ޚަބަރު

ހާހަކަށް ވުރެ ގިނަ ޢުމްރާވެރިންނާއެކު ވެލާނާ އެއަރޕޯޓަށް ބާރުބޮޑު ދުވަހެއް


  • މިއަދު އެކަނި 1070 ޢުމްރާވެރިން ރާއްޖެ އަންނާނެ

  • އެއަރޕޯޓް އެންމެ ބާރުބޮޑުވަނީ ހެނދުނު އަދި މެނދުރު ފަހު ގަޑިތަކުގައި

  • އެއަރޕޯޓަށް ދާ ފަރާތްތަކުން 3 ގަޑިއިރު ކުރިން ދިއުމަށް ވަނީ އިލްތިމާސްކޮށްފައި

ރާއްޖެއިން ޢުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ މީހުން އަނބުރާ އަންނަން ފަށައިފިއެވެ. މިއަދު އެކަނިވެސް 1070 ޢުމްރާވެރިން އަންނާނެއެވެ.

މިގޮތުން މިއަދު އެކަނިވެސް 4000 އަށް ވުރެ ގިނަ މީހުން އެކި ވަގުތުތަކުގައި ރާއްޖެ އަންނާނެ ކަމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ވިދާޅުވެފައެވެ. އެންމެ ބާރުބޮޑުވާނެ ކަމަށް އެމްއޭއޭސީއެލްއިން ލަފާކޮށްފައިވަނީ ހެނދުނު 6:00 އިން 9:00 އަށް އަދި މެނދުރު ފަހު 14:00 އިން 16:00 އަށެވެ.

މިއާއެކު މިގަޑިތަކުގައި އެއަރޕޯޓު ސަރަހައްދުގެ މަގުތައް އަދި އެއަރޕޯޓުގެ ޓަރމިނަލް ބާރުބޮޑުވާނެތީ މިކަމަށް ސަމާލުވުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފުރަން ދާ ފަރާތްތަކުން 3 ގަޑިއިރު ކުރިން ޗެކިންއަށް އައުމަށް އެމްއޭސީއެލްއިން ވަނީ އެދިވަޑައިގެންފައެވެ.

މިއަދުގެ އެންމެ ބާރުބޮޑު ގަޑިތަކުތަކުގައި ގިނަ ޢުމްރާ ވެރިން ހިމެނޭހެން ގިނަ އަދަދެއްގެ ބަޔަކު އަންނާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ލަފާކޮށްފައެވެ. އެގޮތުން ހެނދުނު 6:00 އާއި 9:00 ދެމެދު 2678 އެއްހާ މީހުން ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި 618 ޢުމްރާވެރިން ހިމެނޭކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ. އަދި މެންދުރުފަހު މެންދުރު 14:00 - 16:00 އަކާ ދެމެދު 2071 މީހުން ރާއްޖެއައުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި 452 ޢުމްރާވެރިން ހިމެނޭކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ޢުމްރާވެރިންނާއެކު ވެލާނާ އެއަރޕޯޓު ބާރުބޮޑުވުނާނެ ކަމަށް އެމްއޭސީއެލްއިން ފާހަގަކޮށްފައިވާއިރު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ މިދިޔަ ޑިސެމްބަރުމަހު ރާއްޖެއިން 6300 އަށް ވުރެ ގިނަ މީހުން ޢުމްރާގެ އަޅުކަން އަދާކުރުމަށް ގޮސްފައިވާކަން ހާމަކުރައްވާފައެވެ. މިއީ އެކި ގްރޫޕުތަކުގެ ޙަވާލުގައި ދިޔަ ޢުމްރާވެރިންނެވެ. މިއާއެކު ގިނަ ކުރިއަށް އޮތް ދުވަސްތަކުގައި އެފަރާތްތައް ރާއްޖެ އަންނަމުންދާނެތީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެއަރޕޯޓަށް ބާރުބޮޑުވާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން މިދުވަސްވަރަކީ ފަތުރުވެރިކަމުގެ ސީޒަނަށް ވުމާއެކު އާ އަހަރާއި ދިމާކޮށް ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިންވެސް ދަނީ ޒިޔާރަތްކުރަމުންނެވެ. އެހެންކަމުން އެއަރޕޯޓުގެ ޚިދުމަތް ހޯދުމަށް ވީހާވެސް ދުރާލާ ދިއުމަށް އެމްއޭސީއެލްއިން އިލްތިމާސްކުރައްވައެވެ.