ސޮފްޓްވެއާ ޑިފައިންޑް ވައިޑް އޭރިއާ ނެޓްވޯކް (އެސްޑީވޭން) ޓެކްނޮލޮޖީއަށް ބިނާކޮށް ގައުމީ ކޮމްޕިއުޓާ ވިއުގައިގެ ހިދުމަތް ހަރުދަނާކޮށް، ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ ދިރާސާ ހަދަން ސްރީލަންކާގެ އެން-އޭބަލް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފިއެވެ.
މިއީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓްގެ ދަށުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމެކެވެ.
އެސްޑީވޭން ޓެކްނޯލޮޖީއަކީ އިންޓަރނެޓް މެދުވެރިކޮށް ރައްކާތެރިކަމާއެކު އެކި ސަރަހައްދުތަކުގައި ހުންނަ ބްރާންޗް އޮފީސްތައް ގުޅާލުމަށް ބޭނުންކުރާ ނެޓްވޯކް ޓެކްނޯލޮޖީއެކެވެ. ނަމަވެސް ސަރުކާރުގެ ވަކިވަކި އިދާރާތަކާއި، އެ އިދާރަތުގެ ބްރާންޗް އޮފީސްތަކާއި، އަދި ބޭނުންކުރާ ސިސްޓަމްތަކުގެ އެކްސެސް ކައުންސިލްތަކަށް، އެއް ވިއުގައެއްގެ ތެރެއިން ދިނުމަށްޓަކައި މި ޓެކްނޯލޮޖީއަކީ ޓެކްނިކަލް އަދި މާލީގޮތުން ފީޒިބަލް ޓެކްނޯލޮޖީއެއްތޯ ދެނެގަތުމަށް އިތުރަށް ދިރާސާކުރަންޖެހޭކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން ހަވާލުކުރެވިގެން މިދިޔައީ މިކަމަށް ބޭނުންވާ ދިރާސާ ހެދުމަށްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އެން-އޭބަލް ޕްރައިވެޓް ލިމިޓެޑް އަށް އެން.ސީ.އައި.ޓީ އިން ފޯރުކޮށްދީފައިވާ ރިކުއަޔަމަންޓާއި އެއްގޮތަށް މި ޓެކްނޯލޮޖީ ބޭނުންކުރެވޭތޯ ބެލުމަށް ޕްރޫފް އޮފް ކޮންސެޕްޓް ހެދުމުގައި އެން.ސީ.އައި.ޓީއަށް ފަންނީ އެހީތެރިކަން އެ ކުންފުނިން ފޯރުކޮށްދޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
އެން.ސީ.އެންއަކީ ސަރުކާރުގެ އިދާރާތަކުން ދޭ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް އޮފީހުގެ އެތެރޭގައި ބޭނުންކުރާ އިންފޮމޭޝަން ސިސްޓަމްތައް ރަށުކައުންސިލްތަކާއި ބްރާންޗް އޮފީސްތަކަށް ފޯރުކޮށްދިނުމާއި އަދި އެކި އިދާރާތަކުގެ މެދުގައި ޑޭޓާ ރައްކާތެރިކަމާއި ހިއްސާކުރުމަށްޓަކައި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ އާއި ލޯކަލް ގަވަރންމަންޓް އޮތޯރިޓީން ޤާއިމްކޮށްފައިވާ ކޮމްޕިއުޓަރ ވިއުގައެއްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އެންމެ ފުރަތަމަ މި ވިއުގަ ޤާއިމްކޮށްފައިވަނީ 2000 އަހަރު ތަކުގެ ތެރޭގައި ސެޓަލައިޓް މެދުވެރިކޮށެވެ. ނަމަވެސް ޓެކްނޯލޮޖީއަށް އައި ކުރިއެރުމާއި އަގުތަކަށް އައި ބަދަލާއެކު 2014 އިން ފެށިގެން މި ނެޓްވޯކް އޮޕަރޭޓްކުރަނީ ދިރާގު އަދި އުރީދޫއިން ޤާއިމްކޮށްފައިވާ މުވާސަލާތީ ބިނާވެށީގައެވެ. ނަމަވެސް މިއީ އަގުބޮޑު ޚިދުމަތަކަށްވުމާއި، އަދި އޮފީސްތަކުގެ ޑިޖިޓަލް ޚިދުމަތްތަށް ގިނަވެފައިވާތީ މި ނެޓްވޯކްގެ ކެޕޭސިޓީ ވަނީ އިތުރުކުރަންޖެހިފައިކަމަށް ދާހިލީ ސަލާމަތާއި ފައްނިއްޔަތާއި ބެހޭ ވުޒާރާއިން ވިދާޅުއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ވިދާޅުވީ އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރާއިރު ރަށްރަށުގައި އަޅާފައިވާ ނެޓްވޯކް އިންފްރަސްޓްރަކްޗަރ ހަލާކުވުމުގެ ސަބަބުން ޚިދުމަތްތައް މެދުކެޑި އަލުން ޚިދުމަތް ދޭންފެށުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާކަމަށެވެ.
އެ ވުޒާރާއިން ވިދާޅުވީ މި ވިއުގަ ޤާއިމް ކުރެވުމުން ސަރުކާރުން މި ވަގުތު އެން.ސީ.އެން އަށް ކުރާ ޚަދަރު އެތައްގުނައެއް ކުޑަވެގެން ދާނެކަމަށާއި އަދި ނެޓްވޯކްގެ ކެޕޭސިޓީ އިތުރުކުރެވޭކަމަށެވެ. އަދި މި ނެޓްވޯކް ޤާއިމްކޮށް ބެލެހެއްޓުމަށް އެން.ސީ.އައި.ޓީއަށް ފަސޭހަވުމާއެކު، ކައުންސިލްތަކުން ސަރުކާރާއި ގުޅިގެންދޭ އިތުރު ޚިދުމަތްތަކަށް މަގުފަހިވެގެންދާނެއެވެ.
މީގެ އިތުރުން އަތޮޅުތަކުގެ ތެރޭގައި ހިމެނޭ ސްކޫލް އަދި ހޮސްޕިޓަލްތަކަށްވެސް ކުޑަ ޚަރަދަކުން ޤައުމީ ކޮމްޕިއުޓަރގެ ޚިދުމަތް ފުޅާކުރުމުގެ ފުރުސަތުފަހިވެގެންދާނެކަމަށެވެ. އެން-އޭބަލް ޕްރައިވެޓް ލިމިޓެޑާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 4 މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.