ޕްރޮގްރާމް ހެދުމާއި، ޚާއްސަކޮށް ނޫސްވެރިކަމުގެ މަސައްކަތުގައި ސޯދުބެގެ މަސައްކަތް ފާހަގަވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ އަޑުގެ ޒަރިއްޔާއިން ރާއްޖޭގެ ކަންކޮޅުތަކަށް ސޯދުބެގެ ފަރާތުން ލިބުނު ފައިދާ އަގު ނުކުރެވޭނެކަމަށް ވިދާޅުވިއެވެ.
"ސޯދުބޭގެ މޮޅުކަމާއި ކުޅަދާނަކަން ހަމަ އެކަނި ޅެންވެރިކަމެއް ނޫން ބަހަށް ކުރެއްވި މަސައްކަތްތައް، ޚިދުމަތްތައް ރޭޑިއޯ މެދުވެރިކޮށް މުޅި ރާއްޖޭއަށް ފެތުރުއްވީތީ ރޭޑިއޯގެ އެއިރުގެ މުވައްޒަފުންނާއި މިހާރުގެ މުވައްޒަފުންނަށް ޝުކުރު ދަންނަވަން" ބަދުރުއްނަޞީރު ވިދާޅުވިއެވެ.
މި ޙަފްލާގައި ސޯދުބެގެ ޅެންވެރިކަމަށް އިޝާރަތްކުރައްވާ ވާހަކަދައްކަވަމުން ކުޅަދާނަ ޅެންވެރިޔާ މުޙައްމަދު އާމިރް އަހުމަދު ވިދާޅުވީ ޅެން ހެދުމުގެ ދާއިރާތަކުގެ ތެރޭގައި ސޯދުބެ ޅެން ނަހައްދަވާ އެންމެ ދާއިރާއެއްވެސް ނެތްކަމަށެވެ.
އޭގެ ތޭރޭގައި އިޝްގީ، ހިތާމަ، މަޖާޒީ ޅެންތައް ހިމެނޭކަމަށް އާމިރު ވިދާޅުވިއެވެ. އަދި ސޯދުބެއަކީ ޢިލްމާއި ފަންނާއި ޚިދުމަތުގެ ސަބަބުން ވަކި މުއައްސަސާއެއްގެ ގޮތުގައި ޤައުމުން ފާހަގަކުރަން ޖެހޭ ބޭފުޅެއްކަމަށް އާމިރު ވިދާޅުވިއެވެ.
"ސޯދުބެއަކީ އެތައް ބައެއްގެ މުދައްރިސް، ޤައުމުގެ ސާއިރު، ދިވެހި އަދަބުގެ މުޝީރި. އެފަދަ އެތަކެއް ޝަހުސިއްޔަތާއެކު އުފެދިފައިވާ ސޯދުބެއަކީ ވަކި ފަރުދަކަށް ވުރެ ދާއިރާ ތަނަވަސް ހައިސިއްޔަތު ލިބިވަޑައިގެންފައިވާ ޝަހުސިއްޔަތެއް. ސޯދުބެއަކީ ޢިލްމާއި ފަންނާއި ޚިދުމަތުގެ ސަބަބުން ވަކި މުއައްސަސާއެއްގެ ގޮތުގައި ޤައުމުން ފާހަގަކުރަން ޖެހޭ ބޭފުޅެއް" އާމިރު ވިދާޅުވިއެވެ.
ޅެންވެރީންގެ ދުވަހުގެ މި އަހަރުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ، ސޯދުބޭގެ ހިތްޕުޅަކީ ޅެންވެރިކަމުގެ ދާއިރާއާއި އެނޫންވެސް ދާއިރާތަކުގައި ވަރަށް ޒުވާން ހިތްޕުޅެއްކަމަށެވެ.
އުމުރުފުޅުން 90 އަހަރުގައިވެސް ސޯދުބޭގެ ހިތްޕުޅުގައި އޮތީ އަދަބީ ކަންކަމަށް އަންނަންޖެހޭ ހެޔޮ އިސްލާހުތައްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ސޯދުބެއަކީ މި ޒަމާނުގެ ޅެންވެރީންގެ ޅެންވެރިޔާ. މުދައްރިސުންގެ މުދައްރިސް. އަދީބުންގެ އަދީބުން. މިޖީލަށް ބަލާއިރު ސޯދުބެއަށް ދަރިވަރުނުވާ ބޭފުޅަކު މަދުވާނެ." ވަޒީރު ވިދާޅުވިއެވެ.
ޅެންވެރިޔާ ޢަލީ މުސްޠަފާގެ އަރިހުން ދަރިވަރުވެ، މަދަރުސީ ހަޔާތުގައި ފުރަތަމަ ފަހަރަށް ޅެމެއް ހެއްދެވި ސޯދުބެއަކީ މިފަހުން އުފެދުނު އެންމެ އުފެއްދުންތެރި އަދީބެވެ. ދެގޮތެއްނުވެ ދިވެހިބަހަށް ޚިދުމަތްކުރެއްވި ބޭފުޅެކެވެ. ސޯދުބޭގެ އަދަބީ އުފެއްދުންތައް އެހާމެ ގިނައެވެ. ބަސް އުނގަންނަވައިދެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައް އަދި އެއަށްވުރެ މާ ގިނައެވެ. ސޯދުބެއަކީ ދިވެހިންގެ ދިވެހި މުދައްރިސެވެ. ހަމައެކަނި ކުޅަދާނަ ޅެންވެރިއެއްނޫނެވެ.
ސޯދުބޭގެ ޚިދުމަތް އަގުވަޒަންކޮށް، ސޯދެބެއަށް ވަނީ އެކި ދުވަސްވަރު އެކި ޝަރަފު ދިވެހި ދައުލަތުން އަރުވާފައެވެ. އެގޮތުން ދިވެހި ޅެންވެރިކަމުގެ ރޮނގުން 1992 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގަތެވެ. އަދި 2019 ވަނަ އަހަރު ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު ސޯދުބެއަށް ވަނީ އަރުވާފައެވެ.