ޚަބަރު

ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި


މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރްޞަތާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރްޞަތު ހުޅުއްވައިލައްވައިފިއެވެ.

ޤައުމީ އިނާމު ދެއްވުމުގައި، ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައެޅިފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން ޚާއްޞަ ގޮތެއްގައި އަންހެނުންނާއި ޒުވާނުންގެ ދާއިރާއާ ގުޅޭ ކަންކަމަށް މިއަހަރުވެސް ވަރަށްބޮޑު އިސްކަމެއް ވަނީ ދެއްވާފައެވެ. އެގޮތުން، ރާއްޖޭގައި ތިބި އެކި ފަންނުގެ ހުނަރުވެރިންނަށް ފުރްޞަތު ދެއްވުމަށްޓަކައި އިނާމުދެވޭ ދާއިރާތަކުގެ ތެރޭގައި، މިދިޔަ އަހަރެކޭ އެއްގޮތަށް، ޒުވާނުންނާއި އަންހެނުންގެ ދާއިރާ ވަކިން ހިމަނުއްވައި، މި ދެ ދާއިރާއިން އިނާމު ދެއްވާނެ ވަކި ރޮނގުތަކެއް ކަނޑައަޅުއްވާފައިވާކަމަށް ޤައުމީ އިނާމާއިބެހޭ ކޮމިޓީން ވިދާޅުވެއެވެ. މި ދާއިރާއިން އިނާމު ދެއްވާނީ، 5 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތެއްގައި ފާހަގަކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްފައިވާ އަންހެނުންނަށާއި، ޢުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މީގެއިތުރުން، އެކި ދާއިރާތަކުން އިނާމުދެވޭ ރޮނގުތަކަށްވެސް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ ލަފާ އާއިއެކު މިއަހަރު ބައެއް ބަދަލުތައް ގެންނަވާފައިވާކަމަށް ޤައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއަރމަން ޢަބްދުއްރަޝީދު ޙުސައިން ވިދާޅުވިއެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް، މިއަހަރުވެސް ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ. އަދި ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމްޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުންވެސް ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށްވެސް ވަނީ ހަމަޖައްސަވާފައެވެ. ޤައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅުއްވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމެއްގައިކަމަށް ޤައުމީ އިނާމާއިބެހޭ ކޮމިޓީން މަޢުލޫމާތުދެއްވައެވެ. އަދި ކުންފުނި، ޖަމްޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ޤައުމީ އިނާމަށް ނަން ހުށަހަޅާނީވެސް އެކަމަށް ކަނޑައެޅިފައިވާ ފޯމުގައިކަމަށް އެކޮމިޓީން ވިދާޅުވެއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ 5 ގިންތިއަކުންނެވެ. އޭގެތެރޭގައި ހިމެނެނީ:-

1- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް (ޕީ.އެޗް.ޑީ) ހާސިލުކުރުމުގައި ފާހަގަކުރެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުން.

2- މަތީ ތަޢުލީމާއި ތަމްރީނު ކޯހަކުން އެންމެމަތީ ވަނަ ހޯދުން.

3- ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފް ހޯދުން.

4- ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން ސައިންޓިފިކް ތަޙުލީލެއް ނުވަތަ ޢިލްމީ ދިރާސާއެއްކޮށްގެން ނުވަތަ ފާހަގަކޮށްލެވޭފަދަ އާދަޔާޚިލާފު އުފެއްދުންތެރި މަސައްކަތެއްކޮށްގެން ނުވަތަ އައު އީޖާދެއް އުފައްދައިގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުން.

5- ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުން.

މިރޮނގުން މިއަހަރު ހުޅުވާލާފައިވަނީ 4 ދާއިރާއަކުން ނެވެ. އެ ދާއިރާތަކަކީ:-

(ހ) ފުރާވަރުގެ ޢުމުރުގެ ކުދިންނަށް އިސްލާމީ ރިވެތި އަޚުލާޤުގެ މައްޗަށް ބިނާވެފައިވާ ޢިބްރަތްތެރި ވާހަކަ ލިޔުމުގެ މުބާރާތް. (ކަމާބެހޭ މުއައްސަސާ: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް)

(ށ) ކުޑަކުދިންނަށް ދިވެހިބަހުން [ނާވިލު] ލިޔުމުގެ މުބާރާތް. (ކަމާބެހޭ މުއައްސަސާ: ދިވެހިބަހުގެ އެކެޑަމީ)

(ނ) ނާށި ބޭނުންކޮށްގެން ތަކެތި އުފެއްދުމުގެ މުބާރާތް. (ކަމާބެހޭ މުއައްސަސާ: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް)

(ރ) ދިވެހިރާއްޖޭގެ ތާރީޚީ ހާދިސާތަކުގެ މައްޗަށް ލިޔެފައިވާ ވާހަކައެއް ނުވަތަ ހާދިސާއެއް އަޞްލަކަށް ބަލައިގެން ނުވަތަ ދިވެހި ފޯކްލޯއެއްގެ މައްޗަށް ބިނާކޮށް އަޞްލު ނުގެއްލޭގޮތަށް، ވިޜުއަލް އާޓްސް އަދި ޕަރފޯމިންގ އާޓްސް ބޭނުންކޮށްގެން ބާއްވާ މުބާރާތް.

މި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން މިހާރުވަނީ ހުޅުވާލައްވާފައެވެ.

މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީވެސް އެކަމަކަށް ކަނޑައެޅިފައިވާ ފޯމުގައެވެ.

ޤައުމީ އިނާމާއި ޚާއްޞަ އިނާމާބެހޭ މަޢުލޫމާތު ދެއްވައި، ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި، ޚާއްޞަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީންނާއި، ޚާއްޞަ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމަވާފައެވެ. ޤައުމީ އިނާމާއި ޚާއްޞަ އިނާމާ ބެހޭގޮތުން އެ ދެކޮމިޓީން ނެރުއްވި ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ވަނީ ޝާއިޢު ކުރައްވާފައެވެ.

ޤައުމީ އިނާމަށާއި ޚާއްޞަ އިނާމަށް ނަން ހުށަހަޅުއްވައި ފޯމުތައް ފޮނުވުމުގެ އެންމެފަހު މުއްދަތަކީ، މިއަހަރުގެ އޯގަސްޓް މަހުގެ 15ވާ ހޯމަ ދުވަސްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލުމާތުދެއްވައެވެ. ފޯމުތައް ފޮނުއްވަންޖެހެނީ، ކަމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ޤައުމީ އިނާމަށާއި، ޚާއްޞަ އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޫކުރައްވާނެއެވެ. އަދި އެއޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ.

މިއަހަރުވެސް ޤައުމީ އިނާމާއި ޚާއްޞަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.