ޚަބަރު

ފަރެސްމާތޮޑާގައި އައިކޭމްޕެއް ބާއްވަނީ، 400 އައިނު މުޅިން ހިލޭ


  • ކޭމްޕް ބާއްވަނީ ބުދަ އަދި ބުރާސްފަތި ދުވަހު

  • 4 ޑޮކްޓަރަކާއި 2 ޓެކްނީޝަނުންގެ ޓީމެއް ހަރަކާތްތެރިވާނެ

  • ލޮލުގެ އިތުރުން ކަންފަތުގެ ބަލިތަކަށްވެސް ފަރުވާދޭނެ

ލަންކާގެ ބިޒްނަޒް ކައުންސިލާއި ފަރެސްމާތޮޑާ ކައުންސިލް ގުޅިގެން އެރަށުގައި އައިކޭމްޕެއް ބާއްވަން ނިންމައިފިއެވެ. އައިކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހަފްތާގެ ބުދަ އަދި ބުރާސްފަތި ދުވަހުގައެވެ.

ފަރެސްމާތޮޑާގެ ސިއްޙީ މަރުކަޒުގައި ކުރިއަށްގެންދާ މި އައިކޭމްޕުގައި ލޯ ޓެސްޓް ކުރުމާއި، ނަންބަރު ނެގުމުގެ ޚިދުމަތުގެ އިތުރުން އެއްވެސް އަގަކާނުލައި ނަންބަރު އައިނުވެސް ހެއްދޭނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ލަންކާ މޯލްޑީވްސް ބިޒްނަސް ކައުންސިލްގެ ރައީސް ސުދޭޝް މެންޑިސް ވިދާޅުވީ، މި ކޭމްޕުގެ ދަށުން ގާތްގަނޑަކަށް 400 އައިނު ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ލޮލުގެ އިތުރުން ކަންފަތް ސްކްރީން ކުރުމުގެ ޚިދުމަތްތައްވެސް ފޯރުކޮށްދޭނެކަމަށެވެ.

"އަޅުގަނޑުމެން މި ރާވަނީ މިރަށުގެ ރައްޔިތުންނަށް ގާތްގަނޑަކަށް 400 ވަރަކަށް އައިނު ދިނުމަށް. މި ކޭމްޕުގައި އަޅުގަނޑުމެން ކޮންމެ މީހަކުވެސް ޗެކްކޮށް، އެމީހުންގެ މައްސަލަތަކަށް ބަލާއި އެކަމަށް އެންމެ އެކަށޭނެ ފަރުވާދޭނަން. ހަމައެކަނި ލޮލުގެ އައިނެއް ނޫން، އަޅުގަނޑުމެން އެމީހުންނަށް ކަންފަތާ ގުޅުންހުރި ފަރުވާތައްވެސް ދޭނަން. އަދި ކަންފަތުގެ އަޑުއިވުމުގެ މައްސަލަ ހުންނަ ފަރާތްތަކަށް އަޑުއިވުމުގެ ވަސީލަތްތައް ވެސް ދޭނަން." ސުދޭޝް ވިދާޅުވިއެވެ.

މި ކޭމްޕުގައި ލަންކާގެ ލޮލުގެ ޚާއްސަ 4 ޑޮކްޓަރަކާއި ޓެކްނީޝަނުންގެ ގޮތުގައި ހަރަކާތްތެރިވާ 2 ބޭފުޅަކު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ލަންކާގެ ބިޒްނަޒް ކައުންސިލްގެ ފަރާތުން ވަޑައިގެންނެވި ޑޮކްޓަރ ވިކްރަމަޝީ ވިދާޅުވީ، މި އައިކޭމްޕްގައި އެރަށުގެ ސިއްޙީ މަރުކަޒުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ލޯ ސްކްރީން ކުރާނެގޮތް ދަސްކޮށްދޭކަމަށެވެ.

"މިއީ ހަމައެކަނި މިއަދަށް މިކަން ކުރާކަށްނޫން އަޅުގަނޑުމެން މި ކޭމްޕް މި ހިންގަނީ. މި ކޭމްޕުގައި އަޅުގަނޑުމެން އެރަށުގެ ނަރުހުންނާއި ޑޮކްޓަރުންނަށް މިފަދަ އެސެސްމެޓްތައް ހަދާގޮތް ދަސްކޮށްދޭނަން. އަދި އެ ފަރާތްތަކުގެ އެހީގައި އެހެން ރަށްތަށުގެ ރައްޔިތުންނަށް މި ޙިދުމަތްތައް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ އަޒުމް" ޑޮކްޓަރ ވިކްރަމަޝީ ވިދާޅުވިއެވެ.

ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެމްބަރު އަޝްރަފް ރަޝީދު ވިދާޅުވީ، މި އައި ކޭމްޕަކީ މިދިޔަ އަހަރު ފަރެސްމާތޮޑާ ކައުންސިލުން ލަންކާއަށް ކުރި ރަސްމީ ދަތުރުފުޅެއްގައި އެބޭފުޅުންނާއެކު ކުރެވުނު މަޝްވަރާގެ ތެރެއިން ބޭއްވުމަށް ހުށަހެޅި ޕްރޮގްރާމެއްކަމަށެވެ.

"މި ހިންގޭ ޕްރޮގްރާމަކީ ނިމުނު އަހަރު 2024 ވަނަ އަހަރު ފަރެސްމާތޮޑާ ކައުންސިލްގެ ފަރާތުން ލަންކާއަށް ކުރި ދަތުރުގައި ލަންކާގެ ބައެއް ރަސްމީ ފަރާތްތަކާ އެއްކޮށް ބޭއްވުނު ބައްދަލުވުންތަކުގެ އެތެރެއިން ލަންކާ ބިޒްނަސް ކައުންސިލާއެކު ފަތެސްމާތޮޑާ ކައުންސިލުން ބޭއްވުނު ބައްދަލުވުމާއި ބަދަލުކުރެވުނު ޑޮކިއުމެންޓްތަކުގެ އަލީގައި މި ބޭފުޅުންގެ ސީއެސްއާރުގެ ދަށުން އައި ކޭމްޕެއް ހިންގުމަށްޓަކައި ފަރެސްމާތޮޑާއަށް ރައްވާ ދަތުރެއް މި ދަތުރަކީ." ފަރެސްމާތޮޑާގެ މެމްބަރު އަޝްރަފް ރަޝީދު ވިދާޅުވިއެވެ.

މި ކޭމްޕްގެ އަމާޒަކީ ލޮލުގެ ފަރުވާ ހޯދަން ބޭނުންވެފައިތިބި ފަރެސްމާތޮޑާގެ ވީހާވެސް ގިނަ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު މި ޚިދުމަތް ފޯރުކޮށްދިނުންކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ.