ޑިސެންބަރު މަހު މީރާއިން 2.33 ބިލިޔަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މޯލްޑިވްސް އިންލަންޑު ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކޮށްފިއެވެ.
މި އަދަދަކީ 2023 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %4.7 އިތުރު އަދަދެކެވެ. އަދި، ޑިސެންބަރު 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %20.1 އިތުރު އަދަދެކެވެ.
މީރާއިން މައުލޫމާތުދޭ ގޮތުގައި، ޑިސެންބަރު 2023 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޑިސެންބަރު 2024 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީއެސްޓީ، ގްރީން ޓެކްސް އަދި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން، ޑިސެންބަރު 2024 ގައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %5.7 އިތުރުވެފައިވާއިރު، ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކުން ލިބުނު އާމްދަނީ އިތުރުވެފައިވުމަކީ ވެސް ޑިސެންބަރުމަހުގެ އާމްދަނީ އިތުރުވުމުގެ އެއްސަބަބުކަމަށް މީރާއިން ވިދާޅުވެއެވެ.
ޑިސެންބަރު 2024 އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ %20.1 އިތުރުވެފައިވާ މައިގަނޑު އެއް ސަބަބަކީ ގްރީން ޓެކުހާއި، ވާރކް ޕާރމިޓް ފީ، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ، ބިދޭސީންގެ ކޯޓާ ފީ އަދި ޓޫރިޒަމް ދާއިރާ ނޫން އެހެނިހެން ދާއިރާ ތަކުގެ ޖީ.އެސް.ޓީ އިން ލިބުނު އާމްދަނީ އިތުރުވުމެވެ. އަދި މީގެ އިތުރުން، ޑިސެންބަރު 2024 ގައި ލިބިފައިވާ އާމްދަނީގެ %17.5 އަކީ މީރާގެ އެންފޯސްމަންޓް ފިޔަވަޅުތަކުގެ ދަށުން ހޯދާފައިވާ އާމްދަނީކަމުގައި މީރާއިން މައުލޫމާތުދެއެވެ.
ޑިސެންބަރު 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %57.34 ނުވަތަ 1.33 ބިލިޔަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައެވެ. އެއީ 378.55 މިލިޔަން ރުފިޔާއެވެ. މީގެ އިތުރުން އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 116.16 މިލިޔަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 109.46 މިލިޔަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 95.39 މިލިޔަން ރުފިޔާ، އަދި ޑިޕާޗަރ ޓެކުހުގެ ގޮތުގައި 93.93 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
ޑިސެންބަރު 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 112.75 މިލިޔަން އެމެރިކާ ޑޮލަރު ހިމެނެއެވެ.