ޒަމާނުއްސުރެވެސް ރާއްޖޭގެ އިދާރީ ދާއިރާތައް ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. އެގޮތުން ފެހި ޤާނޫނު އަސާސީގެ ދަށުން ލާމަރުކަޒީ ނިޒާމެއް އެކުލަވާލާ އެ ނިޒާމުގެ ދަށުން، ކައުންސިލްތައް ބާރުވެރިކުރުމަށް މަސައްކަތްތައް ފެށުނެވެ. ނަމަވެސް އެކަމަށް ދިމާވި އެންމެ ބޮޑު ހުރަހަކީ، އެކަށީގެންވާ ވަރަށް ވަސީލަތްތައް ތަރައްޤީ ކުރެވިފައި ނުވާ ރަށްތަކަށް މަރުކަޒުވެފައިވާ ބާރުތައް، ދޫކޮށްލުމަށް އޮތް ގޮންޖެހުމެވެ.
މި މަސައްކަތް ކުރުމަށް ސަރުކާރުތަކުން ގެންގުޅެފައިވަނީ އެކިއިރު އެކި ވިސްނުންތަކެވެ. އެގޮތުން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު ޚިދުމަތްތަކާ ބެހޭ ވުޒާރާއަކީ މި މަޤްޞަދު ހާސިލްކުރެއްވުމަށް މުޅިން އަލަށް އުފެއްދި ވުޒާރާއެކެވެ.
މި ވުޒާރާގެ ހުރިހާ މަސައްކަތެއްވެސް ގުޅިފައިވަނީ ރަށްރަށުގައި ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއެވެ. އެގޮތުން ސަރުކާރުން އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދީފައިވާ އެއް މަސައްކަތަކީ ކައުންސިލްތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ސަރުކާރަށް ބަރޯސާނުވެ ހިންގޭ ތަންތަނަށް ހެދުމެވެ. މިކަން ހާސިލްކުރުމަށް 2024 ވަނަ އަހަރުގެ ކުރީކޮޅު ކެބިނެޓުން ނިންމެވި އެންމެ މުހިންމު އެއް ނިންމެވުމަކީ ކައުންސިލްތަކުގެ އިޙްތިޞާސް 700 މީޓަރާ ހަމައަށް އިތުރުކުރުމެވެ.
މި ނިންމުމާއެކު ދެން ނިންމެވި އަނެއް ނިންމެވުމަކީ އިހުތިޞާސްގެ ބޭރުންވެސް ރަށްތައް ދޫކުރުމެވެ. މިކަމާގުޅޭ ކަރުދާހެއް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު ޚިދުމަތްތަކާއި ބެހޭ ވުޒާރާއިން ތައްޔާރުކޮށް ކެބިނެޓަށް ހުށަހެޅިއެވެ. އަދި މިކަމާ ގުޅޭ ޤަވާއިދެއް ހަދާ އެޤަވާއިދުގެ ދަށުން ކައުންސިލްތަކުން ރަށްތައް ބޭނުންވެގެން ހުށަހަޅަން ޖެހެނީ އިދާރީ ދާއިރާތަކާ ބެހޭ ވުޒާރާއަށް ކަމަށް ނިންމިއެވެ. އެ ވުޒާރާއިން އަދާކުރަނީ ކައުންސިލްތަކަށް ރަށްތައް ހޯދައި ދިނުމުގައި މެދުވެރިއެއްގެ ދައުރެވެ.
އެ ވުޒާރާއިން ހުޅުވާލި ފުރުސަތާއެކު ކައުންސިލްތަކުން ރަށްތައް ހޯދުމަށް ޕްރޮޕޯސަލް ހުށަހަޅަން ވަނީ ފަށާފައެވެ. އަދި މިހާތަނަށް ތިން ކައުންސިލަކަށް ފަޅުރަށްތައް ދިނުމަށް އެ ކައުންސިލްތަކުން ހުށަހެޅި ޕްރޮޕޯސަލްތައް ވަނީ އިވެލުއޭޓްކޮށް ނިންމާފައެވެ. ވުޒާރާއިން އިވެލުއޭޓްކޮށްފައިވަނީ ރ. އިނގުރައިދޫ ކައުންސިލާއި ދ. އަތޮޅު ކައުންސިލާއި ލ. މާވަށު ކައުންސިލުން ހުށަހެޅި ޕްރޮޕޯސަލްތަކެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް އިދާރީ ދާއިރާތަކާބެހޭ ވުޒާރާއިން ވަނީ ފާއިތުވި އަހަރު ކުރައްވާފައެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތަކީ ކައުންސިލްތަކުގެ ވަސީލަތްތައް ބިނާ ކުރުމަށް ކުރާ މަސައްކަތެވެ. މިގޮތުން މާލެ ނައިސް މާލޭގައި ހުރި އޮފީސްތަކުން ދޭ ޚިދުމަތްތައް ރަށުގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރާ މަސައްކަތަކީ، އެ ވުޒާރާގެވެސް ބައިވެރިވުމާއެކު ކުރަމުންދާ މަސައްކަތްތަކެވެ.
މިގޮތުން ކައުންސިލްތައް 7 ކްލަސްޓަރ އަށް ބަހާލައިގެން މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މީގެ ތެރެއިން 6 އަތޮޅެއްގައި ތަމްރީނުތައް ފަށާފައިވާއިރު، ބާކީހުރި އަތޮތަކުގައި މި މަސައްކަތް ކުރަން ވަނީ ރޭވިފައެވެ.
މީގެ އިތުރުން ކައުންސިލްތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު 187 ކައުންސިލެއްގެ ކައުންސިލް އިމާރާތްހުރީ އައު ކުރަންޖެހިފައެވެ. އެ މަސައްކަތްތައް މިހާރު ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.
ސިޓީތަކާ ބެހޭ ވުޒާރާއިން ވަނީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމަނައިގެން ކައުންސިލް އިމާރާތް ކުރާ 55 ކައުންސިލްގެ އިތުރުން ޗައިނާ ސަރުކާރުގެ އެހީގައި 50 ކައުންސިލެއްގެ އިމާރާތް ކުރުމަށް ކަނޑައަޅުއްވާފައެވެ.
ލާމަރުކަޒީ ޤާނޫނު 2010 ވަނަ އަހަރު ވުޖޫދު ކުރުވުމަށްފަހު 10 އިސްލާހެއް މިހާތަނަށް ގެނެސްފައިވެއެވެ. މި އިސްލާހުތަކުގެ ސަބަބުން ރައްޔިތުންނަށް ހަޤީޤަތުގައިވެސް ލުއިތަކެއް ލިބިގެންދިޔަތޯ ބެލުމަށް ދިރާސާއެއް ހެދީވެސް މިއަހަރުއެވެ. މި ދިރާސާގެ އަލީގައި މައިގަނޑު ގޮތެއްގައި ތިން ކަމެއް ފާހަގަވިއެވެ. އެއީ:
• އިންތިޚާބު ކުރާ މެންބަރުންގެ އަދަދު ގިނަކަން
• އިންތިޚާބުކުރާ މެންބަރުންގެ ތަޢުލީމީ ފެންވަރު މަތިކުރަން ޖެހޭކަން
• ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކުގެ މާލީ ބާރުވެރިކަން އިތުރުކުރުން
ރަށްރަށުގެ ޚިދުމަތްތައް ރަނގަޅު ކުރުމުގެ އިތުރުން ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެވޭނެ އެތައް މަސައްކަތްތަކެއްވެސް އެވުޒާރާއިން ވަނީ ކޮށްފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތީން އެ ވުޒާރާއިން ކޮށްފައިވާ މުހިންމު މަސައްކަތެވެ. އެގޮތުން މިއަހަރުގެ އަޟުޙާ ޢީދަށާއި ފިޠުރު ޢީދަށް ހުރިހާ ސިޓީއަކާއި، ވެރިކަށް ކުރާ ރަށެއް ދިއްލާލުމުގެ މަސައްކަތްވަނީ ކޮށްފައެވެ.
މީގެ އިތުރުން އެޗްޑީސީގެ ދަށުން ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ބަދަލުކުރުމަށް އެ ވުޒާރާއިން އަދާކުރި ދައުރަކީ ފާހަގަކޮށްލެވޭ މަސައްކަތެކެވެ. އެ ވުޒާރާގެ ބެލުމުގެ ދަށުން މަސައްކަތް ކުރާ ޕަބްލިކް ވޯކްސްގެ މަސައްކަތްތައް ފުޅާކޮށް މާލެއާއި ރަށްރަށުގެ ކައުންސިލްތަކަށް ދިމާވާ ދަތިތައް ހައްލު ކޮށްދިނުމުގައި ވުޒާރާގެ މުވައްޒަފުން ވަނީ ހަރަކާތްތެރިވެފައެވެ. އަލަށް އުފެދުނު މި ވުޒާރާ ވަނީ ރައްޔިތުންނާއި ސަރުކާރާއި ދެމެދު އޮތް ދުރުމިން ކައިރިކޮށްދީފައެވެ.