ޚަބަރު

އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް ވެއްދުން ހުއްޓުވޭނީ އީފާސް މެދުވެރިކޮށް ރަޖިސްޓްރީކޮށްގެން: ހަސަން ޒަކަރިއްޔާ


  • އިލެކްޝަންސް ކޮމިޝަނުގައި ހުރި ވަސީލަތްތަކުންވެސް ފޯމުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުނުކުރެވޭ

  • އޮންލައިންކުރުމުން މައްސަލަ ހައްލުވާނެކަން ރީ-ރަޖިސްޓްރޭޝަނަށް އައި ބަދަލުން ހާމަވޭ

އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް ވެއްދުން ހުއްޓުވޭނީ އީފާސް މެދުވެރިކޮށް ރަޖިސްޓްރީވާގޮތް ހަދައިގެން ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.

ހަސަން ޒަކަރިއްޔާ މިހެން ވިދާޅުވީ އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވެއްދުމަށް ފޯމުތައް ހުށަހެޅުން އިތުރުވެ، އެކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލައަކީ ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ކޮންމެ އަހަރަކުވެސް ދިމާވާ މައްސަލައެއް ކަމަށެވެ. އެގޮތުން، އަހަރުގެ ފަހުކޮޅު މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ޕާޓީތަކުން ކުރާއިރު ރަށްރަށުން ޕާޓީތަކުގެ އޮފީސްތަކަށް ލިބޭ ފޯމުތައް ކަށަވަރުކުރުމުގައި ދަތިތައް ހުންނަ ކަމަށާއި އެކަން ޕާޓީތަކުންވެސް ފާހަގަކުރާ ކަމަށް ހަސަން ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކުންވެސް ފާހަގަކުރެވޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

ހަސަން ޒަކަރިއްޔާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގައި ހުރި ވަސީލަތްތަކުންވެސް ފޯމުގައި ޖަހާފައި ހުންނަ ފޯނު ނަންބަރާއި ހެކިންގެ މައުލޫމާތާއި އިނގިލީގެ ނިޝާން ކަށަވަރު ނުކުރެވޭ ކަމަށާއި މެންބަރުން ދަފުތަރުގައި ހިމަނަނީ ޕާޓީތަކާއެކު އެއްބަސްވެފައިވާގޮތަށް ޕާޓީތަކުން ގެންނަ ފޯމުތައް އީސީން ބަލަންޖެހޭ މިންވަރަށް ބެލުމަށްފަހު ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށް މިހާރުވެސް ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޮޅުވާލައިގެން ފޯމު ހުށަޙަޅާ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ އީ-ފާސް މެދުވެރިކޮށް އޮންލައިންކޮށް ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީވެވޭގޮތް ހަދައިގެން ކަމަށާއި އެކަން ރީ-ރަޖިސްޓްރޭޝަން މަރުހަލާ އޮންލައިންކުރުމުން އައި ރަނގަޅު ބަދަލުން ހާމަވާ ކަމަށްވެސް ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

"އީފާސް މެދުވެރިކޮށް ޑިޖިޓަލް ޕްލެޓްފޯމެއް، އޮންލައިންކޮށް ކޮންމެ މީހަކުވެސް އަމިއްލައަށް އެމީހަކު ހުރިތަނަކުން ރީ-ރަޖިސްޓްރީ ކުރެވޭނެ ނިޒާމެއް ގާއިމުކުރީ މީގެ ދެއަހަރު ކުރިންފެށިގެން. ފާއިތުވެދިޔަ ބޮޑު ދެ އިންތިޚާބުގައި އަޅުގަނޑުމެން އެކަން ތަޖުރިބާ ކުރިން. މިއަދާހަމައަށް އައިއިރު އެއްކޮށް އެއޮތީ ރީރަޖިސްޓްރޭޝަން ބަދަލުކޮށްފައި ޑިޖިޓަލްކޮށް ވެރިފައިޑް އީފާސް އެކައުންޓަކުން ނޫނީ ނުކުރެވޭގޮތަށް، އެހާހިސާބުން ފެށިގެން ރީރަޖިސްޓްރޭޝަންގައި މަކަރުހެދުން އެއްކޮށް ހުއްޓިގެންދިޔަ،" ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ފޯމުތަކުގައި ޖަހާ ފިންގަޕްރިންޓް ވެރިފައި ކުރުމުގެ ވަސީލަތްތައް އިލެކްޝަންސް ކޮމިޝަނުގައި ގާއިމްކުރުމަށް ބަޖެޓުގައި ހިމަނައިދިނުމަށް އެދޭތާ އެތައް އަހަރުތަކެއްވެފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް އެކަން ކޮށްދީފައިނުވާ ކަމަށެވެ. އަދި ސިޔާސީ ޕާޓީއަށް ވަނުން ފިޔަވައި ހުރިހާ ކަމެއް އީ-ފާސް މެދުވެރިކޮށް ކުރެވޭނެ އިންތިޒާމު އެކޮމިޝަނުގެ ޕޯޓަލްގައި ހަމަޖެހިފައިވާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުމުގެ ކުރިން ޕާޓީ ރަޖިސްޓްރޭޝަންވެސް އެ ޕޯޓަލަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.