ރާއްޖޭގެ ސަރަހައްދަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްތަކުގައި ފެންބޮޑުވުމާއި ގުޅިގެން، ޤައުމީ ދިފާޢީ ބާރުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
ޤައުމީ ދިފާޢި ބާރުން މިހާތަނަށް ހާމަކޮށްފައިވާ މަޢުލޫމަށް ބަލާއިރު، 4 ރަށެއްގައި ފެން ބޮޑުވެގެން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ށ. ނަރުދޫގައި ރަށުތެރެއަށް އުދައެރުމާއެކު ފެންބޮޑުވެފައިވުމުން ފެން ހިންކުމުގެ މަސައްކަތް އެރަށުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ދަނީ ކުރަމުންނެވެ.
މީގެ އިތުރުން ދ. ކުޑަހަވަދޫ އަދި ފ. ނިލަންދޫގެ އިތުރުން އދ. މާމިގިއްޔަށް ބޯކޮށް ވާރެވެހި އެރަށްތަކުގައިވެސް ފެންބޮޑުވެފައިވެއެވެ. މީގެ ތެރެއިން ދ. ކުޑަހުވަދޫ އަދި ފ. ނިލަންދޫގައި ފެންބޮޑުވެގެން އެހީތެރިކަން ފޯރުކޮށްދެމުންދަނީ އެމްއެންއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުންނެވެ. އަދި އދ. މާމިގިލީގައި ފެންބޮޑުވެގެން އެހީތެރިކަން ފޯރުކޮށްދެނީ އދ. މާމިގިލި ފަޔަރ ސްޓޭޝަނުން ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
އިރުވައި މޫސުން ފެށުމާއެކު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިހާރު ބޯކޮށް ވާރެވެހި ދަނީ ވިއްސާރަކުރަމުންނެވެ. އެގޮތުން ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
މިވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ ލ. ކައްދޫއަށް ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެގޮތުން ކައްދޫއަށް 87.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ރެކޯޑުކުރެވިފައިވައިވާކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
މޫސުން ގޯސަވާނޭކަމަށް ލަފާކުރެވޭތީ ޙާއްޞަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން އަދި ޢާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް ކަމާއިބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.