ޚަބަރު

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް އޮރެންޖު އިންޒާރު ނެރެފި


  • އޮރެންޖް އިންޒާރު ނެރެފައިވަނީ 15:00 އިން 19:00 އަށް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އިތުރަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެދު ރާއްޖެތެރޭގެ ބޮޑު ސަރަހައްދަކަށް އޮރެންޖް އިންޒާރު މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އޮރެންޖް އިންޒާރު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށެވެ. އެގޮތުން އިންޒާރު ނެރެފައިވަނީ މެނދުރު ފަހު 3:00 އިން ފެށިގެން ރޭގަނޑު 7:00 އާއި ހަމައަށެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މިއާއެކު ގުގުރުމާއެކު ބޯކޮށް ވާރެވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށްފައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އޮރެންޖު އިންޒާރު ނެރެނީ އާދަޔާ ޚިލާފަށް ގުގުރާ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ހަލަތްތަކުގައެވެ. އެގޮތުން މި އިންޒާރު ނެރޭ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ފުރުސަތު ބޮޑުކަމަށް އެއިދާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 63 މޭލަށް މި އިންޒާރު ނެރެފައި އޮންނަ ވަގުތުތަކުގައި ވައިގަދަވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އޮރެންޖް އިންޒާރު ނެރެނީ ފާއިތުވި 3 ގަޑިއިރު 34-40 މޭލަށް ނުވަތަ ފާއިތުވި 1 ގަޑިއިރު 36-42 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުމުން ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މި އިންޒާރުގެ ހާލަތާއި ގުޅޭގޮތުން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ވެއެވެ.

މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބައެއް ރަށްތަކުގައި ދަނީ ފެންބޮޑުވަމުންނެވެ. މިއާއެކު ބައެއް ރަށްތަކުން ފެންބޮޑުވެގެން ގޭގެއަށް ފެން ވަދެގެން ރިޕޯޓްކޮށްފައިވާއިރު، އެންޑީއެމްއޭއިން ވަނީ މިހާތަނަށް 6 ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓްކޮށްފައިވާކަމަށް ވިދާޅުވެފައެވެ.