އަތޮޅުތައް

ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް އިތުރު އެއަރލައިންތައް ގެންނަނީ


ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްޤީގެ މަޝްރޫއު ނިމި އޮގަސްޓްމަހު ބައިނަލްއަޤްވާމީ އުދުހުންތައް ފަށާއިރު، އިތުރު އެއަރލައިންތައް ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް އެ އެއަރޕޯޓުން ހާމަކޮށްފިއެވެ.

ޕީއެސްއެމްއާ ވާހަކަދައްކަވަމުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްތިޝާމާ އަޙްމަދު ސަޢީދު ވިދާޅުވީ، މަޝްރޫޢު ފެށިއިރު އަމާޒު ކުރައްވާފައިވަނީ، ޑޮމެސްޓިކް ފްލައިޓްގެ އިތުރުން ބައިނަލްއަޤްވާމީ އުދުހުންތަކަށް ހަފްތާއަކު 20 ފްލައިޓަށް ކަމަށެވެ. އެގޮތުން ބައިނަލްއަޤްވާމީ އުދުހުންތައް ފަށަންވާއިރަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް އިތުރު އެއަރލައިންތަކުގެ ދަތުރުތައް ފެށުމަށް އެ އެއަރލައިންތަކާ ވަހާކަ ދައްކަމުން ގެންދާކަމަށް އިބްތިޝާމާ އަހްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އުންމީދަކީ އެއަރޕޯޓްގެ ތަރައްޤީގެ މަޝްރޫއު ނިމުމުން ޕްރައިވްޓް ޖެޓްތައްވެސް އެއަރޕޯޓުގައި ޖައްސާ މިންވަރު އިތުރުވެ، ދެކުނުގެ ފަތުރުވެރިކަން ފުޅާވެގެން ދިއުން ކަމަށެވެ.