ޚަބަރު

ކިއުބާގެ ރިވޮލޫޝަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި


  • ކިއުބާގެ ރައްޔިތުންނަށް ތަރައްޤީއާއި ފާގަތިކަން އެދިވަޑައިގެންނެވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކިއުބާގެ ރިވޮލޫޝަން ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް އެޤައުމުގެ ރައީސް މިގޭލް ޑިއާޒް-ކެނެލް ބާމުޑޭޒް އަށާއި ކިއުބާގެ ބޮޑު ވަޒީރު މެނުއެލް މަރޭރޯ ކްރޫޒްއަށް ފޮނުއްވައިފިއެވެ.

އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސްޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކިއުބާގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާ އިޚުލާސްތެރި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

މީގެ އިތުރުން ކިއުބާގެ ރައީސާއި ބޮޑުވަޒީރު، ފުރިހަމަ ޞިއްޙަތުގައި ލެހެއްޓެވުމަށް އެދިވަޑައިގަންވާ ކަަމަށާއި އެ ޤައުމުގެ ރައްޔިތުންނަށް ތަރައްޤީއާއި ފާގަތިކަން އެދިވަޑައިގަންނަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި މެސެޖުގައި ވަނީ ވިދާޅުވެފައެވެ.

ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަސް ކިއުބާގައި ފާހަގަކުރަނީ އެ ޤައުމުގެ ކުރީގެ ރައީސް ފިޑެލް ކާސްޓްރޯ އިސްވެ ހުންނަވައި ގެންނެވި އިންޤިލާބުގެ ކާމިޔާބީ ފާހަގަކުރުމަށް "އެނިވަރސަރީ އޮފް ދަ ރިވޮލޫޝަން" ގެ ގޮތުގައެވެ.

ދިވެހިރާއްޖެ އާއި ކިއުބާއާއި ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރީ 29 ޖަނަވަރީ 1977 ގައެވެ.