މިދިޔަ ޑިސެމްބަރު މަހު ރާއްޖޭގައި ބޭއްވި އޭޝިއަން ޓެނިސް ފެޑެރޭޝަން (އޭޓީއެފް) ގެ ދެ މުބާރާތުގެ ނަތިޖާ ވަރަށް ރަނގަޅު ކަމަށް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިގްނާޒް މަންސޫރު ވިދާޅުވެއްޖެއެވެ. އިގްނާޒް މިހެން ވިދާޅުވީ ޕީއެސްއެމް އިން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަދައްކަވަމުންނެވެ.
އިގްނާޒް ވިދާޅުވީ މުބާރާތުން ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދިވެހި ކުޅުންތެރިން ހޯދި ކުރިއެރުން ކަމަށެވެ. އަދި ދިވެހި ކުޅުންތެރިން އަތުން ބައެއް މެޗުތައް ގެއްލިފައި ހުރީ ވަރަށް ރަނގަޅަށް ކުޅުމަށްފަހު ކަމަށާއި، އެހެންކަމުން ފިރިހެން އަދި އަންހެން ކުޅުންތެރިންގެ ފަރާތުންވެސް މުބާރާތުގައި ބޮޑު ކުރިއެރުމެއް ފެނިގެންދިޔަ ކަމަށް ވިދާޅުވިއެވެ.
އިގްނާޒް ވިދާޅުވީ ހުރިހާ ދިވެހި ކުޅުންތެރިންވެސް މުބާރާތުގައި ވަރަށް ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ. އަދި މިއީ ރާއްޖޭގައި ބޭއްވި މި ފެންވަރުގެ ފުރަތަމަ މުބާރާތަށް ވުމާއެކު، މުބާރާތުގައި ދިވެހި ކުޅުންތެރިން ސީޑް ނުކުރާ ކަމަށްވެސް ވިދާޅުވިއެވެ.
"ބައެއް ފަހަރު ވާ ގޮތަކުން، ނަސީބު ދިމާކުރާ ގޮތަކުން ހުރިހާ ދިވެހި ކުޅުންތެރިން އެއްފަޅިއަކަށް ދާ ފަހަރުވެސް އެބައާދޭ" އިގްނާޒް ވިދާޅުވިއެވެ.
މުބާރާތުގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދި އާރާ އާސާލް އާޒިމް ބުނީ އަމިއްލަ ގައުމުގައި، ސަޕޯޓަރުން ކުރިމަތީގައި މުބާރާތުގައި ވާދަކުރަން ޖެހުމަކީ ލިބުނު ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް ކަމަށާއި، އެ ޕްރެޝަރު ކުޑަވެގެންދިޔައީ ސަޕޯޓަރުންގެ ފަރާތުން ލިބިގެންދިޔަ ތަރުހީބުގެ ސަބަބުން ކަމަށެވެ. އަދި އެ ހުރިހާ ކަމަކާއެކުވެސް އަމިއްލަ ގައުމުގައި މުބާރާތް ކުޅެން ލިބުމުކީ ލިބިގެންދިޔަ އާދަޔާ ޚިލާފު ޖޯޝަކާއި ފޯރިއެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މި މުބާރާތުގެ ސިންގަލްސް އަދި ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން އާރާ ވަނީ ހޯދާފައެވެ. މި މުބާރާތުގައި އޭޝިއާ ބައްރުގެ ކަޒަކިސްތާނާއި، ޗައިނާ އާއި، އިންޑިއާގެ ކުޅުންތެރިން ހިމެނެވެ. މީގެ އިތުރުން އިންގްލަންޑް އަދި ބްރެޒިލްގެ ކުޅުންތެރިންވެސް ވަނީ ވާދަކޮށްފައެވެ.