ފާއިތުވި 2024 ވެގެންދިޔައީ އަހަރު ފެށުނުއިރު ސިޔާސީ ގޮތުން ހަލަބޮލި އަހަރަކަށެވެ. އަހަރު ފެށިގެންދިޔައީ އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޒުލުކުރެއްވުމުގެ މަސައްކަތާއެކުއެވެ. ނަމަވެސް އެކަން ނާކާމިޔާބުވީ އިދިކޮޅުގައި ތިއްބެވި 13 މެންބަރުން ވެރިކަންކުރާ މައި ޕާޓީ ޕީއެންސީއާއި ގުޅިވަޑައިގަތުމުންނެވެ.
ހަމައެހެންމެ އިދިކޮޅުގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ނުދެއްވައި އެ ދައުރު ނިމެންދެން ހިފެހެއްޓެވިއެވެ.
2024 އޭޕްރީލް މަހު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވިއެވެ. 93 މެންބަރުން އިންތިޚާބުކުރަންޖެހޭ އެ އިންތިޚާބުގެ ސުޕަރ މެޖޯރިޓީއެއް ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކުރިއެވެ. 20 ވަނަ މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ 75 މެންބަރުން ހިމެނިވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މިއީ ރައްޔިތުން ސަރުކާރަށް ކުރި އިތުބާރު ކަމަށާއި ހަމަޖެހުމާއެކު ޤައުމުގެ ކަންކަން ކުރިއަށްގެންދަން ރައްޔިތުން ދިން ފުރުސަތެއް ކަމަށެވެ.
19 ވަނަ މަޖިލީހުގެ މެޖޯރިޓީ ތަމްސީލް ކުރި އެމްޑީޕީއަށް މަޖިލިސް އިންތިޚާބުގައި ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައެވެ. 19 ވަނަ މަޖިލީހުގައި 65 ގޮނޑި ކާމިޔާބުކުރި އެމްޑީޕީއަށް 20 މަޖިލީހުގައި ކާމިޔާބު ކުރެވުނީ އެންމެ 12 ގޮނޑިއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދިޔައީ މީގެ ކުރީގެ މަޖިލިސްތަކާ ޚިލާފަށް ރައްޔިތުން އުންމީދުކުރިވަރުގެ މަޖިލީހަކަށެވެ. ހުރިހާ ފިކުރަކަށްވެސް ފުރުޞަތު ދެއްވައިގެން މަޖިލީހުގެ މަސައްކަތްތައް ކުރިއަށްގެންދަވާ މަޖިލީހަކަށެވެ. މާރާމާރިއާއި އަބުރުކަތިލުންފަދަ ކަންކަމަށް ޖާގަ ނުދީ، ޑިމޮކްރަސީގެ ރިވެތި ސިފަތައް ފެންނަ މަޖިލީހަކަށެވެ. އަދި އެ މަޖިލިސް ވެގެންދިޔައީ މިހާތަނަށް އެންމެ އުފެއްދުންތެރި މަޖިލީހަށްވެސްމެއެވެ. އެގޮތުން އެތައް ޤާނޫނަކަށް އިޞްލާހު ގެނެސް، ދުވަސްވީ އެތައް ޤާނޫނެއް ޒަމާނާ އެއްގޮތްކުރިއެވެ.
• ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
• ވަޒީފާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
• ފޮރިން އިންވެސްޓްމަންޓްގެ ބިލް
• ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
• ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލް
• ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
• ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލް
• ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލް
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ގެނައި އިސްލާހުތަކުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނާއި އާންމުންގެ ކަންބޮޑުވުންތަކަށް ވަނީ ހައްލު ހޯދައިދީފައެވެ. އެގޮތުން، ކުރިން އަހަރެއްގެ ތެރޭގައި ގިނަ އަދަދެއްގެ ބައި އިލެކްޝަންތައް ބާއްވަން ޖެހުމުން އެކަމުގެ ބުރަ ރައްޔިތުންނާއި އިލެކްޝަންސް ކޮމިޝަނަށް އުފުލަން ޖެހުނުއިރު ޤާނޫނަށް ގެނައި އިސްލާހުތަކުން އެކަމަށް ލުއެއް ދީ، އަހަރަކު ދެ ފަހަރު ބައި އިލެކްޝަންތައް ބާއްވަންޖެހޭ ގޮތަށް ވަނީ ބަދަލުތައް ގެނެސްފައެވެ.
ސިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނަށް ގެނައި އިސްލާހާއެކު ކުރީގެ ޤާނޫނުގައި ބަޔާންކުރާ ޞިއްޙީ ޚިދުމަތް ދިނުމުގެ ޤައުމީ ނިޒާމު ޤާއިމުކުރުމުގެ މަޤްސަދު އިތުރަށް ވަނީ ފުޅާވެގެން ގޮސްފައެވެ. އަދި، މި ނިޒާމުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންނަށް ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ދުޅަހެޔޮ ޞިއްޙަތަކަށް ވާސިލުވެ ދެމިތިބުމަށް ބޭނުންވާ ޞިއްޙީ ޚިދުމަތާއި ވަސީލަތްތައް ރައްކައުތެރި ގޮތެއްގައި، އަދި އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދެވޭނެ ޞިއްޙީ ޚިދުމަތް ދިނުމުގެ ޤައުމީ ނިޒާމެއް ޤާއިމުކުރުން ކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.
ބިނާވެށީ ޕްލޭން ކުރުމާއި ހިންގުމުގެ ބިލަކީވެސް ފާހަގަކުރެވޭ ބިލެކެވެ. ރާއްޖޭގެ ތަރައްޤީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ރާއްޖޭގެ ބިމުގެ ޖާގައިގެ ދަތިކަން ކަމަށްވާއިރު ބިމުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފާ ރާއްޖޭގެ އިޤްތިޞާދަށް އޭގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި މި ޤާނޫނުގެ ސަބަބުން ވަނީ ލިބިފައެވެ.
• ބޭރު ފައިސާއާ ބެހޭ ބިލު
• ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
• ދައުލަތުގެ ދަރަންޏާބެހޭ ބިލު
• ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު
• އަރބަން ޑިވެލޮޕްމަންޓް ބިލު
• ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމުގެ ބިލު
• ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
• ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
• ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
• މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
• ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
• ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
މި ބިލުތަކުގެ ތެރޭގައި އިގްތިސާދީގޮތުންނާއި އިޖުތިމާޢީގޮތުން ރާއްޖެއަށް މިވަގުތަށް މުހިންމު ގިނަ ބިލުތައް ހިމެނެއެވެ. އެގޮތުން، ދައުލަތުގެ ދަރަންޏާއި ފިސްކަލް ޒިންމާގެ ބިލުތަކުގެ ދަށުން ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފާއިރު ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރު ކުރުމަށް ތިން ޤާނޫނަކަށް ވަނީ ބަދަލުތައް ގެނެސްފައެވެ. މިއީ ރާއްޖެއަށް މިހާރު ލިބޭ ބޭރު ފައިސާގެ އާމްދަނީ އިތުރުކޮށް، ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމަށް މުހިންމު ބިލުތަކެއްކަން ފާހަގަކުރެވެއެވެ.
މި ދައުރުގައި ފާސްކޮށްފައިވާ މުހިންމު ބިލުތަކުގެ ތެރެއިން އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް ގެނައި އިސްލާހާއި ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް ގެނައި އިސްލާހަކީ ރާއްޖޭގައި ދިމާވެފައިވާ ވޭޕްގެ މައްސަލައަށް ހައްލު ލިބިގެންދިޔަ އިސްލާހުތަކެކެވެ. މި އިސްލާހުތަކުގެ ތެރެއިން މިއަހަރު މިވަނީ ރާއްޖެއަށް ވޭޕުގެ ބާވަތްތައް އެތެރެކުރުމާއި ވިއްކުމާއި ބޭނުން ކުރުންވެސް އެއްކޮށް މަނާވެފައެވެ.
މީގެ އިތުރުން ދުންފަތް އެކުލެވޭ އުފެއްދުންތަކުން ނަގާ އިމްޕޯޓް ޑިއުޓީވެސް މިވަނީ ބޮޑުކޮށްފައެވެ. އަދި އެފަދަ ތަކެތި އިޝްތިހާރުކުރުމާއި އާންމުކޮށް ވިއްކުމުގެ އުސޫލުތައް ބަދަލުކުރުމުގެ އިތުރުން ދުންފަތުގެ ބާވަތްތައް ގަނެ ވިއްކޭ އުމުރު މިހާރު ވަނީ 21 އަހަރަށް ބޮޑުކޮށްފައެވެ.
މަޖިލީހުން ވަނީ މިހާރު ރާއްޖޭގައި ކަންބޮޑުވެފައިވާ މައްސަލައެއް ކަމަށްވާ ސައިބަރ ސްޕޭސްގައި ހިންގާ ކުށްތަކުގެ މައްސަލައަށްވެސް ޤާނޫނުގެ ދަށުން ހައްލު ލިބޭނެ އިސްލާހުތައް ގެނެސްފައެވެ. އެގޮތުން، ސައިބަރ ސްޕޭސްގައި ހިންގާ ކުށްތަކަކީ ޤާނޫނުގައި ކަނޑައެޅިފައިވާ ކުށްތަކުގެ ގޮތުގައި ހަދައި، އެފަދަ ކުށްތަކަށް މިހާރު ވަނީ އަދަބުތައް ކަނޑައަޅާފައެވެ.
ފާއިތުވި އަހަރުގެ ތެރޭގައި ޤާނޫނުއަސާސީއަށް 5 އިސްލާހެއްގެނައެވެ. އެއީ ދިވެހިރާއްޖޭގެ ސަރަހައްދާއި، ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ސަރަހައްދުތައް މިލްކޮށްދިނުމާއި އަސްކަރީ ބޭނުންމަށް ދިނުމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޝަރުތުތަކާއި ޤާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމާއި އަދި ރައީސުލްޖުމްހޫރިއްޔާގެ މަސްޢޫލިއްޔަތުތަކާއި ގުޅޭ އިސްލާހުތަކެކެވެ.
މި އިޞްލާހުތަކާއެކު މިހާރު ބޭރުގެ އެންމެ ސިފައިންގެ މީހަކަށްވެސް ރާއްޖޭގައި އޮޕަރޭޓް ކުރެވޭނީ މަޖިލީހުގެ އަޣްލަބިއްޔަތުން ފާސްކޮށްގެންނެވެ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ މާއްދާއަކީވެސް ރައްޔިތުންގެ މަޖިލީހުން ބަދަލު ގެނެވޭގޮތަށް މީގެ ކުރިން އޮތް މާއްދައެކެވެ. ނަމަވެސް އައު އިޞްލާހާއެކު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގާ ކަންކަމަށް ބަދަލު ގެނެވޭނީވެސް އެ ބަދަލު ގެނައުމަށްޓަކައި ރައްޔިތުންގެ ރުހުން އޮތްތޯ ބަލަން ވޯޓަކަށް އެހުމަށްފަހުގައެވެ.
މި އިސްލާހުތަކުގެ ތެރެއިން މެންބަރުންނާ ގުޅިގެން ގެނައި އިސްލާހަކީ ވަކި ޕާޓީއަކުން އިންތިޚާބުވެފައިވާ މެންބަރުން ޕާޓީ ބަދަލުކުރުމާއެކު އެ މެންބަރެއްގެ ގޮނޑިގެއްލޭގޮތަށް ގެނައި އިސްލާހެވެ. މި އިސްލާހު ގެނެސްފައިވަނީ ރައްޔިތުން އެ މެންބަރަކު އިންތިޚާބު ކުރަނީ ވަކި ފިކުރަކަށް ތާޢީދުކޮށްގެން ކަމަށްވާތީ މެންބަރަށް ރައްޔިތުން އެދޭގޮތާ ޚިލާފުވިޔަ ނުދިނުމަށެވެ.
މިއިން ކޮންމެ އިޞްލާހަކައެކު ރައްޔިތުންނަށް ލިބޭ ބާރު ވަނީ އިތުރުވެފައެވެ.
މަޖިލީހުގެ 2024 ވަނަ އަހަރުގެ ހުރިހާ ދައުރެއް ނިންމާލުމަށްފަހު މަޖިލިސް އޮތީ މިހާރު ޗުއްޓީގައެވެ. މިހާރުވެސް މަޖިލީހުގައި މުހިންމު ބިލުތަކުގެ މަސައްކަތް ހުރިއިރު މި އަހަރުގެ ފުރަތަމަ ދައުރުގައިވެސް ސަރުކާރުގެ މުހިންމު ބިލުތަކާއެކު ގިނަ މަސައްކަތްތަކެއް ކުރިއަށްދާނެ ކަމަށް މެންބަރުން ވިދާޅުވެއެވެ.