މަސްވެރިކަމުގެ ސިނާޢަތުގެ މުހިންމު ވަޢުދުތަކުގައި މިއަހަރު ކުލަޖެހިގެންދާނެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ، ހުވަދުއަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފާހަގަކުރެވުނު އެންމެ މުހިންމު އެއްކަމަކީ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްޤީއަށް ރައީސް ކުރައްވަމުން ގެންދަވާ ކަންކަން މަސްވެރިން ވަރަށް ބޮޑަށް ބަލައިގަނެފައިވާކަން ކަމަށެވެ. އެގޮތުން، މަސްވެރި ރަށްތަކުގައި މިހާރު ކުރަމުން ދާ މަސައްކަތަކާއި، ކުރިއަށް ރާވާފައި ހުރި މަސައްކަތްތައް ރައްޔިތުން ބަލައިގަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޝިޔާމު ވިދާޅުވީ މިއަހަރަކީ މަސްވެރިކަމުގެ ސިނާޢަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި މުހިންމު ވަޢުދުތަކުގައި ކުލަޖެހިގެންދާނެ އަހަރު ކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާ ރާއްޖޭގެ އެންމެ މަސްވެެރިން ގިނަ ހުވަދުއަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރީގެ ގިނަ ރަށްތަކަކަށް ދަތުރުކުރެއްވި އިރު ފާހަގަކުރެވުނު އެއްކަމަކީ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްޤީއަށް ރައީސް ކުރައްވަމުން ގެންދަވާ ކަންކަމާ… pic.twitter.com/V9LN3dSDuV
— Ahmed Shiyam (@Shiyamaldives) January 8, 2025
މިއަހަރު މަސްވެރިކަމުގެ ސިނާޢަތުގެ ގިނަ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ރާވާފައިވާއިރު، ސަރުކާރުން މިހާރުދަނީ މަސްވެރިން މިފްކޯއަށް ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކޮށްދެމުންނެވެ.
އަދި މަސްވެރިކަމުގެ ދާއިރާއިން އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މިއަހަރުތެރޭ ކުރިއަށްދާނެ ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އެގޮތުން ގދ. ފިޔޯރީގައި މަސްކާރުހާނާއެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އަންނަމަހު ސޮއިކޮށް، 2 މަހެއްހާދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިމަސައްކަތުގެ ދަށުން މަސްކިރާ ކާރުހާނާގައިި 100 ޓަނުގެ ދަޅުމަސް ބަންދުކުރުމުގެ ކެޕޭސިޓީއާއި 3000 ޓަނުގެ މަސް ފިނިކުރާ ކޯލްޑް ސްޓޯރޭޖްއެއް ތަރައްޤީކުރާނެއެވެ. އަދި 100 ޓަނުގެ ފިޝް މީލް އަދި 50 ޓަނުގެ އައިސް ޕްލާންޓެއްވެސް ކާރުހާނާގައި ހުންނާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖަށް އިތުރު 4000 ޓަން އިތުރުކުރުމުގެ މަސައްކަތްވެސް ދާދި އަވަހަށް ފެށިގެންދާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މިހާރު ރާއްޖޭގެ ކޯލްޑު ސްޓޯރޭޖުގެ ކެޕޭސިޓީއަކީ 8500 ޓަނެވެ. ރައީސުލްޖުމްހުރިއްޔާގެ ރިޔާސީ ވަޢުދަކީ މިހާރު ހުރި ކެޕޭސިޓީ ދެގުނަ ކުރުމެވެ. އަދި މިހާރުގެ އަމާޒަކީ 3 ގުނަކޮށް ޖުމްލަ ކެޕޭސިޓީ 25 ހާސް ޓަނަށް ހެދުންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމު މީގެކުރިންވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ އަމާޒަކީ މި ދައުރުތެރޭގައި އިތުރު 15500 ޓަން މުޅި ރާއްޖޭގައި އިތުރުކުރެވި، ޖުމްލަ 25000 ޓަނަށް މުޅި ރާއްޖޭގެ މަހުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުމެވެ. ރާއްޖޭގައި އެކަށީގެންވާ ސްޓޯރޭޖް ކެޕޭސިޓީ ނެތުމުގެ ސަބަބުން ރާއްޖެއިން ވިއްކާ މަހަށް ރަނގަޅު އަގެއް ނުލިބޭ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެ ސަބަބުން ބާނާ މަހުގެ 65 އިންސައްތަ ރޯ މަހުގެ ގޮތުގައި ބޭރު ކުރާ ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.