ޚަބަރު

އެސްޓޯނިއާގައި ދިވެހި ދަރިވަރުންނަށް ހުރި ސްކޮލަޝިޕްގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި


  • އެސްޓޯނިއާގެ ތަޢުލީމީ ނިޒާމާއި، އުނގެނުމުގައި ގެންގުޅޭ އީޖާދީ އުކުޅުތަކަށް ރައީސް ތަޢުރީފުކުރެއްވި

އެސްޓޯނިއާގައި ދިވެހި ދަރިވަރުންނަށް ހުރި ސްކޮލަޝިޕްގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އެސްޓޯނިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ މިނިސްޓަރ އޮފް އެޑިއުކޭޝަން އެންޑް ރީސަރޗް، ކްރިސްޓީނާ ކެލަސް، އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

އެސްޓޯނިޔާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަން އެންޑް ރީސަރޗްގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެސްޓޯނިއާގެ ފެންވަރު ރަނގަޅު ތަޢުލީމީ ނިޒާމާއި، އުނގެނުމުގައި ގެންގުޅޭ އީޖާދީ އުކުޅުތަކަށް ތަޢުރީފުކުރައްވާފައެވެ. އަދި އެސްޓޯނިއާގެ ކާމިޔާބީން ހިތްވަރު ހޯއްދަވައިގެން، ރާއްޖޭގެ ތަޢުލީމީ ނިޒާމު ފުޅާކުރެއްވުމަށް އެމަނިކުފާނު ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ކެލަސް ވަނީ، އެސްޓޯނިއާގެ ތަޢުލީމީ ނިޒާމާ ގުޅުންހުރި ތަފްސީލީ ޕްރެސެންޓޭޝަނެއް ހުށަހަޅުއްވައި، އެ ނިޒާމުގެ މުހިންމު ސިފަތަކާއި، ބަދަލުގެނުވަނިވި އާދަކާދަތައް ހިއްސާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި އެކަމަނާ ވަނީ އެސްޓޯނިއާގެ ތަޢުލީމީ އިސްތިރާޖުތަކާ ގުޅުންހުރި މުހިންމު މަޢުލޫމާތުތަކެއްވެސް ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ޒުވާނުންނަށް ހުރި ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމުގެ މުހިންމުކަން މި ބައްދަލުކުރެއްވުމުގައި ފާޅުކުރައްވާފައެވެ. އެގޮތުން، އެސްޓޯނިއާގައި ދިވެހި ދަރިވަރުންނަށް ހުރި ސްކޮލަޝިޕްގެ ފުރުސަތުތަކާއި، އެނޫންވެސް، ކަންކަމުގައި އެއްބާރުލެއްވުން ދެއްވުމާމެދު މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުން ޢިލްމީ ކުރިއެރުންތައް ހިއްސާކުރުމާއި، ޤާބިލްކަން އިތުރުކުރުމާއި، އެ ނޫންވެސް ތައުލީމީ ދާއިރާއިން ގުޅުން ޤާއިމުކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ދެ ބޭފުޅުންވެސް ވަނީ، އިޖާދީ އުފެއްދުންތެރިކަމާއި ތަޢުލީމު މެދުވެރިކޮށް، ދެ ޤައުމުގެ ގުޅުން ހަރުދަނާ ކުރައްވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މިއީ މުސްތަޤުބަލުގައި އެކުގައި ކުރެވިދާނޭ މަސައްކަތްތަކުގެ ބިންގާކަމުގައި ދެބޭފުޅުންވެސް އެއްބަސްވެވަޑައިގެންނެވިއެވެ.