ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރި އެއްބަސްވުމުގެ ދަށުން މަހުގެ އުފެއްދުންތައް ރީ އެކްސްޕޯޓް ކުރުމަށް މަގުފަހިވެފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއިބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މިމަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފަށާފައިވާއިރު، ރާއްޖެއަކީ މަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ ޤައުމެކެވެ. މަސްވެރިކަމުގެ ދާއިރާގައި ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާގެ ވުނަކުރުންތަކަށް ނުވަތަ އިންވެސްޓްމެންޓުތަކަށް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ. އަދި އެއްބަސްވުމުގެ އެއް ބޭނުމަކީ އެކްސްޕޯޓު އިތުރުކުރުންކަން މަސްވެރިކަމާބެހޭ ވުޒާރައިން ފާހަގަކުރައްވައެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ހުރިހާ އުފެއްދުމެއްހެން މި އެއްބަސްވުމުގެ ދަށުން ޗައިނާއަށް ސުން ރޭޓުގައި އެކްސްޕޯޓުކުރެވޭނެއެވެ. މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން މަހުގެ އުފެއްދުންތައް ރީ އެކްސްޕޯޓް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. މިއާއެކު ޗައިނާގެ ވިޔަފާރިތަކަށް ރާއްޖެއިން ސީފުޑްގެ ބާވަތްތައް ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ސީފުޑްގެ 296 ބާވަތެއް އެއްވެސް ޑިއުޓީއަކާ ނުލައި ޗައިނާއަށް އެކްސްޕޯޓްކުރެވޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވަނީ ވިދާޅުވެފައެވެ.
"ރާއްޖޭގައި ހުއިފިލަނޑާވިޔަސް، ލޮނުމަސް އަޅަައިގެން ވިޔަސް، އަދި ގްރޫޕަރ އެއްޗެހި މެރިކަލްޗަރއިން ބްރީޑްކޮށްގެންވިޔަސް، ކަޅުބިލަ މަސް، ކަންނެލި މިހެން ގޮސް ހުރިހާ ބާވަތެއްގެ މަސް، އަދި ރާއްޖޭގައި ނެތް ސީފުޑް، ޑިނގާ އަދި ލޮބްސްޓަރ މިސާލަކަށް؛ ރާއްޖޭގައި ހުރޭ އެކަމަކު އިންޑަސްޓްރިއަލް ސްކޭލެއްގައި ލިބެން ނުލިބޭ ރާއްޖޭގައި. ރިސޯޓުތަކަށް އިމްޕޯޓުވެސް އެބަކުރޭ. މިހުރިހާ ސީފުޑެއް ދިވެހި ރާއްޖެ ގެނެސް ވަކިވަރެއްގެ ވެލިއެއް އެއްކޮށްގެން، ޑަބްލިޓީއޯގެ މިންގަނޑުތައް ވެލިއު އެޑްކޮށް ޗައިނާއަށް ސުން ޕަސެންޓުގައި އެކްސްޕޯޓް ކުރުމުގެ ފުރުސަތު މިހާރު ހުރިހާ ދިވެހި ރައްޔިތުންނަށް ލިބޭނެ. މިއީ ޗައިނާއިން ވަކި ޤައުމުތަކަށް ދީފަހުރި ފުރުސަތުތަކެއް ނޫން." ވަޒީރު ވިދާޅުވިއެވެ.
ޗައިނާއެކު ސޮއިކޮށްފައިވާ އެއްބަސްވުމާއެކު މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެކަމަށް މަސްވެރިކަމާބެހޭ ވުޒާރައިން ވިދާޅުވެއެވެ. އަދި މިކަމުގެ ސަބަބުން މަސްވެރިކަމުން ޖީޑީޕީއަށް ހިއްސާކުރާ މިންވަރު އިތުރުވެ، ސީދާ މަސްވެރިޔާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށްވެސް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ޗައިނާއަކީ 1.41 ބިލިޔަނަށްވުރެ ބޮޑު އާބާދީއެއްއޮތް 707 މިލިޔަންއާއި ގާތްކުރާ އަދަދެއްގެ މެދު ފަންތީގެ އާމްދަނީއެއް ލިބޭ ޤައުމެކެވެ. އެހެންކަމުން މިހާބޮޑު މާކެޓަކަށް ވަނުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރިންނަށް ހުޅުވިގެންދިއުމަކީ ރާއްޖޭގެ ވިޔަފާރިތަކާއި އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިދާނެ ކަމެއްގެގޮތުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ދެކެއެވެ.